Advertisement

ޔުއެފާ އިން ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރަނީ

4 އޮގަސްޓު 2022 - 16:43 0


ޔުއެފާ އިން ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރަނީ

4 އޮގަސްޓު 2022 - 16:43 0

ޒިއުރިކް، ސްވިޒަލެންޑް (އޮގަސްޓް 4) - ޔުއެފާ އިން ވެސް ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރަން ތައްޔާރުވެފައިވާ ކަމަށް ބުނެފި އެވެ.

އެ ގޮތުން ޔުއެފާ އިން އިއުލާނުކޮށްފައިވަނީ މި މަހު 10 ވަނަ ދުވަހު ކުޅޭ ޔޫރަޕްގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗު، ޔުއެފާ ސުޕަ ކަޕް މެޗުގައި ސެމީ އޮޓޮމެޓިކް ޓެކްނޮލޮޖީ ބޭނުންކުރާށެވެ. އެ މެޗުގައި ކުޅޭނީ މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދި އެއިންޓްރަކްޓް ފްރޭންކްފާޓް އެވެ.

އޭގެ އިތުރުން، ކުރިއަށް އޮތް ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގެ މެޗުތަކުގައި ވެސް ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރާނެ އެވެ. އެކަމަކު، ޔޫރޮޕާ ލީގުގައި މި ޓެކްނޮލޮޖީ ބޭނުންކުރުމާ މެދު އަދި ވަކިގޮތެއް ނުނިންމަ އެވެ.

"މި ޓެކްނޮލޮޖީން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް)ގެ ކަންކަމަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނެ. އެއް ފެންވަރެއްގައި މާ ބޮޑު ހިޔާލުތަފާތުވުމެއް ނެތި އޮފްސައިޑްގެ ކަންކަމުގައި ނިންމުންތައް ނިންމަން ފަސޭހަ ވެގެންދާނެ،" ޔުއެފާގެ ޗީފް ރެފްރީން އޮފިސަރު، ރޮބާޓޯ ރޮސެޓީ ވިދާޅުވި އެވެ.

ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ އެންމެ ފުރަތަމަ ޓެސްޓްކުރީ މިދިޔަ އޮކްޓޫބަރު މަހު ކުރިއަށްދިޔަ އަރަބް ކަޕްގަ އެވެ. އޭގެ ފަހުން މި އަހަރު ކުރީކޮޅުގައި ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގައި ވެސް ވަނީ ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކޮށްފަ އެވެ. ފީފާ އިން ވަނީ ގަތަރު މި އަހަރު ފަހުކޮޅުގައި ބާއްވާ ވޯލްޑް ކަޕްގައި ވެސް ސެމީ އޮޓޮމެޓިކް ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށް ބުނެފަ އެވެ.

ސެމީ އޮޓޮމެޓިކް އޮފްސައިޑް ޓެކްނޮލޮޖީ މަސައްކަތްކުރާ ގޮތަށް ބަލާއިރު، ބޯޅައިގައި އިންނަ ސެންސާ ޗިފް-ޑިވައިސް އެއް މެދުވެރިކޮށް، ކުޅުންތެރިއާ ބޯޅައިގައި ޖަހާ ސީދާ ވަގުތު ދެނެގަންނާނެ އެެވެ. އެއީ ކުޅުންތެރިން ގައިގައި މި ޓެކްނޮލޮޖީ ބޭނުންކުރާއިރު، ފެންނަ 29 ބޮޑީ ޕޮއިންޓްސް ތެރެއިންނެވެ. އެއީ އޮފްސައިޑްކަން ފުރިހަމަ އަށް ދެނެގަންނަން ބޭނުންވާ މައުލޫމާތު އެއްކުރާށެވެ. އެ ޑާޓާ ވަގުތުން ހިއްސާކުރާނީ ވީއޭއާރް ސިސްޓަމަަށެވެ. ވީއޭއާރް ސިސްޓަމަށް މައުލޫމާތު ލިބުނުހާ އަވަހަކަށް މެޗު ރެފްރީ އަށް ވީއޭއާރް ރޫމުން އެކަން އަންގާނެ އެވެ.