Advertisement

ޝައިހް ނިޝާންގެ ބަންދަށް އިތުރު ތިން ދުވަސް ޖަހައިފި

4 އޮގަސްޓު 2022 - 21:17 1

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން

ޝައިހް ނިޝާން: ޔޯގާ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރި މީހުނާ ދެކޮޅަށް ހުރި ހެކިތަކުގެ ވާހަކަތައް ދައުލަތުން ވަނީ ކޯޓުގައި ދައްކާފައި- ފޮޓޯ: މުހައްމަދު ޝާބިން | އަދަދު


ޝައިހް ނިޝާންގެ ބަންދަށް އިތުރު ތިން ދުވަސް ޖަހައިފި

4 އޮގަސްޓު 2022 - 21:17 1

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޖޫން 21 ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޝައިހު އާދަމް ނިޝާން ބަންދަށް އިތުރު ތިން ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފި އެވެ.

މި ހަމަނުޖެހުން ހިންގަން ރޭވުމުގައި އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތުކޮށް އާދަމް ނިޝާން ހައްޔަރުކުރީ ޖޫން 22 ވަނަ ދުވަހުގަ އެވެ. އެ ފަހުން ބަންދުގެ މުއްދަތު އިތުރުކުރަމުން ގޮސް ޖުލައި 19 ގައި ބަންދަށް 16 ދުވަސް އިތުރުކޮށްފައިވެ އެވެ.

އެ މުއްދަތު މިއަދަށް ހަމަވެފައި ވާއިރު ކްރިމިނަލް ކޯޓުން ވަނީ އިތުރު ތިން ދުވަސް ޖަހާފަ އެވެ.

ޝައިހު އާދަމް ނިޝާން ބަންދުކުރަން ނެރުނު އަމުރުތައް ވެސް ހިމެނޭ ގޮތަށް، އާދަމް ނިޝާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށް ހުށަހެޅި އެވެ. ނަމަވެސް މިއަދު ހައުކޯޓުން ކަނޑައެޅީ ނިޝާން ބަންދުކޮށްފައި ވަނީ ރަނގަޅަށް ކަމަށެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ނެރުނު ބަންދު ކުރުމުގެ އަމުރު ހައި ކޯޓުން ވަނީ ދަމަހައްޓާފަ އެވެ.

މައްސަލައިގެ ފަސްފަހަތް

ޖޫން 21 ގެ ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައި ކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.

ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅުވައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުމުން ފުލުހުންނަށް ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ބަލަން ކުރިޔަށް ގެންދާ ރިވިއުއަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.

އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.