Advertisement

ފުލަމް އަތުން ލިވަޕޫލް ފުއްދާލީ ޕޮއިންޓަކަށް

6 އޮގަސްޓު 2022 - 20:59 0


ފުލަމް އަތުން ލިވަޕޫލް ފުއްދާލީ ޕޮއިންޓަކަށް

6 އޮގަސްޓު 2022 - 20:59 0

ލަންޑަން (8 އޯގަސްޓް) - އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ފުލަމް އާއި ލިވަޕޫލް ބައްދަލުކުރި މެޗު 2-2 އިން ދެ ޓީމު އެއްވަރުވެގެން ނިމިއްޖެ އެވެ.

ފުލަމްގެ ކްރޭވަން ކޮޓޭޖްގައި ކުޅުނު މެޗުގައި ފުލަމް އިން ދެ ފަހަރު ލީޑު ނެގި އެވެ. އެކަމަކު ލިވަޕޫލުން ބަލިނުވެ ސަލާމަތްވީ ދެ ފަހަރު ވެސް ފަހަތުން އަރައި މެޗުގެ ނަތީޖާ އެއްވަރުކޮށްގެނެވެ.

މި މެޗުން ލިވަޕޫލް ބަލިނުވެ ސަލާމަތްވުމުގައި އެންމެ މުހިންމު ރޯލެއް އަދާކުރީ އެ ޓީމާ އަލަށް ގުޅުނު އުރުގުއޭގެ ފޯވަޑް ޑާވިން ނޫނޭޒެވެ. ބެންޗުން އަރައި އޭނާ މި މެޗުގައި ލަނޑެއް ޖަހައި، ލިވަޕޫލްގެ ދެވަނަ ލަނޑު ޖެހުމަށް އެސިސްޓްކުރި އެވެ.

މެޗުގެ 32 ވަނަ މިނިޓުގައި ފުލަމް އަށް ލީޑު ހޯދައިދިނީ ސާބިއާގެ ފޯވަޑް އެލެކްޒަންޑާ މިޓްރޮވިޗެވެ. ފުލަމްގެ ކެނީ ޓެޓޭ ލިވަޕޫލްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅަ މިޓްރޮވިޗް ގޯލަށް އަމާޒުކޮށްލީ ބޮލުންނެވެ.

މެޗުގެ 64 ވަނަ މިނިޓުގައި ލިވަޕޫލަށް ނަތީޖާ ހަމަހަމަކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ނޫނޭޒް އެވެ.

އެކަމަކު މެޗުގެ 72 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް، މިދިޔަ ސީޒަންގައި 43 ލަނޑު ޖެހި މިޓްރޮވިޗް ވަނީ ދެވަނަ ފަހަރަށް ފުލަމް އަށް ލީޑު ހޯދައިދީފަ އެވެ.

ލިވަޕޫލް ބަލިނުވެ ސަލާމަތްވީ މެޗުގެ 80 ވަނަ މިނިޓުގައި މުހައްމަދު ސަލާހު ޖެހި ލަނޑުންނެވެ. މި ލަނޑު ޖެހުމަށް ސަލާހަށް ފުރުސަތު ތަނަވަސްކޮށްދިނީ، ބެންފީކާ އިން އަގުބޮޑު ޓްރާންސްފާ ފީއެއްގައި ލިވަޕޫލަށް ބަދަލުވި ނޫނޭޒެވެ.