Advertisement

ހުލާސާކޮށް އިއްޔެ: ގްރީން ޓެކްސް ނެގޭނެ ކަމާމެދު ބަހުސެއް

4 އޮގަސްޓު 2022 - 06:27 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހުލާސާކޮށް އިއްޔެ: ގްރީން ޓެކްސް ނެގޭނެ ކަމާމެދު ބަހުސެއް

4 އޮގަސްޓު 2022 - 06:27 0

ނިމުނު ޖުލައި މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ޓޫރިޒަމާބެހޭ ގާނޫނަށް 11 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ގްރީން ޓެކްސް ނެގުމާ ގުޅޭގޮތުން ބޭނުންކޮށްފައިވާ އިބާރާތުގެ ސަބަބުން މި އަހަރުގެ ބާކީ އޮތް މަސްމަހުގައި ގްރީން ޓެކްސް ނެގިދާނެ ކަމާމެދު ސުވާލު އުފެދިފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ޓޫރިޒަމް ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ވަނީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި، ރިސޯޓު ހޮޓާތަކާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ހޮޓާތަކާއި ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގާނީ 1 ޖެނުއަރީން ފެށިގެން ކަމަށެވެ. އެއީ 50 ކޮޓަރިއަށް ވުރެ ގިނަ ތަންތަނުން އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުން އަދި 50 ކޮޓަރިއަށް ވުރެ މަދު ތަންތަނުން ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ތިން އެމެރިކާ ޑޮލަރު ރޭޓުގަ އެވެ.

ގާނޫނު މިގޮތަށް އިސްލާހުކުރީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި 50 ކޮޓަރިއަށް ވުރެ ގިނައިން ހުންނަ ހޮޓާތަކާއި ގެސްޓްހައުސްތަކުން ހަ ޑޮލަރު ރޭޓުގައި ގްރީން ޓެކްސް ނެގުމުގެ ބޭނުމުގަ އެވެ. ކުރިން ގާނޫނު އޮތް ގޮތުން ކިތަންމެ ގިނަ ކޮޓަރިއެއް ހުރި ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ތަންތަނުން ގްރީން ޓެކްސް ނަގަނީ ތިން ޑޮލަރު ރޭޓުގަ އެވެ.

މައްސަލައަކީ ކަނޑައެޅިގެން ވަކި ތާރީހެއް ޖަހާފައި އޮތުން

ގްރީން ޓެކްސް ނެގުމާ މެދު ސުވާލު އުފެދުނީ މިހާރު އަމަލަކުރަމުންދާ ގާނޫނުގައި ވަކި ތާރީހަކުން ފެށިގެން ގްރީން ޓެކްސް ނެގޭނެ ކަމަށް ޖަހާފައިވާތީ އެވެ.

ގާނޫނީ ދާއިރާގެ ބޭފުޅުން ވިދާޅުވަނީ މިހާރު އޮތް ގޮތުން ރައީސް ސޯލިހު އެ ގާނޫނު ތަސްދީގުކުރެއްވި ތާރީހު ކަމުގައިވާ ޖުލައި 3 އިން ފެށިގެން ގްރީން ޓެކްސް ނެގުން ހުއްޓުނީ އެވެ. ސަބަބަކީ ކުރިން އެ ޓެކްސް ނަގަމުން އައި މާއްދާ އިސްލާހުކުރުމުންނެވެ.

