Advertisement

ޔާމީނަށް އެއް މިލިއަން ރުފިޔާ ހަވާލުކުރިން: އޮއިއްޓޭ

4 އޮގަސްޓު 2022 - 15:51 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް ޔާމީންގެ މައްޗަށް ހިންގާ ޝަރީއަތަށް ކުރީގެ ނައިބު ރައީސް އަދީބުގެ ޕާސަަނަލް ޑްރައިވަރަކަށް އުޅުނު އޮއިއްޓެ ހެކިބަސް ދެނީ - ފޮޓޯ: ކްރިމިނަލް ކޯޓު ޔޫޓިއުބް ލައިވް ވީޑިއޯގެ ސްރީންޝޮޓެއް


ޔާމީނަށް އެއް މިލިއަން ރުފިޔާ ހަވާލުކުރިން: އޮއިއްޓޭ

4 އޮގަސްޓު 2022 - 15:51 1

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަންގަވައިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އެއް މިލިއަން ރުފިޔާ ހަވާލުކޮށްފައިވާނެ ކަމަށް އަދީބުގެ ޕާސަނަލް ޑްރައިވަރަކަށް އުޅުނު މުހައްމަދު ހުސައިން (އޮއިއްޓެ) ޝަރީއަތުގެ މަޖިލީހުގައި މިއަދު ބުނެފި އެވެ.

ކްރިމިނަލް ކޯޓަށް އޮއިއްޓެ ހާޒިރުކުރީ، ޔާމީނާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމް ގުޅިގެން ހިންގި ކަމަށް ބުނާ މައްސަލާގައި ދައުލަތުން ހުށަހެޅި ހެއްކެއްގެ ގޮތުގަ އެވެ. މި މައްސަލާގައި ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ، އަދި ޔޫސުފް ނައީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވެ އެވެ.

އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅެމުންދާ އޮއިއްޓެ އެ ގައުމުގައި ހުރި ރާއްޖޭގެ އެމްބަސީ މެދުވެރިކޮށް އޮންލައިންކޮށް ޝަރީއަތުގެ މަޖިލީހުގައި ބައިވެރިވެ ހެކިބަސް ދެމުން ބުނެފައިވަނީ ޔާމީނަށް އެއް މިލިއަން ރުފިޔާ ދިނުމަށް އަދީބު ހަވާލުކުރީ 2013 ވަނަ އަހަރުގެ ތެރޭގައި ކަމަށެވެ. އަދި އެއީ އެ އަަހަރު ބޭއްވި ރިޔާސީ އިންތިހާބު ކުުރިން ކުރެވުނު މުއާމަލާތެއް ކަމަށެވެ.

"އަޅުގަނޑާ ރައީސް ޔާމީނާ ފުރަތަމަ ބައްދަލުވީ 2013 ވަަނަ އަހަރު، ޔާމީން ދިރިއުޅޭ ގ. ދޫވެހިން، އެއީ އަދީބު އަޅުގަނޑަށް ހަވާލުކޮށްފައިވާ އެއް މިލިއަން ރުފިޔާ ރައީސް ޔާމީނަށް ދޭން ބުނުމުން ދިޔައީ،" އޮއިއްޓެ ކިޔައިދިނެވެ.

ޔާމީނަށް ފުރަތަމަ އޮއިއްޓެ ހަވާލުކުރީ އެއް މިލިއަން ރުފިޔާގެ ތެރެއިން އެއް ލައްކަ ރުފިޔާ ކަމަށް ވެސް ބުންޏެވެ. އެ ގޮތަށް އަމަލު ކުރުމުން ޔާމީން ނުރުހުންވެ ހުންނެވި ކަމަށް ވެސް އޮއިއްޓެ ބުންޏެވެ. ބާކީ ނުވަ ލައްކަ ރުފިޔާ ހަވާލުކުރީ އަދީބު ކައިރީ އެ ވާހަކަ ބުނުމުން، ބާކީ ފައިސާ ވެސް ޔާމީނަށް ހަވާލު ކުރުމަށް އަދީބު އިރުޝާދު ދިނުމުން ކަމަށް އޮއިއްޓެ ބުންޏެވެ.

އޮއިއްޓެ ކިޔައިދިން ގޮތުން ނަމަ އެ ފައިސާ ރައީސް ޔާމީނަށް ހަވާލުކުރީ ކަރުދާސް ކޮތަޅަކަށް ފައިސާ ބޮނޑިތައް ލުމަށް ފަހު އެވެ. އެއީ 500 ރުފިޔާގެ ނޫޓުން ޖުމުލަ 10 ބޮނޑި އަދި ކޮންމެ ބޮނޑިއެއްގައި ޖުމުލަ 50،000 ރުފިޔާ ހުރި ކަމަށް އޮއިއްޓެ ބުންޏެވެ.

