Advertisement

ލަންކާގެ ރެފިއުޖީ އާއިލާއަށް އޮސްޓްރޭލިއާގައި ތިބުމުގެ ހުއްދަ ދީފި

6 އޮގަސްޓު 2022 - 12:31 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

މިދިޔަ ޖޫން މަހު ބިލޮއެލާ އަވަށުން އެ އާއިލާއަށް ހޫނު މަރުހަބާއެއް ދިން. -- ފޮޓޯ: ގެޓީ އިމޭޖާޒް


ލަންކާގެ ރެފިއުޖީ އާއިލާއަށް އޮސްޓްރޭލިއާގައި ތިބުމުގެ ހުއްދަ ދީފި

6 އޮގަސްޓު 2022 - 12:31 0

ރެފިއުޖީންނާ މެދު އޮސްޓްރޭލިއާއިން ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ޝިކާރައަކަށްވި އާއިލާއަކަށް ހަތަރު އަހަރު ފަހުން އެ ގައުމުގައި ތިބުމުގެ ހުއްދަ ދީފި އެވެ.

ސްރީލަންކާއަށް ޑީޕޯޓް ކުރުމުގެ ބިރާ ކުރިމަތިވެފައިވާ މުރުގައްޕަން އާއިލާގެ ހަތަރު މެމްބަރުން 2018 އިން ފެށިގެން ތިބީ ކްރިސްމަސް އައިލެންޑުގެ މީހުން ބަންދު ކުރާ މަރުކަޒެއްގަ އެވެ.

އެ އާއިލާ ހައްޔަރު ކުރުމުގެ ކުރިން ދިރިއުޅެމުން އައީ ކުއީންސްލޭންޑުގެ ބިލޮއެލާ އަވަށުގަ އެވެ. އެ އާއިލާ ބަންދު ކުރުމާއެކު އެ މީހުންގެ އަވައްޓެރިން ވަނީ ސަރުކާރަށް ޕްރެޝަރުކޮށްފަ އެވެ.

ސަރުކާރުން ބުނީ އެ އާއިލާގެ ހާއްސަ ހާލަތަށް ބަލައި، އޮސްޓްރޭލިއާގައި ތިބުމުގެ ވިސާ މިހާރު ދީފައިވާ ކަމަށެވެ.

އެ އާއިލާ ކުދިންގެ މަންމަ ޕްރިޔާ ބުނީ ހިތްހަމަޖެހުން ލިބިއްޖެ ކަމަށާއި ދަރިންނަށް ރައްކާތެރިކަމާ އެކު އޮސްޓްރޭލިއާގައި ބޮޑުވުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ.

ލަންކާގެ ތަމަޅަ ރެފިއުޖީންގެ ގޮތުގައި ޕްރިޔާ އާއި އޭނާގެ ފިރިމީހާ ވަކިވަކިން އޮސްޓްރޭލިއާއަށް ދަތުރު ކުރީ 2012 އައި 2013 ގައި ކަނޑު މަގުންނެވެ.

އެ މީހުން ވަޒަންވެރިވީ ކުއީންސްލޭންޑްގެ ބިލޮއެލާ އަވަށުގަ އެވެ. އެ މީހުންގެ ދެ ދަރިން، ތަރްނިކާ އާއި ކޮޕީކާ ވެސް އުފަންވީ އޮސްޓްރޭލިއާއަށެވެ.

ނަމަވެސް އެ މީހުންނަކީ ގަވާއިދާ ހިލާފަށް އައި ރެފިއުޖީން ކަމަށް ބަލައި، އޮސްޓްރޭލިއާ ސަރުކާރުން ބޭނުންވީ ގައުމުން ބޭރު ކުރުމަށެވެ.

އެކަމަކު 2018 ގައި ކޯޓުން އެންގީ އެ މީހުން ގައުމުން ބޭރު ނުކުރެވޭނެ ކަމަށެވެ. އެއާއެކު އޮސްޓްރޭލިއާގެ ކްރިސްމަސް އައިލެންޑުގައި ރެފިއުޖީން ބަންދު ކުރާ މަރުކަޒަށް އާއިލާ އެއްކޮށް ބަދަލު ކުރީ އެވެ.

ރެފިއުޖީންނާ މެދު އޮސްޓްރޭލިއާއިން ގެންގުޅެނީ ހަރުކަށި ސިޔާސަތެކެވެ. އެގޮތުން ކަނޑުމަގުން ބޯޓުގައި އަންނަ ރެފިއުޖީންނަށް ރައްކާތެރިން ދިނުމަކީ އޮންނަ އުސޫލެއް ނޫނެވެ.

ސަރުކާރުން ބުނަނީ އޭގެ ބޭނުމަކީ އިންސާނުން ޓްރެފިކް ކުރުން ހުއްޓުވުން ކަމަށެވެ. ނަމަވެސް ހައްގުތަކަށް މަސައްކަތް ކުރާ ގްރޫޕުތަކުން ދެކޭ ގޮތުގައި އެއީ ގާނޫނާ ހިލާފު އަދި ރެފިއުޖީންގެ ހައްގުތަކާ ހިލާފު އުސޫލެކެވެ.

އޭގެ އިތުރުން ގަވާއިދާ ހިލާފަށް އެތެރެވާ ފަރާތްތައް ހައްޔަރު ކުރުމުގެ ބާރު އިމިގްރޭޝަނުން ގާނޫނުން އޮވެ އެވެ. އޭގެ ސަބަބުން ގިނަ ބަޔަކު ތިބީ ރެފިއުޖީން ބަންދު ކުރާ މަރުކަޒުތަކުގަ އެވެ.

ވަކި މުއްދަތެއް ނެތް ގޮތަށް އަހަރުތަކެއް ވަންދެން މީހުން ބަންދު ކުރާ ތަންތަނުގައި ރެފިއުޖީން ބައިތިއްބާތީ އދ. އާއި އެހެން ފަރާތްތަކުން ފާޑުކިޔާފައި ވެ އެވެ.