Advertisement

ޔޫކްރެއިންގައި ނިޔުކްލިއާ ކާރިސާއެއް ދިމާވުމުގެ ނުރައްކާ ވަރަށް ބޮޑު: އައިއޭއީއޭ

7 އޮގަސްޓު 2022 - 08:16 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޒަޕޮރިއްޒިޒިއާ ނިޔުކްލިއާ ޕްލާންޓް. -- ފޮޓޯ: ރޮއިޓާޒް


ޔޫކްރެއިންގައި ނިޔުކްލިއާ ކާރިސާއެއް ދިމާވުމުގެ ނުރައްކާ ވަރަށް ބޮޑު: އައިއޭއީއޭ

7 އޮގަސްޓު 2022 - 08:16 0

ޔޫކްރެއިންގައި ނިޔުކްލިއާ ކާރިސާއެއް ދިމާވުމުގެ ނުރައްކާ ވަރަށް ބޮޑު ކަމަަށް ފާހަގަކޮށް، ރަޝިއާގެ ކޮންޓްރޯލްގެ ދަށުގައި އޮތް ޒަޕޮރިއްޒިޒިއާ ނިޔުކްލިއާ ޕްލާންޓް ކައިރީގައި ހަމަލާ ބަދަލު ކުރުން މެދުކަނޑާލުމަށް އދ.ގެ ނިޔުކްލިއާ ހަކަތައާ ބެހޭ އޮފީހުން ގޮވާލައިފި އެވެ.

އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ)ގެ ވެރިޔާ ރަފައެލް ގްރޮސީ ވިދާޅުވީ, ޔޫރަޕްގެ އެންމެ ބޮޑު ނިޔުކްލިއާ ޕްލާންޓަށް އަމާޒުކޮށް ހަމަލާ ދޭ ކަމުގެ ރިޕޯޓުތައް ލިބެމުން ދާތީ އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

ޔޫކްރެއިނުން ބުނީ އެ ޕްލާންޓްގެ ބައެއް ތަންތަނަށް "ސީރިއަސް ގެއްލުން" ލިބުނީ ރަޝިއާގެ ހަމަލާތަކުގެ ސަބަބުން ކަމަށެވެ. މިދިޔަ މާޗް މަހުން ފެށިގެން އެ ޕްލާންޓް ކޮންޓްރޯލް ކުރަނީ ރަޝިއާއިންނެވެ. ނަމަވެސް އެ ތަނުގައި މަސައްކަތް ކުރަނީ އަދިވެސް ޔޫކްރެއިން ރައްޔިތުންނެވެ.

"ހުކުރު ދުވަހު ދިން ހަމަލާތަކުން އެނގެނީ ނިޔުކްލިއާ ކާރިސާއެއްގެ ނުރައްކާ އޮތް މިންވަރާއި ޔޫކްރެއިނާއި އެހެން ގައުމުތަކުގެ ވެސް އާއްމު ސިއްހަތާއި ތިމާވެއްޓަށް އެފަދަ ކާރިސާއަކުން ކުރާނެ ނޭދެވޭ އަސަރު،" ގްރޮސީ ނެރުނު ބަޔާނެއްގައި ވިދާޅުވި އެވެ.

"އެ ފެސިލިޓީއަށް އަމާޒުކޮށް އަދި އެ ފެސިލިޓީގައި ތިބެ އެހެން ތަނަކަށް އަމާޒުކޮށް ހަމަލާ ދިނުމަކީ އަލިފާނާ ކުޅުން ކަހަލަ ކަމެއް. އޭގެން ނުކުންނާނެ ނަތީޖާ ހިޔާލަަށް ވެސް ނުގެނެވޭނެ."

ޔޫކްރެއިންގެ މުވައްޒަފުންނަށް އެއްވެސް ބިރެއް އަދި ޕްރެޝަރެއް ނެތި އެ ޕްލާންޓްގައި މަސަައްކަތް ކުރެވޭނެ މާހަައުލެއް ގާއިމް ކުރަން ޖެހޭ ކަމަށާއި އެ ޕްލާންޓް އިންސްޕެކްޓްކޮށް ޓެކްނިކަލް އެހީ ފޯރުކޮށްދިނުމުގެ ފުރުސަތު އައިއޭއީއޭއަށް ދޭން ޖެހޭ ކަމަށް ގްރޮސީ ވިދާޅުވި އެވެ.

ޒަަޕޮރިއްޒިޒިއާ ޕްލާންޓްގެ އޮޕަރޭޓަަރު ބުނީ ރަޝިއާގެ މިސައިލް ހަމަލާތަކުގެ ސަބަބުން އެއް "ޕަވާ ޔުނިޓް" ބަންދު ކުރަން ޖެހިފަައިވާ ކަމަށާއި ރޭޑިއޯއެކްޓިވް ލީކެއް ކުރިމަތިވުމުގެ ނުރައްކާ އެބަަ އޮތް ކަމަށެވެ. އެކަމަކު ރަޝިއާއިން ބުނީ ހަމަލާތަކުގެ ފަހަތުގައި ވަނީ ޔޫކްރެއިން ކަމަށެވެ.