Advertisement

އެފްއޭއެމް ދެ ވަނަ ޑިވިޝަން: މަހިބަދޫ އަތުން ވިކްޓަރީ އަށް މޮޅެއް

5 އޮގަސްޓު 2022 - 01:44 0


އެފްއޭއެމް ދެ ވަނަ ޑިވިޝަން: މަހިބަދޫ އަތުން ވިކްޓަރީ އަށް މޮޅެއް

5 އޮގަސްޓު 2022 - 01:44 0

އެފްއޭއެމް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިރޭ މަހިބަދޫ ސްޕޯޓްސް ކްލަބް އަތުން 3-0 އިން ވިކްޓަރީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

މި އަހަރުގެ ދެ ވަނަ ޑިވިޝަނަށް އެންމެ ރަނގަޅަށް ތައްޔާރުވި އެއް ޓީމު ކަމަށްވާ ވިކްޓަރީ އަށް މި މެޗުގެ ކުރިން ވެސް ސެމީ ފައިނަލްގެ ފުރުސަތު ގެއްލިފަ އެވެ. މިއީ މި މުބާރާތުގައި ވިކްޓަރީ އަށް ތިން މެޗަށް ފަހު ލިބުނު ފުރަތަމަ މޮޅެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި ބީޖީ ސްޕޯޓްސް އަތުން މޮޅުވުމަށް ފަހު، އެ ޓީމަށް ގުރޫޕްގައި ކުޅުުނު މެޗެއް ކާމިޔާބެއް ނުކުރެވެ އެވެ. ތިން މެޗުން ލިބުނީ އެއް ޕޮއިންޓެެވެ. އެއީ އެލްޓީ ސްޕޯޓްސް ކްލަބާ އެއްވަރުވި މެޗުންނެވެ.

މި މެޗުގެ ކުރިން ސެމީގެ ފުރުސަތު ގެއްލިފައި އޮތުމުން، މިރޭގެ މެޗަށް ވިކްޓަރީގެ ސްރީ ލަންކާ ކޯޗު ޕަކީރު އަލީ ވަނީ ބަދަލުތަކެއް ވެސް ގެނެސްފަ އެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ވިކްޓަރީގެ ފުރަތަމަ ލަނޑު މެޗުގެ 38 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބިދޭސީ ޑިފެންޑަރު މުހައްމަދު އައިމަން މުހައްމަދު ބަދްރާނެވެ. ފުރަަތަމަ ހާފު ނިމެނިކޮށް ވިކްޓަރީގެ ދެ ވަނަ ލަނޑު ޖެހީ ހަސަން ނާއިމް އެވެ. އަދި ތިން ވަނަ ލަނޑު، މެޗުގެ 61 ވަނަ މިނިޓުގައި ޖެހީ މުހައްމަދު ޝާން އެވެ.

މި މެޗުން މޮޅުވެ، ވިކްޓަރީ ވަނީ ގުރޫޕް ދޭއްގައި ހަތް ޕޮއިންޓް ހަމަކޮށްފަ އެވެ. އެކަމަކު، އެ ޓީމު އޮތީ ތާވަލްގެ ހަތަރު ވަނައިގަ އެވެ. ކޮންމެ ގުރޫޕަކުން ވެސް، ސެމީ އަށް ދަނީ އެއް ވަނަ އާއި ދެ ވަނަ އެވެ.

މި ގުރޫޕްގެ އެއްވަނައިގައި 12 ޕޮއިންޓާ އެކު އޮތީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެވެ. ދެ ވަނައިގައި 10 ޕޮއިންޓާ އެކު އެލްޓީ ސްޕޯޓްސް އޮތްއިރު، ތިން ވަނައިގައި ނުވަ ޕޮއިންޓާއެކު އޮތީ ކްލަބް ޓީނޭޖެވެ.

މި ގުރޫޕްގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ނިއުއާ ދެކޮޅަށް ނުކުންނާނީ އެލްޓީ އެވެ. އަދި މާދާމާރޭ ކުޅޭ މެޗުގައި ޓީނޭޖާ ދެކޮޅަށް ނުކުންނާނީ ބީޖީ އެވެ.