Advertisement

ހައިވަކަރުގޭ އަހުމަދު ޔޫސުފްގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

5 އޮގަސްޓު 2022 - 17:45 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު-- ފައިލް ފޮޓޯ


ހައިވަކަރުގޭ އަހުމަދު ޔޫސުފްގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

5 އޮގަސްޓު 2022 - 17:45 0

ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި އަހުމަދު ޔޫސުފް (ހައިވަކަރު އަހުމަދުފުޅު) އަވަހާރަވުމާ ގުޅިގެން އާއިލާއަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތައުޒިޔާ ދަންނަވައިފި އެވެ.

ރައީސްގެ ތައުޒިޔާގައި އަލްމަރްހޫމް ހައިވަކަރު އަހުމަދުފުޅަކީ، ދިވެހި ސަރުކާރަށް 53 އަހަރަށްވުރެ ދިގު މުއްދަތެއްގައި ހިދުމަތްކުރެއްވި އަދި ސަރުކާރަށް ހިދުމަތްކުރުމުގައި ރީތި ނަމޫނާއެއް ދެއްކެވި ހިތްވަރުގަދަ ބޭފުޅެއްކަން ފާހަގަކުރެއްވި އެވެ.

ހައިވަކަރު އަހުމަދުފުޅު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު މިއަދު ހެނދުނު އައިޖީއެމްއެޗްގަ އެވެ. އަވަހާރަވިއިރު އުމުރުފުޅަކީ، 89 އަހަރެވެ.

ދިވެހި އަސްކަރިއްޔާއާ 1954 ވަނަ އަހަރު ގުޅިވަޑައިގަތް އަހުމަދުފުޅު ވަނީ 24 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފަ އެވެ.

ސިފައިންގެ ހިދުމަތުން ރިޓަޔާ ކުރެއްވުމަށްފަހު ވެސް ދިވެހި ދައުލަތަށާއި ސަރުކާރަށް އެ މަނިކުފާނު ވަނީ ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރައްވާފަ އެވެ.

މިގޮތުން އަދާކުރެއްވި މަގާމުތަކުގެ ތެރޭގައި މުލަކަ އަތޮޅާއި ފާދިއްޕޮޅާއި އައްޑުއަތޮޅުގެ އަތޮޅުވެރިކަން ކުރެއްވި އެވެ. މީގެ އިތުރުން ޕްރޮވިންސަލް އެފެއާޒް މިނިސްޓްރީ، ސެންޓްރަލް ހޮސްޕިޓަލް އާއި އިންފޮމޭޝަން މިނިސްޓްރީ ފަދަ ގިނަ ދައުތަލުގެ އިދާރާތަކުގައި އެމަނިކުފާނު ވަނީ އިސް މަގާމުތަކެއް ފުރުއްވާފަ އެވެ.

ސިފައިންގެ ހިދުމަތާ ގުޅިވަޑައި ގެންނެވިއިރު ވެސް ހައިވަކަރު އަހުމަދުފުޅަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ކުޅިވަރުގެ ޝަހުސިއްޔަތެކެވެ. ހާއްސަ ގޮތެއްގައި ރާއްޖޭގައި އެންމެ ފުރަތަމަ ޒަމާނީ ފުޓްބޯޅަ ކުޅެންފެށި ޖީލުގައި އެންމެ ފާހަގަކޮށްލެވޭ މޮޅު ގޯލްކީޕަރެއްގެ ގޮތުގައި އެމަނިކުފާނު ފާހަކޮށްލެވެ އެވެ. ފުޓްބޯޅައިގެ އިތުރުން ހޮކީއާއި ކްރިކެޓާއި ރަގްބީ ފަދަ ގިނަ ކުޅިވަރުތަކެއް ވެސް އެމަނިކުފާނު ކުޅުއްވި އެވެ.