Advertisement

އެފްއޭ ކަޕްގެ ފުރަތަމަ ކުއާޓާ ފައިނަލުގައި މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ

4 އޮގަސްޓު 2022 - 10:56 0

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅުނު މެޗެއްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ


އެފްއޭ ކަޕްގެ ފުރަތަމަ ކުއާޓާ ފައިނަލުގައި މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ

4 އޮގަސްޓު 2022 - 10:56 0

އެފްއޭ ކަޕްގެ ފުރަތަމަ ކުއާޓާ ފައިނަލްގައި ދިވެހި ލީގުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ޔުނައިޓަޑް ވިކްޓަރީ (ޔޫވީ) ބައްދަލުކުރަން ޖެހިއްޖެ އެވެ.

އެފްއޭ ކަޕް ފެށުމަށް މިހާރު ހަމަޖައްސާފައި އޮތީ މި މަހުގެ 12 ވަނަ ދުވަހެވެ.

ދެހާސް ސަތާރަ ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ބާއްވާ އެފްއޭ ކަޕްގެ ގުރު ނެގުން އިއްޔެ ވަނީ ބާއްވައިފަ އެވެ. ފުރަތަމަ ކުއާޓާ ފައިނަލްގައި މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ކުރިމަތިލާއިރު، މި ދެ ޓީމު ވަނީ 2016 ވަނަ އަހަރުގެ ކުއާޓާގައި ވާދަކޮށްފަ އެވެ. އެ އަހަރު ވެސް މާޒިޔާ އެފްއޭ ކަޕަށް ކުރިމަތިލީ ލީގު ޗެމްޕިއަންކަން ގޮތުގަ އެވެ. އެކަމަކު، ވަރުގަދަ ސްކޮޑަކާ އެކު އޮތް މާޒިޔާ ޕެނަލްޓީ ޖަހައިގެން ބަލިކޮށް، ސެމީ ފައިނަލްގެ ޖާގަ ހޯދީ ޔުނައިޓެޑް ވިކްޓަރީ އެވެ.

އެހެންކަމުން، 2012 އަދި 2014 ވަނަ އަހަރު އެފްއޭ ކަޕް ކާމިޔާބުކުރި މާޒިޔާ އިން ކުއާޓާގައި ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗު ފަސޭހައެއް ނުކުރާނެ އެވެ. މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ދިވެހި ލީގުގައި އެންމެ ފަހުން ކުޅުނު މެޗު މާޒިޔާ ކާމިޔާބުކުރީ 4-0 އިންނެވެ. މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ މި ފަހަރުގެ އެފްއޭ ކަޕްގައި ކުޅޭ މެޗު އޮންނާނީ މި މަހު 12 ވަަނަ ދުވަހުގެރޭގަ އެވެ.

އެފްއޭ ކަޕްގެ ދެ ވަނަ ކުއާޓާގައި ކްލަބް ގްރީން ސްޓްރީޓްސް އާއި ޔުނައިޓަޑް ވިކްޓަރީ ބައްދަލުކުރާއިރު، އެ މެޗު ކުޅޭނީ 13 ވަނަ ދުވަހު ހަވީރު އެެވެ. ތިން ވަނަ ކުއާޓާގައި ކްލަބު ވެލެންސިއާއާ ދެކޮޅަށް ނުކުންނާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. އެ މެޗު ޝެޑިއުލްކޮށްފައި އޮތީ 13 އޮގަސްޓްގެ ރޭގަނޑަށެވެ. ހަތަރު ވަނަ ސެމީގައި ކްލަބް އީގަލްސްއާ ދެކޮޅަށް ނުކުންނާނީ އެފްއޭ ކަޕްގެ ފުރަތަމަ މެޗުގައި ސުޕަ ޔުނައިޓަޑް ސްޕޯޓްސް (ސަސް) އާއި ދެ ވަނަ ޑިވިޝަންގެ ބިސް ބުރު ސްޕޯޓްސް ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެކެވެ. ސަސް އާއި ބިސް ބުރުގެ މެޗު އޮތީ 12 ވަނަ ދުވަހު ހަވީރު އެވެ. އެ ތަނުން މޮޅުވާ ބަޔަކު އީގަލްސްއާ ކުޅޭނީ 15 ވަނަ ދުވަހުގެރޭގަ އެވެ.

އެފްއޭ ކަޕްގައި ދެ ވަނަ ޑިވިޝަނާއި ތިން ވަނަ ޑިވިޝަން އިން ޖުމްލަ ތިން ކްލަބު ބައިވެރިވުމަށް ޝައުގުވެރިކަން ފާޅުކުރި ނަމަވެސް، ބައިވެރިވީ މިހާރު ކުރިއަށްދާ ދެ ވަނަ ޑިވިޝަން މުބާރާތުގައި ވާދަކުރާ ބިސް ބުރެވެ.

އެފްއޭ ކަޕް 2017 ވަނަ އަހަރު އެންމެ ފަހުން ބޭއްވިއިރު، އެ ފަހަރުގެ މުބާރާތް ކާމިޔާބުކުރީ އެފްއޭ ކަޕްގެ އެންމެ ކާމިޔާބު ކްލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް އެވެ.