Advertisement

ޔޫކްރެއިންގެ ނިޔުކްލިއާ ޕްލާންޓް ކޮންޓްރޯލުން ނައްޓައިފި: އައިއޭއީއޭ

4 އޮގަސްޓު 2022 - 06:26 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ރަޝިއާގެ ސިފައިންގެ މީހަކު ނިޔުކްލިއާ ޕްލާންޓުގެ ބޭރުގައި. -- ފޮޓޯ: އޭއެފްޕީ


ޔޫކްރެއިންގެ ނިޔުކްލިއާ ޕްލާންޓް ކޮންޓްރޯލުން ނައްޓައިފި: އައިއޭއީއޭ

4 އޮގަސްޓު 2022 - 06:26 0

ޔޫކްރެއިންގެ ޒަޕޮރިއްޒިޒިއާ ނިޔުކްލިއާ ޕްލާންޓް "އެއްކޮށް ކޮންޓްރޯލުން ނައްޓާލައިފި" ކަމަށް އދ. ގެ ނިޔުކްލިއާ އެޖެންސީގެ ވެރިޔާ ވިދާޅުވެއްޖެ އެވެ.

"ނިޔުކްލިއާ ރައްކާތެރިކަމާ ގުޅޭ ހުރިހާ އުސޫލެއް ވަނީ މުގުރާލާފައި،" ރަފައެލް ގްރޮސީ އޭޕީ ނޫހަށް ވިދާޅުވި އެވެ.

ޒަަޕޮރިއްޒިޒިއާ ނިޔުކްލިއާ ޕްލާންޓަކީ ޔޫރަޕްގެ އެންމެ ބޮޑު ނިޔުކްލިއާ ޕްލާންޓެވެ. މިދިޔަ މާޗް މަހުން ފެށިގެން އެ ތަން އޮތީ ރަޝިއާގެ އަތް ދަށުގަ އެވެ.

ގްރޮސީ ވިދާޅުވީ އިންޓަނޭޝަނަލް އެޓޮމިކް އެނާޖީ އެޖެންސީ (އައިއޭއީއޭ) ގެ ޓީމަކުން އެ ތަނަށް ދިޔުމަށް ތައްޔާރުގައި އޮންނަތާ ދެ މަސް ވެއްޖެ ކަމަށެވެ.

އެކަމަކު މިހާތަނަށް އެ މިޝަން ކުރިއަަށް ގެންދެވޭ ގޮތް ނުވާ ކަމަށް ފާހަގަކުރެއްވި އެވެ.

ޒަޕޮރިއްޒިޒިއާ ސަރަހައްދު ބަލަހައްޓާ ރަޝިއާގެ އޮފިޝަލަކު ރޮއިޓާޒް ނޫހަށް ވިދާޅުވީ ޔޫކްރެއިނުން އެ ޕްލާންޓަަށް ހަމަލާދެމުންދާ ކަމަށެވެ.

ޔެވްގެނީ ބަލިޓްސްކީ ވިދާޅުވީ ރަޝިއާ ސިފައިން އެ ޕްލާންޓް ގާޑު ކުރަމުންދާ އިރު، ޔޫކްރެއިނުން ހަމަލާދެމުންދާ ކަމުގެ ހެކި އައިއޭއީއަށް ދައްކަން ތައްޔާރު ކަމަށެވެ.

ޔޫކްރެއިން ހަނގުރާމައިގެ އެންމެ ފުރަތަމަ ދުވަސްކޮޅު ރަޝިއާއިން ހިފި ޕްލާންޓް އަދިވެސް ހިންގަމުންދާ އިރު، އެ ތަނުގައި މަސައްކަތް ކުރަނީ ޔޫކްރެއިންގެ މުވައްޒަފުންނެވެ.

އެހެން ނަމަަވެސް އެ މުވައްޒަފުންނާއި އައިއޭއީއޭއާ ރަނގަޅަށް މުއާސަލާތު ނުކުރެވޭ އިރު، ބޭނުންވާ ސާމާނު ލިބުމުގެ ދަތިކަަން ވެސް އެ ތަނަށް އެބަ އޮތް ކަމަށް ގްރޮސީ ވިދާޅުވި އެވެ.

އޭގެ އިތުރުން އައިއޭއީއޭއިން އިންސްޕެކްޓް ކުރަން ޖެހޭ ގިނަ އަދަދެއްގެ ނިޔުކްލިއާ ތަކެތި އެ ތަނުގައި އެބަ ހުރި ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

"ހަނގުރާމައިގެ ސަބަބުން ނިޔުކްލިއާ ކާރިސާއެއް ކުރިމަތި ނުވާނެކަން ކަށަވަރު ކުރުމަށް ޒަޕޮރިއްޒިޒިއާ އާއި ވަށައިގެންވާ ހިސާބުތަކުގެ މީހުން ބަރޯސާ ވަނީ އަޅުގަނޑުމެންނަށް،" ގްރޮސީ ވިދާޅުވި އެވެ.

އެ ޕްލާންޓް އިންސްޕެކްޓް ކުރުމަށް އަައިއޭއީއޭގެ ޓީމަކަށް ދައުވަަތު ދީފަައި ނުވާނެ ކަމަށް މިދިޔަ ޖޫން މަހު ޔޫކްރެއިންގެ ދައުލަތުގެ ނިޔުކްލިއާ ކުންފުނިން ބުންޏެވެ. އެ ކުންފުނިން ބުނީ އައިއޭއީއޭއިން އެ ޕްލާންޓަށް ގޮސްފި ނަމަ، އެ ތަން ހިފައިގެން އޮތް ރަޝިއާގެ ފައުޖަށް ހިތްވަރު ލިބޭނެ އެވެ.

ގްރޮސީ ވިދާޅުވީ ހުރިހާ އެންމެންގެ ސަލާމަތަށްޓަކަައި އެ ޕްލާންޓް އިންސްޕެކްޓް ކުރަން ޖެހޭ ކަމަށާއި އެކަން ކުރެވެން އޮތީ ޔޫކްރެއިނާއި ރަޝިއާގެ އެއްބާާރުލުމާ އެކު އައިއޭއީއޭގެ ޓީމަށް ރައްކާތެރިކަން ދިނުމުން ކަމަށެވެ.

"އަޅުގަނޑު ދެ ފަރާތަށް ވެސް މި ގޮވާލަނީ މި މިޝަން ކުރިއަށް ގެންދިޔުމުގެ ފުރުސަތު ދިނުމަށް."

ދުނިޔޭގައި މިހާތަނަށް ހިނގި އެންމެ ބޮޑު ނިޔުކްލިއާ ހާދިސާ ހިނގީ 1986 ވަނަ އަހަރު ޔޫކްރެއިންގެ ޗެރްނޮބީލް ޕްލާންޓްގެ ރިއެކްޓަރެއް ގޮވުމުންނެވެ.