Advertisement

ބައެއް ކަންކަމުގައި ޗައިނާއިން އެމެރިކާއަށް އެއްބާރުލުން ދިނުން މެދުކަނޑާލައިފި

6 އޮގަސްޓު 2022 - 06:06 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާއިން ދަނީ ޓައިވާން ވަށާލައި އަސްކަރީ ޑްރިލްތައް ބާއްވަމުން.


ބައެއް ކަންކަމުގައި ޗައިނާއިން އެމެރިކާއަށް އެއްބާރުލުން ދިނުން މެދުކަނޑާލައިފި

6 އޮގަސްޓު 2022 - 06:06 0

މޫސުމީ ބަދަލާއި އަސްކަރީ މަޝްވަރާ އާއި ބައިނަލްއަގްވާމީ ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުން ފަދަަ ބައެއް ބޮޑެތި ކަންކަމުގައި ޗައިނާއިން އެމެރިކާއަށް އެއްބާރުލުން ދިނުން މެދުކަނޑާލައިފި އެވެ.

ޗައިނާއިން އެގޮތަށް ނިންމީ އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީ މި ހަފްތާގައި ޓައިވާނަށް ކުރެއްވި ދަތުރާ ގުޅިގެން އަޅާ ފިޔަވަޅުތަކުގެ ދަށުންނެވެ.

ޕެލޯސީ އާއި އެކަމަނާގެ އާއިލާއާ ދެކޮޅަށް ދަތި ކުރުމުގެ ފިޔަވަޅު އަޅަން ވެސް ޗައިނާއިން ނިންމި އެވެ.

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ޕްރޮވިންސެކެވެ. އެކަމަކު ޓައިވާނުން ބުނަނީ އެއީ މިނިވަން ދައުލަތެއް ކަމަށެވެ. ޕެލޯސީ ޓައިވާނަށް ދަތުރު ކުރެއްވުމާ ދެކޮޅަށް ޗައިނާއިން ވަރުގަދަ އިންޒާރުތައް ދިނެވެ.

ޕެލޯސީގެ ދަތުރާ ގުޅިގެން އަޅަން ނިންމި އާ ފިޔަވަޅުތައް އިއުލާން ކުރީ ހުކުރު ދުވަހު ޗައިނާގެ ފޮރިން މިނިސްޓްރީންނެވެ. ޗައިނާ އާއި އެމެރިކާގެ ދިފާއީ އޮފިޝަލުންގެ ދެމެދުގައި ބާއްވާ މަޝްވަރާތައް ކެންސަލްކޮށް، މޫސުމީ ބަދަލާއި ބައިނަލްއަގްވާމީ ކުށްތައް ތަހުގީގު ކުރުމާއި ގާނޫނާ ހިލާފަަށް ހިޖުރާ ކުރާ މީހުން އަނބުރާ ފޮނުވާލުމުގައި އެއްބާރުލުން ދިނުން މެދުކަނޑާލަން ޗައިނާއިން ނިންމި އެވެ.

މޫސުމީ ބަދަލުގެ މައްސަލައިގައި ޗައިނާ އާއި އެމެރިކާއާ ދެމެދު ގުޅުން ވަރަށް ރަނގަޅުކޮށް އޮންނަތާ އަހަރުތަކެއް ވެއްޖެ އެވެ. މިދިޔަ އަހަރު ގްލާސްގޯގައި އޮތް މޫސުމީ ބަދަލާ ގުޅޭ ސަމިޓުގައި ވެސް ޗައިނާއިން ބުނީ ޖައްވަށް ވިހަ ގޭސް ބޭރު ކުރުން މަދު ކުރަން އެމެރިކާއާ ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.

އޭގެ އިތުރުން ފެންޓަަނިލް ފަދަ މަނާ ބޭހުގެ ބަައިނަލްއަަގްވާމީ ވިޔަފާރި ހުއްޓުވުމަށް ވެސް ޗައިނާއިން ދިޔައީ އެމެރިކާއާ ގުޅިގެން މަސައްކަތް ކުރަމުންނެވެ.

އެމެރިކާއިން "ހަރުދަނާ، ނުރަސްމީ ގުޅުން" ޓައިވާނާ އެކު ބާއްވާ އިރު، ރަސްމީކޮށް ޑިޕްލޮމެޓިކް ގުޅުން އޮންނަނީ ޗައިނާއާ އެކު އެވެ.

ނަަމަވެސް އެމެރިކާއިން ޓައިވާނަަށް ހަތިޔާރު ވިއްކަ އެވެ. އެއީ ޗައިނާގެ ހަމަލާއަކުން ދިފާއުވުމުގެ ހައްގު ދިނުމަށް ކަމަށް ބުނެ އެވެ.