ނަމަވެސް އެ ފައިސާ އަކީ ކިހިނެއް އަދި ކޮން ގޮތަކުން އަދި ކުށެއް ކޮށްގެން ހޯދާ ފައިސާއެއް ކަމަށް ނޭނގޭ ކަމަށް އޭނާ ބުންޏެވެ. އަދި އެ ފައިސާ ޔާމީނަށް ހަވާލުކުރަން ޖެހުނީ ސީދާ ކޮން ބޭނުމަކު ކަމެއް ވެސް ނޭނގޭ ކަމަށް އޮއިއްޓެ ބުންޏެވެ.

އޮއިއްޓެގެ ހެކިބަހުގައި ސީދާ ވ. އާރަށް ހިޔާނާތާ ގުޅިން ހުރި އެއްވެސް ކަމެއް ސާބިތު ކުރަން ނެތުމުން އޭނާގެ ހެކިބަސް ނެގުމަށް ދިފާއީ ވަކީލުންގެ ފަރާތުން އެކި ފަހަރު މަތިން މިއަދުގެ ޝަރީއަތުގައި އިއުތިރާޒް ކުރަމުން ދިޔަ އެވެ. އަދި މިއަދު ޝަރީއަތަށް ހޭދަވެގެން ދިޔަ ތިން ގަޑިއިރު ސުވާލުތަކަށް ދައުލަތާއި ދިފާއުގެ އިއުތިރާޒްތަކަށް ބޮޑު ބައެއް ހޭދަވުމުން އެއީ ބޭކާރު ހެއްކެއްގެ ގޮތުގައި ދިފާއުން ސިފަކުރި އެވެ.

މި މައްސަލާގައި މިހާތަނަށް ފަސް ހެއްކެއްގެ ހެކިބަސް ނަގާފައިވެ އެވެ. އޮއިއްޓެގެ އިތުރަށް ދެން ނެގީ ހަބީރެއްގެ ގޮތުން އެކްސްޕާޓް ރައުޔަ ދިން ހެކިންނެވެ. އޭގެ ތެރޭގައި ހަތަރު އައިފޯނަކާއި ޕެންޑްރައިވްތަކެއް ތަހުލީލުކޮށް މޯބައިލް ފޮރެންސިކް ރިޕޯޓެއް ތައްޔާރުކުރި އޮފިސަރަކާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ލެޕްޓޮޕް ތަހުލީލު ކުރި އޮފިސަރު ވެސް ހިމެނެ އެވެ.

ދައުލަތުން ކުރާ ދައުވާގައި ހިމެނޭ ކަންކަން

ދައުލަތުން ކުރާ ދައުވާގައިވާ ގޮތުން ވ. އާރަށް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރީ އޮގަސްޓް 9، 2015 ގަ އެވެ. ޔޫސުފް ނައީމްގެ 99 ޕަސަންޓު ހިއްސާ އޮންނަ ގޮތަށް ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ކުންފުންޏެއް އުފެއްދީ އޮގަސްޓް 13، 2015 ގަ އެވެ.

ސެޕްޓެމްބަރު 8، 2015 ގައި ޓޫޖީ ޕްރައިވެޓް ލިމިޓެޑްގެ 99 ޕަސަންޓު ހިއްސާ އެލްއޭ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑްއަށް ވިއްކާލީ ކަމުގަ އެވެ.

ސެޕްޓެމްބަރު 9، 2015 ގައި އެމްއެމްޕީއާރުސީން ޓޫޖީ ޕްރައިވެޓް ލިމިޓެޑް ކުންފުންޏަށް ވ. އާރަށް ހަވާލުކުރިއިރު އެލްއޭއިން އެމްއެމްޕީއާރުސީއަށް ރަށުގެ ލީޒް އެކުއިޒިޝަން ކޮސްޓްއަށް އެއް މިލިއަން ޑޮލަރު އަދި ޔޫސުފް ނައީމަށް ވެސް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ.

ސެޕްޓެމްބަރު 13، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓަށް އެ ފައިސާ ޖަމާވުމުން ސެޕްޓެމްބަރު 15، 2015 ގައި ޔޫސުފް ނައީމްގެ އެކައުންޓުން ޔާމީނަށް އެއް މިލިއަން ޑޮލަރުގެ ޗެކެއް ދީފައިވެ އެވެ. އޭގެ ދެ ދުވަސް ފަހުން އެ ފައިސާ އެޗްއެސްބީސީގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ޖަމާކޮށްފައިވާ ކަމަށް ދައުލަތުގެ ދައުވާގައިވެ އެވެ.

ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން ވެސް މި ދައުވާތަކަށް އިންކާރު ކުރެ އެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ބުނާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެއް ކަމަށެވެ. އެ ކަން ސާބިތު ކުރަން ކަމަށް ބުނެ އެ ދެ ފަރާތުން ވެސް ހެކިތަކެއް ހުށަހަޅާފައިވެ އެވެ.