Advertisement

މާނޭގެ ގޯލަކާ އެކު ބަޔާނުން ލީގު ފެށީ ވަރުގަދަކޮށް

6 އޮގަސްޓު 2022 - 06:17 0

ފްރޭންކްފާޓް ކޮޅަށް ގޯލު ޖެހުމަށް ފަހު މާނޭ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ


މާނޭގެ ގޯލަކާ އެކު ބަޔާނުން ލީގު ފެށީ ވަރުގަދަކޮށް

6 އޮގަސްޓު 2022 - 06:17 0

ފްރޭންކްފާޓް (އޮގަސްޓް 6) - ސަޑިއޯ މާނޭގެ ގޯލާ އެކު ބަޔާން މިއުނިކުން ޖަރުމަނު ލީގުގެ އާ ސީޒަނުގެ ފުރަތަމަ މެޗުގައި އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން 6-1 އިން މޮޅުވެއްޖެ އެވެ.

މިދިޔަ ސީޒަނުގެ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި ފްރޭންކްފާޓްގެ ދަނޑުގައި ބަޔާނުން މި ހޯދި މޮޅާ އެކު އެ ޓީމުން ޖެހިޖެހިގެން 11 ވަނަ ފަހަރަށް ޖަރުމަނު ލީގު ކާމިޔާބުކުރަން ކުރާ މަސައްކަތުގައި މިއީ ވަރުގަދަ ފެށުމެކެވެ.

ބަޔާނުގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ ޖެހިޖެހިގެން 10 ފަހަރު ލީގު ހޯދި ޓީމެއް މި ގޮތަށް ސީޒަން ފެށުމުން ލީގަށް ކުރެވޭ އުންމީދުތައް އިހުސާސް ކުރެވެނީ "ނޯމަލް" ކަމެއްގެ ގޮތުގައި ކަަމަށެެވެ.

ފްރޭންކްފާޓް ދަނޑުގައި ރޭ ކުޅުނު މެޗުގެ ފަސް ވަނަ މިނިޓްގައި ހިލޭ ޖެހުމަކުން ބަޔާނަށް ލީޑުނަގައިިދިނީ ޔޯސުއާ ކިމިކް އެވެ. އޭގެ ފަސް މިނިޓް ފަހުން ފްރޭންކްފާޓް އޭރިއާތެރެއިން ޑިފެންސް ނުކުރެވި ދިޔަ ބޯޅައެއް ހޯދައި ބެންޖަމިން ޕަވާޑް ވަނީ ބަޔާންގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ.

ބަޔާނަށް ތިން ވަނަ ގޯލު ޖަހައިދިނީ 29 ވަނަ މިނިޓްގައި މާނޭ އެވެ. ސާޖް ގްނަބްރީ މަތިން ޖައްސާލި ބޯޅަ އަށް އޭރިއާތެރެއަށް ދުވެފައި ވަދެ، މާނޭ ވަނީ ބޮލުން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ މާނޭ ބަޔާނަށް ޖަހައިދިން ދެ ވަނަ ގޯލެވެ. ޖަރުމަނު ސުޕަ ކަޕް މެޗުގައި އާރްބީ ލައިޕްޒިގު ކޮޅަށް ވެސް މާނޭ ގޯލު ޖެހި އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާނުން އިތުރު ދެ ގޯލު ޖެހި އެވެ. މެޗުގެ 35 ވަނަ މިނިޓްގައި ތޯމަސް މުލާ ހުސްކޮށްދިން ބޯޅަ އަކުން ޖަމާލް މުސިއާލާ ވަނީ ބަޔާންގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އަދި އޭގެ ހަތް މިނިޓް ފަހުން، މެޗުގެ 43 ވަނަ މިނިޓްގައި މުލާ މި ފަހަރު ދިން ބޯޅަ ގޯލަށް ފޮނުވާލައި ބަޔާނުގެ ފަސް ވަނަ ގޯލު ޖެހީ ގްނަބްރީ އެވެ.

ދެ ވަނަ ހާފްގައި ކުޅުން ރަނގަޅުކޮށް މެޗުގެ 64 ވަނަ މިނިޓްގައި ފްރޭންކްފާޓުން ގޯލު ޖެހި އެވެ، މިއީ ބަޔާންގެ ކީޕަރު މެނުއަލް ނޯޔާ ހެދި ގޯހަކުން ފްރޭންކްފާޓްގެ ރަންޑާލް ކޯލޯ މުއާނީ ޖެހި ގޯލެކެވެ. މެޗު ނިމެން ހަތް މިނިޓަށް ވެފައި ވަނިކޮށް މުސިއާލާ ވަނީ ބަޔާންގެ ހަ ވަނަ ގޯލު ޖަހައިފަ އެވެ. މިއީ ލެރޯއި ސާނޭ ދިން ބޯޅައަކުން ޖެހި ގޯލެކެވެ.