Advertisement

ތުރުކީގެ މަޝްހޫރު ރެފްރީ ޗުނޭޓް ރިޓަޔާކޮށްފި

6 އޮގަސްޓު 2022 - 06:19 0


ތުރުކީގެ މަޝްހޫރު ރެފްރީ ޗުނޭޓް ރިޓަޔާކޮށްފި

6 އޮގަސްޓު 2022 - 06:19 0

އިސްތަންބޫލް، ތުރުކީ (އޮގަސްޓް 6) - ތުރުކީގެ މަޝްހޫރު ފުޓްބޯޅަ ރެފްރީ ޗުނޭޓް ޗާކިރު، އެންމެ މަތީ ފަންތީގައި ގިނަ އަހަރުތަކެއް ވަންދެން ރެފްރީކަން ކުރުމަށް ފަހު ރިޓަޔާކޮށްފި އެވެ.

އުމުރުން 45 އަހަރުގެ ޗުނޭޓް، ރެފްރީކަން ކުރުން ހުއްޓާލިކަން ތުރުކީގެ ހަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓްކޮށްފައިވާއިރު، ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ވަނީ އެކަން އިއުލާނުކޮށްފަ އެވެ.

ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަންގެ ރައީސް މެހެމެތު ބުޔޫކެކްޝީ ވަނީ ޗުނޭޓްގެ މަސައްކަތުގެ އަގުވަޒަަންކުރާ ކަމަށް ވިދާޅުވެފަ އެވެ.

ބުޔޫކެކްޝީ ވިދާޅުވީ ތުރުކީގެ ސެންޓްރަލް ރެފްރީ ކޮމިޓީ އަށް ޗުނޭޓް ވަނީ ރެފްރީކަމުން ރިޓަޔާކުރިކަން ރަސްމީކޮށް ހުށަހަޅައިފައި ކަމަށެވެ. ޗުނޭޓް އަށް ޔޫރަޕާއި އެހެން ބައްރުތަކުން ވެސް ރެފްރީކަން ކުރަން ރަނގަޅު އޮފާތަކެއް ލިބިފައިވީ ނަމަވެސް އޭނާ ނިންމީ ތުރުކީގައި ރެފްރީކަން ކުރުމަށް ފަހު އެކަމުން ރިޓަޔާ ކުރުމަށެެވެ.

2019 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ސެމީ ފައިނަލުގެ ދެ ވަނަ ލެގުގައި ލިވަޕޫލާއި ބާސެލޯނާ ކުޅުނު މެޗުގެ ތެރެއިން ރެފްރީ ޗުނޭޓް.


ރިޕޯޓްތައް ބުނާގޮތުން ޗުނޭޓް ވަނީ ތުރުކީ ފުޓްބޯޅަ ފެޑެރޭޝަންގެ އެދުމާ އެއްގޮތަށް އެ ގައުމުގައި ޒުވާން ރެފްރީން ތަމްރީން ކުރުމަށް އެހީތެރިވެދޭން ނިންމައިފަ އެވެ. އަދި ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަނާ ގުޅިގެން މަތީ ފެންވަރުގެ ގިނަ ރެފްރީންތަކެއް އެ ގައުމުގައި ތަމްރީން ކުރުމުގެ އަމާޒެއް ޗުނޭޓްގެ އެބައޮތެވެ.

ތުރުކީގެ ސުޕަ ލީގުގައި 2001 ވަނަ އަހަރުން ފެށިގެން ރެފްރީކަން ކުރަން ފެށި ޗުނޭޓް އަށް ފީފާ ބެޖް ލިބުނީ 2006 ވަނަ އަހަރު އެވެ. އެންމެ ފަހުން 2014 ގައި ބްރެޒިލްގައި ބޭއްވި ވޯލްޑް ކަޕާއި 2018 ގައި ރަޝިއާގައި ބޭއްވި ވޯލްޑް ކަޕްގެ ގިނަ މެޗުތަކެއްގައި ޗުނޭޓް ވަނީ ރެފްރީކަން ކޮށްފަ އެވެ.

އޭގެ އިތުރުން 2015 ވަނަ އަހަރު ބާސެލޯނާ އިން ޔުވެންޓަސް ބަލިކޮށް ފަސް ވަނަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ފައިނަލް މެޗުގެ ރެފްރީ އަކީ ވެސް ޗުނޭޓް އެވެ.

ޔޫރަޕްގެ ކްލަބް ފުޓްބޯޅަ މުބާރާތްތަކުގައި ފާއިތުވި 12 ވަރަކަށް އަހަރު ގަވާއިދުން ރެފްރީކަން ކުރަމުން އަންނަ ޗުނޭޓް ވަނީ އެންމެ ފަހުން ބޭއްވި ތިން ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ވެސް ގިނަ މެޗުތަކެއްގައި ރެފްރީކަން ކޮށްފަ އެވެ. އޭނާ ބޮޑަށް ފާހަގަވަނީ ކުޅުންތެރިން ޖެހިލުންވާ ރެފްރީއެއްގެ ގޮތުގަ އެވެ.