Advertisement

އާސަންދަ ބަޖެޓު ހުސްވިތާ ދެ މަސް، އިތުރު 200 މިލިއަން ރުފިޔާ ހަރަދުކޮށްފި

4 އޮގަސްޓު 2022 - 13:28 0

ނިމާ ހަސަން

ނިމާ ހަސަން


އާސަންދަ ބަޖެޓު ހުސްވިތާ ދެ މަސް، އިތުރު 200 މިލިއަން ރުފިޔާ ހަރަދުކޮށްފި

4 އޮގަސްޓު 2022 - 13:28 0

ދިވެހިންނަށް ހިލޭ ބޭސްފަރުވާ ފޯރުކޮށްދޭ ދައުލަތުގެ އާސަންދަ ސްކީމެއް ސަރުކާރުން ކަނޑައަޅާފައި އޮތް ބަޖެޓު ހުސްވިތާ ދެ މަސް ވީއިރު، ބަޖެޓުގައި ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް 200 މިލިއަން ރުފިޔާ ހަރަދުކޮށްފި އެވެ.

މިއަހަރަށް އާސަންދައަށް ކަނޑައަޅާފައި އޮތް ބަޖެޓަކީ 730.9 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި އެ ބަޖެޓު ވަނީ ހުސްވެފަ އެވެ. އެގޮތުން، ޖޫން މަސް ފެށުނުއިރު، ބަޖެޓު ހުސްވެ، އިތުރު 35.4 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިފަހަރު ކުޑަ ބަޖެޓެއް ކަނޑައެޅީ ބޭހުގެ އަގު ކުޑަކުރުމަށް ނިންމުމަށްފަހު، އެ ހިސާބުތަކަށް ބަލައިގެނެވެ. ނަމަވެސް ބޭހުގެ އަގަކަށް އަދި ބަދަލެއް ނުގެނެ އެވެ.

ބަޖެޓު ހުސްވިފަހުން ފާއިތުވި ދެ މަސް ދުވަހުގެ ތެރޭގައި އާސަންދައިން އިތުރަށް ބޭނުންކުރި 200 މިލިއަން ރުފިޔާ ހިމަނައިގެން ޖުލައި 28، ގެ ނިޔަލަށް ސަރުކާރުން ބޭސްފަރުވާ ސްކީމަށް ޖުމްލަ 930.9 މިލިއަން ރުފިޔާ ހަރަދުކުރި އެވެ.

ދައުލަތުގެ ބަޖެޓުގައި ވަކި ކަމަކަށް ކަނޑައަޅާފައިވާ އަދަދަށް ވުރެ އިތުރަށް ފައިސާ ހަރަދުކުރަން ޖެހިއްޖެ ނަމަ އެ ހަރަދެއް ކުރާނީ އެފަދަ ހާލަތްތަކަށް ހާއްސަކޮށް، ފިނޭންސް މިނިސްޓްރީއަށް ދޫކޮށްފައި އޮންނަ ބަޖެޓަކުންނެވެ. އާސަންދައަށް މިހާރު ހަރަދުކުރަނީ އެންސްޕާ މެދުވެރިކޮށް އެ ބަޖެޓުންނެވެ.

މިއަހަރު އާސަންދައިގެ ބަޖެޓު އެހާ އަވަހަށް ހުސްވީ، ރާއްޖޭގައި ވިއްކާ ބޭހުގެ އަގު ކޮންޓްރޯލްކުރުމުގެ ގަވަައިދު ދެ ވަނަ ފަހަރަށް ބަދަލުކޮށް، އެކަން ތަންފީޒުކުރުން ފަސް ކުރުމުންނެވެ.

ސިއްހީ ހިދުމަތް ދިނުމުގެ ގާނޫނުގެ ދަށުން ހެދި "ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމް.އާރް.ޕީ) ކަނޑައެޅުމާއި ތަންފީޒު ކުރުމުގެ ގަވާއިދު" ފުރަތަމަ ގެޒެޓްކުރި އިރު އަގު ކޮންޓްރޯލްކުރަން އޮތީ މިދިޔަ ޖެނުއަރީ މަހުން ފެށިގެންނެވެ. އެކަމަކު އޭގެ ފަހުން އެކަން މާޗް މަހާ ހަމައަށް ފަސްކޮށް ގަވައިދު ބަދަލު ކުރުމަށް ފަހު އޭގެ ފަހުން ވަނީ ޖުލައި މަހާ ހަމައަށް ވެސް ފަސްކޮށްފަ އެވެ.

ބަޖެޓު ތަފާސްހިސާބުތައް ދައްކާ ގޮތުން އާސަންދައަށް ކުރާ ހޭދަ ކޮންމެ އަހަރަކު ދަނީ އިތުރުވަމުންނެވެ. އަދި ކޮންމެ އަހަރަކު ފާސްކުރާ ބަޖެޓުގައި ލަފާކުރާ ހަރަދަށް ވުރެ އަހަރުގެ ތެރޭގައި އާސަންދައަށް ހިނގާ ހަރަދު ބޮޑެވެ.

އޭގެ ތެރެއިން ބޮޑު ބަޔަކީ ބޭހަށް ކުރާ ހަރަދެވެ. މިދިޔަ ދެ އަހަރު ވެސް އާސަންދައަށް ކުރި ހަރަދުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ހަރަދު ކުރީ ބޭހަށެވެ.