Advertisement

ޝައިހް އާދަމް ނިޝާންގެ ބަންދު ހައި ކޯޓުން ދަމަހައްޓައިފި

4 އޮގަސްޓު 2022 - 11:05 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ޝައިހް އާދަމް ނިޝާންގެ ބަންދު ހައި ކޯޓުން ދަމަހައްޓައިފި

4 އޮގަސްޓު 2022 - 11:05 0

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން ޖޫން 21 ގައި ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތަށް ހުރަސް އަޅައި ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ޝައިހު އާދަމް ނިޝާން ބަންދުކުރަން ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރު ހައި ކޯޓުން ދަމަހައްޓައިފި އެވެ.

މި ހަމަނުޖެހުން ހިންގަން ރޭވުމުގައި އިސް ދައުރެއް އަދާކުރި ކަމަށް ތުހުމަތުކޮށް އާދަމް ނިޝާން ހައްޔަރުކުރީ ޖޫން 22 ވަނަ ދުވަހުގަ އެވެ. އެ ފަހުން ބަންދުގެ މުއްދަތު އިތުރުކުރަމުން ގޮސް ޖުލައި 19 ގައި ބަންދަށް 16 ދުވަސް އިތުރުކޮށްފައިވެ އެވެ.

އެ އަމުރާއި ބަންދުކުރަން ކުރިން ނެރުނު އަމުރުތައް ވެސް ހިމެނޭ ގޮތަށް، އާދަމް ނިޝާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށް ހުށަހެޅި މައިގަނޑު ނުކުތާއަކީ އެ ތުހުމަތަކަށް ބާރުދޭ ހެކިތަކެއް ނެތް ކަމަށެވެ. އަދި އިންޓެލިޖެންސް ރިޕޯޓަކަށް ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުލުހުން ހުށަހެޅި ރިޕޯޓްގައި ފުރިހަމަ ނުވާ ކަމަށް ބުނެ ވެސް އޭނާގެ ފަރާތުން ނުކުތާއެއް ހުށަހަޅާފައިވެ އެވެ.

މި މައްސަލަ ހައި ކޯޓުގައި ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ދެން ތިއްބެވީ ކޯޓުގެ އިސް ފަނޑިޔާރު ހާތިފް ހިލްމީ އާއި، ފަނޑިޔާރު ހުސައިން ޝަހީދެވެ. ކްރިމިނަލް ކޯޓުގެ އަމުރު ދެމެހެއްޓީ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.

ފަނޑިޔާރުގެ ހުޒައިފާގެ ރައުޔަ އިއްވަވަމުން ވިދާޅުވީ ޓެރަރިޒަމްގެ ގާނޫނުގެ ދަށުން މީހަކު ބަންދުގައި ބަހައްޓައިގެން ކުރިއަށް ގެންދިއުމަށް ޓަކައި، ތުހުމަތު ކުރެވޭ ވަރަށް ހެކި ހުންނަން ބަޔާންކޮށްފައިވީ ނަމަވެސް ކްރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވަނީ ތުހުމަތު ކުރެވޭ ވަރަ ކޮންމެވެސް ވަރަކަށް ހެކި ހުރި ކަމަށެވެ.

އެހެންވިޔަސް އެއީ އިޖުރާއީ ގޯހެއް ގޮތުގައި ފަނޑިޔާރު ހުޒައިފާ ދެކެވަޑައިގަންނަވަ އެވެ. މި ގޮތުން ހެކި ވަޒަންކޮށް ލިޔެފައިވާއިރު އެންމެ ރަނގަޅު ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓްގެ އިތުރަށް ވީޑިއޯ ސްނެޕްޝޮޓްތައް ވެސް ހުށަހަޅާފައިވާ ކަން ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.

"ޝައްކަށް ވުރެ މަތީ ދަރަޖައަކަށް ޖިނާއީ ހަރަކާތެއް ހިނގާފައިވާ ކަން އެބަ އެނގޭ، ހަމައެކަނި އެ ސަބަބަށް ޓަކައި އަމުރުގެ ސައްހަކަން ނެތް ކަމަށް ކަނޑައެޅޭނެ ކަމަށް ނުދެކެން،" ފަނޑިޔާރު ހުޒައިފާ ވިދާޅުވި އެވެ.

އެ ރައުޔައަށް އިސް ފަނޑިޔާރު ހާތިފް ހިލްމީއާއި ފަނޑިޔާރު ހުސައިން ޝަހީދު ވެސް ވަނީ ތާއީދު ކުރައްވައިފަ އެވެ.

މައްސަލައިގެ ފަސްފަހަތް

ޖޫން 21 ގެ ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައި ކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.

ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅުވައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުމުން ފުލުހުންނަށް ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ބަލަން ކުރިޔަށް ގެންދާ ރިވިއުއަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.

އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.