Advertisement

ޕެލަސް ބަލިކޮށް އާސެނަލުން މި ފަހަރު ލީގު ސީޒަން ފެށީ މޮޅަކުން

6 އޮގަސްޓު 2022 - 02:32 0

އާސެނަލްގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ


ޕެލަސް ބަލިކޮށް އާސެނަލުން މި ފަހަރު ލީގު ސީޒަން ފެށީ މޮޅަކުން

6 އޮގަސްޓު 2022 - 02:32 0

ލަންޑަން (އޮގަސްޓް 5) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ކްރިސްޓަލް ޕެލަސް ދަނޑުގައި 2-0 އިން މޮޅުވެ، އާސެނަލުން މި ފަހަރުގެ ލީގު ސީޒަން މޮޅަކުން ފަށައިފި އެވެ.

މިދިޔަ އަހަރު އާސެނަލުން ވަނީ ލީގުގެ ފުރަތަމަ މެޗުގައި ބްރެންޓްފޯޑް އަތުން 2-0 އިން ބަލިވެފަ އެވެ. އެއީ ވޭތުވެދިޔަ 68 އަހަރު ތެރޭ އާސެނަލް ލީގުގައި އެންމެ ދަށްކޮށް ފެށި ފަހަރެވެ. އެކަމަކު، މި ފަހަރު އާސެނަލުން މި ވަނީ އެ ޓީމުގެ ކުރީގެ ކެޕްޓަން، ޕެޓްރިކް ވިއެރާ ކޯޗުކޮށްދޭ ކްރިސްޓަލް ޕެލަސް އަތުން މޮޅުވެފަ އެވެ.

ޕެލަސްގެ ދަނޑުގައި ކުޅުނު މިރޭގެ މެޗުގެ 20 ވަނަ މިނިޓްގައި އާސެނަލްގެ ގޯލު ޖެހީ ޕްރީ ސީޒަނުގައި ވެސް ރަނގަޅު ފޯމެއް ދަމަހައްޓަމުން އަންނަ ބްރެޒިލްގެ ފޯވާޑް ގަބްރިއެލް މާޓިނޭލީ އެވެ. އާސެނަލްގެ ބުކާޔޯ ސަކާ ނެގި ކޯނަރަކުން އެ ޓީމާ އަލަށް ގުޅުނު ޔޫކްރެއިންގެ ފުލްބެކް، އޮލެކްސަންޑަ ޒިންޗެންކޯ ބޮލުން ޖައްސާލި ބޯޅަ ގޯލު ކުރިމަތިން އަރައި، މާޓިނެލީ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

ނަތީޖާ ހަމަހަމަކުރަން ޕެލަސް އިން ގިނަ އެޓޭކްތަކެއް ކުރި ނަމަވެސް އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ފެނުނީ ވަރުގަދަ ރޫހެއްގައި ކުޅެލިތަނެވެ. އޭނާ ވަނީ ޕެލަސް އިން ފޮނުވާލި ރަނގަޅު ބޯޅަތަކެއް ހުއްޓުވައިފަ އެވެ.

އާސެނަލަށް ޕްރެޝަރު ކަނޑުވާލެވުނީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓަ އެވެ. އެ ގޮތުން މެޗުގެ 85 ވަނަ މިނިޓްގައި އާސެނަލްގެ ސަކާ ނެގި ބާރު ބޯޅައެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ޕެލަސްގެ ޑިފެންޑަރު، މާކް ގޭހީ ޖެހި ބޯޅަ ވަނީ ބައިކޮޅަށެވެ.

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އާސެނަލުން ވަނީ 100 މިލިއަން ޑޮލަރަށް ވުރެ އިތުރަށް ހަރަދުކޮށްފަ އެވެ. އެ ކްލަބުން އެންމެ ބޮޑަށް އަމާޒުހިފާނީ ހަ ސީޒަންގެ ތެރޭގައި ފުރަތަމަ ފަހަރަށް ގަދަ ހަތަރެއްގެ ތެރޭގައި ނިންމުމަށެވެ. މިދިޔަ ސީޒަނުގައި ވެސް ގަދަ ހަތަރެެއް ލިބޭ ހިސާބުގައި އޮތް އާސެނަލަށް އެ މަގާމު ގެއްލުނީ ލީގުގެ ފަހު 10 މެޗުގެ ތެރެއިން ފަސް މެޗުން ބަލިވުމުންނެވެ.