މިކަމާ ގުޅިގެން މީރާގެ ތަރުޖަމާނު އަހުމަދު ޝަރީދު "އަދަދު" ނޫހަށް ވިދާޅުވި ގޮތުގައި ގާނޫނީ ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތަށް މިހާރު އޮތް ގޮތުން ގްރީން ޓެކްސް ނުނެގޭނެ ކަމަށާއި ދެން އެ ޓެކްސް ނެގޭނީ ގާނޫނު އިސްލާހުކޮށްގެންނެވެ. އެކަމަކު މިހާތަނަށް ގްރީން ޓެކްސްގެ ގޮތުގައި ނަގާފައިވާ ފައިސާއެއް ނަމަ، އެ ދެއްކި ފަރާތަަށް އަނބުރާ ރައްދުނުކުރާ ހާލަތުގައި މީރާއަށް ދައްކަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނު އިސްލާހުކުރުމުގެ މަސައްކަތާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާން ވިދާޅުވީ އެކަން ފާހަގަވީ ހިސާބުން ފެށިގެން އެކަން ހައްލުކުރެވޭނެ ގޮތްތައް ބަލަމުންދާ ކަމަށެވެ. އަދި އެ ބަދަލުގެންނާނީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ނުލިބި ނުދާނެ ފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން މި މަސައްކަތް ކިތަންމެ ބާރަށް ކުރި ނަމަވެސް ގާނޫނު އިސްލާހުކުރެވޭނީ ރައްޔިތުންގެ މަޖިލީހަށެވެ. މިހާރު ޗުއްޓީގައި އޮތް މަޖިލިސް ހުޅުވާނީ އޮގަސްޓު 16 ގައި ކަމުން އެ ތާރީހުގެ ކުރިން މި ގާނޫނު އިސްލާހުކުރަންޏާ ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައިގެން އެ މަސައްކަތް ކުރާށެވެ.

ގްރީން ޓެކްސްއަކީ ޑޮލަރުން ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ޓޫރިޒަމް ޖީއެސްޓީ އާއި ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައި ބިމު ކުއްޔާއި އެެއާޕޯޓު ޑިޕާޗާ ޓެކްސް ނަގާފައި ލިބޭ އެންމެ ބޮޑު އާމްދަނީ އެވެ. މި އަހަރުގެ މިހާތަނަށް ވެސް 547 މިލިއަން ރުފިޔާ ގްރީން ޓެކްސް އާމްދަނީއަށް ލިބިއްޖެ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • ބައިނަލްއަގުވާމީ ތަރައްގީއަށް އެހީތެެރިވެދޭ އެމެރިކާގެ އެޖެންސީ, ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޯ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (ޔޫއެސްއެއިޑް) އިން ރާއްޖެއަށް ޖުމްލަ 300،000 ޑޮލަރުގެ ހިލޭ އެހީ ދިނީ އިއްޔެ އެވެ.
  • ހިލްޓަން އިންޓަނޭޝަނަލަށް ދޭން ޖެހޭ 24 މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދީ އޮތް މައްސަލާގައި ސަން ކުންފުނީގެ ވެރިޔާ އަހްމަދު ސިޔާމްގެ ޕާސްޕޯޓް ހިފަހައްޓަން ސިވިލް ކޯޓުން ނެރެފައިވާ އަމުރު ހައި ކޯޓުން ވެސް ދެމެހެއްޓީ އިއްޔެ އެވެ.
  • މިހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރަސްމީ ދަތުރުފުޅުތަކަށް ކުރާ ހަރަދު، އަހަރުން އަހަރަށް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯގައި ވާދަކުރާ ދިވެހި ބޮޑީބޯޑަރުންނަށް ސަޕޯޓުކޮށްދޭން ވަރުނުލާ ރާޅުގަނޑަށް ވީހާވެސް ގިނަ ބަޔަކު އައުމަށް އެދެމުން ރާއްޖޭގެ ޗެމްޕިއަން ކުޑަ އައްޔަ ބުނީ:

ފުރަތަމަ ކަމަކަށް އަސްލު މި ރާޅުތައް ރަނގަޅަށް އިނގޭތީ އޭގެ ފައިދާ ކުރި، ހަމަ މަޑުކޮށްގެން އޮތީ ރަނގަޅު ރާޅަކަށް. އެ ރާޅު ލިބުނީމަ އިނގޭ ރަނގަޅު ސްކޯ އެއް ނެގޭނެކަންވެސް. ވަކި މީހެއް ބަލިކުރުމަށްވުރެ އަމިއްލަ ބެސްޓު ދައްކާލަން ޓާގެޓް ކުރަނީ. އޭގެ ފަހުން މޮޅަށް ވިސްނަނީ

ދުވަހުގެ ފޮޓޯ

މާލޭ ރާޅުގަނޑުގައި މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގެ ޑްރޮޕް-ނީ ކެޓަގަރީގައި ރާއްޖޭގެ ޗެމްޕިއަން ކުޑަ އައްޔާ ރާޅާ އަޅަނީ. އޭނާ އަންނަނީ މި މުބާރާތުގައި ތަފާތު މޮޅު ފެންވަރެއް ދައްކައި ތާރީހު ލިޔަމުން --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު