Advertisement

އަންހެން ޗެމްޕިއަންކަން އިޒަބެލާ ހޯދިއިރު، ފިރިހެން ޗެމްޕިއަން ޑޭވިޑަށް ރެކޯޑެއް!

6 އޮގަސްޓު 2022 - 20:57 0

ވިޒިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން އޯޕަން ބަޔާއި ޑްރޮޕްނީ ބައިގެ ޗެމްޕިއަންކަން ހޯދި ޑޭވިޑް ހަބާޑް / ފޮޓޯ: އަދަދު - މުހައްމަދު ޝާބިން


އަންހެން ޗެމްޕިއަންކަން އިޒަބެލާ ހޯދިއިރު، ފިރިހެން ޗެމްޕިއަން ޑޭވިޑަށް ރެކޯޑެއް!

6 އޮގަސްޓު 2022 - 20:57 0

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ) ވޯލްޑް ޓުއާ މުބާރާތެއްގެ ދެ އިވެންޓެއްގެ ޗެމްޕިއަންކަން ހޯދި ދެވަނަ އެތުލީޓުގެ ޝަރަފް ހަވާއީގެ ޑޭވިޑް ހުބާޑް ހޯދިއިރު، މުބާރާތުގެ އަންހެން ބައިގެ ޗެމްޕިއަންކަން ބްރެޒިލްގެ އިޒަބެލާ ސޫސާ ހޯދައިފި އެވެ.

މާލޭ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދިޔަ ވިޒިޓް މޯލްޑިވްސް ޕްރޯގެ ފައިނަލު ހީޓުތައް މިއަދު ނިމިފައިވަނީ މުބާރާތުގެ އެންމެ ފޯރިގަދަ އަދި ވާދަވެރި ނަތީޖާ ތަކާއިއެކުގަ އެވެ.

މިއަދު ކުރިއަށް ދިޔަ ފައިނަލްތަކަށްފަހު ހަވާއީގެ ޑޭވިޑް ވަނީ އައިބީސީ ޓުއާގެ ތާރީޚުގެ މުހިންމު ރެކޯޑެއް ހަދާފަ އެވެ. މިއަދުގެ ދެ އިވެންޓެއްގެ ފައިނަލުގައިވެސް ޑޭވިޑް ނުކުތީ ފްރާންސްގެ އަމައުރީ ލެވާންއާ ދެކޮޅަށެވެ. މިއީ އައިބީސީގެ ތާރީހުގައި ދެ އިވެންޓެއްގެ ފައިނަލުގައި އެއް ބައިވެރިންނެއް ވާދަކުރި ފުރަތަމަ ފަހަރުވެސް މެ އެވެ.

މިއަދު ފުރަތަމަ ކުރިއަށްދިޔައީ ޑްރޮޕްނީ ފައިނަލެވެ. ފްރާންސްގެ އަމައުރީ އަތުން ޑޭވިޑް މޮޅުވީ 4.25 ގެ ތަފާތަކުންނެވެ. މުބާރާތުގެ އެންމެ މަތީ ސްކޯތަކާ އެކު ފައިނަލުން ޑޭވިޑް މޮޅުވީ 16.00ގެ ސްކޯ އެކެވެ. މިގޮތުނ،ް އެއް ރާޅުގައި ޑޭވިޑް ހޯދި 9.00ގެ ސްކޯ އަކީ މުބާރާތުގެ ރެކޯޑެކެވެ. ފައިނަލް ހީޓުގައި އަމައުރީ އަށް ލިބުނީ 11.75ގެ ސްކޯއެކެވެ.

މިއަދު އެންމެ ފަހުން ކުރިއަށްދިޔަ ފިރިހެން އޯޕަން ބައިގެ ފައިނަލް ޑޭވިޑް ކާމިޔާބުކުރީ އެންމެ ފަހު ސިކުންތުކޮޅުގަ އެވެ. ހީޓު ފެށުނީސުރެ ކުރީގައި އޮތީ އަމައުރީ އެވެ. 40 މިނެޓަށް ކުރިއަށްދިޔަ ފައިނަލުން އަމައުރީ މޮޅުވާން ސިކުންތަކަށްވުރެ މަދު ވަގުތުކޮޅެއް އޮއްވާ އެންމެ ފަހުން އެޅި ރާޅުގައި ހޯދި 8.00ގެ ސްކޯއާއިއެކު ޑޭވިޑް ފައިނަލު ކާމިޔާބުކުރި އެވެ.

ޖުމްލަ ސްކޯގެ ގޮތުގައި ޑޭވިޑަށް 14.50ގެ ސްކޯއެއް ލިބުނުއިރު، އަމައުރީ އަށް ލިބުނީ 14.40ގެ ސްކޯ އެކެވެ. ޑޭވިޑް މޮޅުވީ 0.10ގެ ތަފާތުންނެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯގެ އަންހެން އޯޕަން ބައިގެ ޗެމްޕިއަންކަން ހޯދި އިޒަބެލާ ސޫސާ / ފޮޓޯ: އަދަދު - މުހައްމަދު ޝާބިން


މިއަދުގެ އަންހެން ބައިގެ ފައިނަލު ކާމިޔާބުކޮށް ޗެމްޕިއަންކަން ހޯދީ ބްރެޒިލްގެ އިޒަބެލާ ސޫސާ އެވެ. ދުނިޔޭގެ ޗެމްޕިއަކަން މީގެ ކުރިން ހަތަރު ފަހަރު ހޯދާފައިވާ އިޒަބެލާ ފައިނަލް ހީޓު ކާމިޔާބުކުރީ ކެނެރީ އައިލެންޑްސްގެ އެލްގްސަންޑްރާ ރިންޑާއާ ވާދަކޮށް ތަފާތު ބޮޑުކޮށެވެ.

ފައިނަލުގައި އިޒަބެލާ ވަނީ 16.00ގެ ސްކޯ އެއް ހޯދާފަ އެވެ. ރިންޑާ އަށް ލިބުނީ 9.75ގެ ސްކޯ އެކެވެ.

މިއަދު ކުރިއަށްދިޔަ ޖޫނިއާ ބައިގެ ފައިނަލުގައި ރާއްޖޭގެ އާމިން މޫސާ އާއި ވާދަކޮށް ޗެމްޕިއަންކަން ހޯދީ ގެބްރިއެލް މޮލީނާ އެވެ.