Advertisement

ޝައިހް ނިޝާންގެ ބަންދުގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަނީ

6 އޮގަސްޓު 2022 - 10:35 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޝައިހް އާދަމް ނިޝާން ހައްޔަރުކޮށްގެން ގެންދަނީ: ނިޝާން ބަންދުކުރި އަމުރު ސުޕްރީމް ކޯޓަށް ހުށަހަޅަނީ - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު


ޝައިހް ނިޝާންގެ ބަންދުގެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަނީ

6 އޮގަސްޓު 2022 - 10:35 0

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޖޫން 21 ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޝައިހު އާދަމް ނިޝާންގެ ބަންދު ދަމަހައްޓަން ހައި ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ނިންމައިފި އެވެ.

މި ހަމަނުޖެހުން ހިންގަން ރޭވުމުގައި އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތުކޮށް އާދަމް ނިޝާން ހައްޔަރުކުރީ ޖޫން 22 ވަނަ ދުވަހުގަ އެވެ.

ބަންދުގެ މުއްދަތު އިތުރުކުރަމުން ގޮސް ޖުލައި 19 ގައި ބަންދަށް 16 ދުވަސް އިތުރުކޮށްފައިވެ އެވެ. ނިޝާންގެ ފަރާތުން އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ވެސް ވަނީ އެ ބަންދު ދަމަހައްޓައިފަ އެވެ. އެ ފަހުން ކްރިމިނަލް ކޯޓުން ވަނީ ބަންދަށް އިތުރު ތިން ދުވަސް ދީފަ އެވެ.

"ހައި ކޯޓުގެ ނިންމުމުގައި ވަރަށް ބޮޑެތި ގާނޫނީ ގޯސްތަކެއް އަޅުގަނޑުމެންނަށް ފާހަގަވޭ، އެހެންވެ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން ތައްޔާރުވަމުން މި ދަނީ،" ނިޝާންގެ ފަރާތުން ކޯޓުގައި ވަކާލާތުކޮށްދޭ ދިވެހި ޗެމްބާސްގެ ގާނޫނީ ވަކީލެއް ކަމަށްވާ މަރިޔަމް ނިހާޔަތު މި ނޫހަށް ވިދާޅުވި އެވެ.

ނިޝާންގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް ހުށަހެޅި މައިގަނޑު ނުކުތާއަކީ އެ ތުހުމަތަކަށް ބާރުދޭ ހެކިތަކެއް ނެތް ކަމަށެވެ. އަދި އިންޓެލިޖެންސް ރިޕޯޓަކަށް ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުލުހުން ހުށަހެޅި ރިޕޯޓްގައި ފުރިހަމަ ނުވާ ކަމަށް ބުނެ ވެސް އޭނާގެ ފަރާތުން ނުކުތާއެއް ހުށަހަޅާފައިވެ އެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މީހަކު ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދިއުމަށް ޓަކައި، ތުހުމަތު ކުރެވޭ ވަރަށް ހެކި ހުންނަން ބަޔާންކޮށްފައިވީ ނަމަވެސް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވަނީ ތުހުމަތު ކުރެވޭ ވަރަށް ކޮންމެ ވެސް ވަރަކަށް ހެކި ހުރި ކަމަށެވެ.

އެހެންވިޔަސް, އެއީ އިޖުރާއީ ގޯހެއް ގޮތުގައި ހައި ކޯޓުގެ ހުކުމުގައިވެ އެވެ. މި ގޮތުން ހެކި ވަޒަންކޮށް ލިޔެފައިވާއިރު އެންމެ ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްގެ އިތުރަށް ވީޑިއޯ ސްނެޕްޝޮޓްތައް ވެސް ހުށަހަޅާފައިވާ ކަން ހައި ކޯޓުން ފާހަގަކޮށްފައިވެ އެވެ.

މައްސަލައިގެ ފަސްފަހަތް

ޖޫން 21 ގެ ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައި ކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.

ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅުވައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުމުން ފުލުހުންނަށް ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ބަލަން ކުރިޔަށް ގެންދާ ރިވިއުއަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައި ކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.

އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.