Advertisement

ޓައިވާން ވަށައި ހިންގަނީ ޗައިނާގެ ތާރީހުގައި އެންމެ ބޮޑު އަސްކަރީ ޑްރިލް

4 އޮގަސްޓު 2022 - 11:02 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ޗައިނާގެ އަސްކަރީ ހެލިކޮޕްޓަރެއް ޓައިވާން ކައިރިން ދަތުރު ކުރަނީ. -- ފޮޓޯ: ގެޓީ އިމޭޖާޒް


ޓައިވާން ވަށައި ހިންގަނީ ޗައިނާގެ ތާރީހުގައި އެންމެ ބޮޑު އަސްކަރީ ޑްރިލް

4 އޮގަސްޓު 2022 - 11:02 0

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސް ނޭންސީ ޕެލޯސީގެ ދަތުރާ ގުޅިގެން ޓައިވާން ވަށާލައި ޗައިނާއިން ހިންގަނީ އެ ގައުމުގެ ތާރީހުގައި މިހާތަނަށް ނުހިންގާ ފަދަ ބޮޑު އަސްކަރީ ތަމްރީނެއް ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ޓައިވާންއާ 12 މޭލު ކައިރިން ލައިވް ވަޒަން ބޭނުންކޮށް ތަަމްރީން ފެށުމުން ޓައިވާނުން ބުނީ ޗައިނާއިން ބޭނުން ވަނީ އެ ސަރަހައްދުގެ ސްޓެޓަސް ބަދަލު ކުރަން ކަމަށެވެ.

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ޕްރޮވިންސެކެވެ. އެކަމަކު ޓައިވާން ސަަރުކާރުން ދެކެނީ އެއީ މިނިވަން ދައުލަތެއް ކަމަަށެވެ.

ޗައިނާގެ އިންޒާރުތައް ލިބުނު ނަމަވެސް، ޕެލޯސީ މި ހަފްތާގައި ޓައިވާނަށް ކުރެއްވި ދަތުރު ނިންމަވާލެއްވީ ބުދަ ދުވަހު އެވެ.

އިންޒާރުތަކަށް ފަހު ޕެލޯސީގެ ދަތުރާ ގުޅިގެން މިހާތަނަަށް ޗަައިނާއިން އެޅި އެންމެ ބޮޑު ފިޔަވަޅަކީ ޓައިވާން ވަށާލައި އަސްކަރީ ތަމްރީން ފެށުމެވެ. އޭގެ އިތުރުން ޓައިވާންއާ އެކު އޮތް ބައެއް ވިޔަފާރި މެދުކަނޑާލި އެވެ.

ޓައިވާނުން ބުނީ ތަމްރީންތަކުގެ ސަބަބުން ކަނޑު މަގާއި ވައިގެ މަގުން ޓައިވާން ބަންދުވާ ކަމަށެވެ. އެމެރިކާއިން ބުނީ އެއީ ޒިންމާދާރުކަމެއް ނެތް އަދި ކޮންމެ ވަގުތަކު ވެސް ކޮންޓްރޯލް ގެއްލިދާނެ ފަދަ ތަަމްރީނެއް ކަމަށެވެ.

ބުދަ ދުވަހު ޓައިވާންގެ ކިންމެން ރަަށްތައް މަތިން ގޮން ނޭނގޭ ވައިގެ އުޅަނދުތަކެއް ދަތުރު ކުރާތީ، އިންޒާރު ދިނުމަށް ޓައިވާން އަސްކަރީ ޖެޓުތައް އުޅުނެވެ. ބައެއް ރިޕޯޓުތައް ބުނާ ގޮތުން އެ އުޅަނދުތައް ފޮނުވާލުމަށް އިންޒާރުގެ ހަމަލާ ވެސް ދިނެވެ.

ޓައިވާން ސަރުކާރުން ބުނީ މިނިސްޓްރީތަކަށް އަމާޒުވާ ސައިބާ ހަމަލާތައް ވެސް އިތުރުވެފައިވާ ކަމަށެވެ.

ޑްރިލްތަކާ ގުޅިގެން މަނަވަރުތައް ކަނޑުމަގުން ދަތުރު ކުރުމުގައި އެހެން ރޫޓުތައް ހިޔާރު ކުރުމަށް ޓައިވާނުން ވަނީ އަންގާފަ އެވެ. އޭގެ އިތުރުން ވައިގެ މަގުން ދަތުރު ކުރުމަށް އެހެން ރޫޓުތައް ހޯދުމަށް ޓައިވާނުން ދަނީ ޖަޕާނާއި ފިލިޕީންސްއާ އެކު މަޝްވަރާ ކުރަމުންނެވެ.

ޑްރިލްތަކާ ގުޅިގެން ޖަޕާނުން ވެސް ކަންބޮޑުވުން ފާޅުކޮށްފައިވާ އިރު، އެ ގައުމުން ބުނީ ޗައިނާގެ ތަމްރީން ހިންގުމަށް ޖަޕާނުގެ އެކްސްލޫސިވް އިކޮނޮމިކް ޒޯން (އީއީޒީ) އަށް ވަންނަމުންދާ ކަމަށެވެ.

ރައްދުގައި ޗައިނާ ސަރުކާރުގެ ތަރުޖަމާނު ހުއާ ޗުންޔިންގް ވިދާޅުވީ ޖަޕާނުން ހަދައިގެން އުޅޭ އީއީޒީ ޗައިނާއިން ބަލައިނުގަންނަ ކަމަށެވެ.