ރައީސް ނަޝީދުގެ ކޮއްކޯފުޅު އަދި ގާނޫނީ ވަކީލު ނާޒިމް ސައްތާރު--
އެއް ޖިންސުން ގުޅުން ހިންގާ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރުގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.
ވެލިގަނޑު ރިސޯޓުގައި ހުއްޓާ ނާޒިމް ހައްޔަރުކުރުމަށްފަހު، އއ. ރަސްދޫ މެޖިސްޓްރޭޓް ކޯޓުން އޭނާގެ ބަންދަށް ހަތް ދުވަސް ޖެހި އެވެ. ބަންދުގެ މުއްދަތު ހަމަވުމުން، ކްރިމިނަލް ކޯޓުން މިއަދު ވަނީ ބަންދަށް އިތުރު ހަތް ދުވަސް ޖަހައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޯފުޅު ނާޒިމް އެއް ޖިންސުން ޖިންސީ ގުޅުން ހިންގާ މަންޒަރު ފެންނަ ބަދުއަހުލާގީ ވީޑިއޯގެ މައްސަލައިގަ އެވެ.
ނާޒިމް ހައްޔަރުކޮށްފައިވަނީ ސިޔާސީ މަގުސަދެއްގައި ކަމަށް ނަޝީދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ފުލުހުން ބުނާ ގޮތުގައި ތަހުގީގީ އިޖުރާއަތްތައް ހިންގަމުން ދަނީ މިހާތަނަށް ފޮރެންސިކް ތަހްލީލުތަކުން ކަށަވަރުކުރެވިފައިވާ ވީޑިއޯ އެވިޑެންސްތަކުގައި ހިމެނޭ މީހުންގެ މައްޗަށެވެ.
މީގެ ތެރޭގައި ތަހުގީގަށް މީހުން ހައްޔަރުކުރުމާއި މިފަދަ މައްސަލަތަކުގައި އެކަށީގެންވާ މީންވަރަށް ހެއްކާއި ގަރީނާ ހޯދިފައިވާ ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ފަރާތްތައް ނިސްބަތްވާ އޮފީސްތަަކަށް އެމީހުންގެ މައްސަލަތައް ތަހުގީގު ކުރަމުންދާކަން އަންގަމުންދާ ކަމަށް ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.
ނާޒިމްގެ އިތުރުން, ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރާ އަބްދުއްރަހްމާން ރަފީއު އަދި ކުރީގެ މަޖިލިސް މެންބަރު މުހައްމަދު ނަޝީދު (ކާނަލް) ވެސް އެއް ޖިންސުން ގުޅުން ހިންގި ކަމުގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފަ އެވެ.
Comment