Advertisement

ބޮޑު ޗުއްޓީގެ އުފާ ފެނަށްވެ، އެނބުރި ސްކޫލަށް

7 އޮގަސްޓު 2022 - 08:46 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން


ބޮޑު ޗުއްޓީގެ އުފާ ފެނަށްވެ، އެނބުރި ސްކޫލަށް

7 އޮގަސްޓު 2022 - 08:46 0

އަހަރު މެދަށް ބަދަލުކުރި ފުރަތަމަ ބޮޑު ޗުއްޓީ ނިމި އަލުން ކިޔަވަން ފެށުނު ނަމަވެސް ރަށުން ބޭރަށް ފުރައިގެން ދިޔަ ގިނަ ދަރިވަރުން ތިބީ އެ ދިޔަތަނެއްގައި ތާށިވެފަ އެވެ. ޑޮކްޓަރަށް ދައްކަން މާލެ އައި އާއިލާތަކާއި ގާތްތިމާގެ މީހުން ދެކިލަން ރަށްރަށަށް ދިޔަ މީހުންނެވެ. ބޭސް ފަރުވާއަށާއި ޗުއްޓީ ހަދައިލަން ރާއްޖޭން ބޭރަށް ދިޔަ މީހުން ވެސް އެއް ހާލެއްގަ އެވެ.

ކަނޑުތައް އެހާ ގަދަ އެވެ. މަތިން ވެސް ދަތުރު ކުރެވޭ ވަރަށްވުރެ ވައި ބާރެވެ. ކަނޑު އަދި ވައިގެ މަގުން ވެސް ދަތުރުކުރަން ޖެހިލުންވެ، ފުރޭނެ ގޮތެއް ނެތި އެނބުރި ނާދެވިފަ އެވެ. މަޖާކޮށްލާނަމޭ ހިތާ އަތޮޅު ތެރެއަށް ދިޔަ މީހު މީހުންނަށްވެސް ގޭގެ އޮޅި ގިރާކޮށްފައި ބޭރަށް ނުކުމެވޭ ވަރެއް ނުވި އެވެ. އެހާ ވިއްސާރަ އެވެ.

މިއީ ކޮންމެ އަހަރަކު ރާއްޖެއަށް އަންނަ ޖޫން/ޖުލައިގެ ގަދަ ވިއްސާރައިގެ ދުވަސްވަރެވެ. އެތައް ހާސް ބަޔަކު ހިމެނޭ ބޮޑު ސާވޭއަކަށްފަހު ބަދަލުކުރި ބޮޑު ޗުއްޓީގައި ތަޖުތިބާ ކުރަން ޖެހުނީ ވިއްސާރައިގެ ހިތިކަމެވެ. ޗުއްޓީގެ ބޭނުން އެންމެ އެދެވޭ ގޮތުގައި ނުހިފި، ދަރިވަރުން އަނބުރާ ސްކޫލަށް ފޮނުވަން ފަށަން ޖެހުނީ އެ މާޔޫސްކަމުގަ އެވެ.

"މި ހުރީ މާލޭގަ. ކިޔެވުން ފެށުނީ. ބޯޓެއް ލޯންޗެއް ނާދޭ. ކިހިނެތް ފުރޭނީ. މަތިން ދާން އެހާ ހަރަދު،" ޗުއްޓީ ނިމި ކިޔެވުން ފެށުނު އިރުވެސް ރަށަށް ނުދެވި ހުރި ބެލެނިވެރިޔަކު ހިތްހަމަ ނުޖެހިފައި ވާހަކަ ދެއްކި އެވެ.

ސޯޝަލް މީޑިއާގައި އުދާސްތައް ބަންޑުންކޮށްލި ރިސޯޓު މުވައްޒަފަކު ބުނެފައި ވަނީ، އަހަރީ ޗުއްޓީ ނަގައިގެން އަނބިދަރިން ކައިރިއަށް ރަށަށް ދެވެނު ނަމަވެސް އޭގެ ބޭނުން ނުހިފުނު ކަމަށެވެ.

"ކަނޑު ގަދަކަމުން ރަށުން ބޭރަށް ނުދެވުނު. ކޮންމެ ދުވަހަކު ވިއްސާރަ. އެހާ ވައިގަދަ، ކަނޑު ގަދަ. އެލާޓުގަ ޗުއްޓީ ނިންމާފަ ކުދިން ސްކޫލަށް ފޮނުވަން މި ޖެހުނީ، ޗުއްޓީއަށް ބަދަލެއް ބޭނުންވޭ،" އޭނާ ޝަކުވާކުރި އެވެ.

މިއީ މާލެއާ ދުރު އަތޮޅުތަކުގައި ދިރިއުޅޭ މީހުންގެ ހާލެވެ. މާލެ ކައިރީ ރަށްރަށުގެ ބައެއް މީހުން ބުނި ގޮތުގައި ކިތަންމެ ކައިރި ނަމަވެސް ވިއްސާރަވުމުން ރަށުން ބޭރަށް ނުދެވުނު ކަމަށެވެ.

ޖޫނަ މަހުގެ 30 ގައި ސްކޫލުތައް ބަންދުކުރި ގޮތަށް މިދިޔަ ދޮޅުމަހެއްހާ ދުވަސް އެއްކޮށް ދިޔައީ ވިއްސާރަކޮށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ވިއްސާރަ އަލިވާން ނެތް ކަމަށް މެޓުން ބުނެ އެވެ. އެކަމުގެ ކަންބޮޑުވުން ޓީޗަރުންނާއި ބެލެނިވެރިން ވެސް ފާޅުކުރި އެވެ.

މިއަދު ކިޔަވައިދޭން ފެށީ 90،000 ދަރިވަރުންނާއި 8،000 ޓީޗަރުންނާއެކު

ވިއްސާރައިގެ މެދުތެރެއިން ކިޔެވުމުގެ އާ އަހަރެއް ފަށާއިފައި ވާއިރު، އެޑިއުކޭޝަން މިނިސްޓްރީން އަންދާޒާ ކުރާ ގޮތުގައި ސަރުކާރުގެ ސްކޫލްތަކާއި ޕަރައިވެޓް ސްކޫލަތްކާއެކު މި އަހަރު 92300 ދަރިވަރުން ކިޔަވާނެ އެވެ. އެއީ ޖުމްލަ 217 ސްކޫލުގެ ދަރިވަރުންނެވެ.

މިއަދު ފެށުނު ދިރާސީ އާ އަހަރާ އެކު ރާއްޖޭގައި ޖުމްލަ 8364 ޓީޗަރުން މިއަހަރު ކިޔަވައިދޭނެ އެވެ. އޭގެތެރޭގައި ހިމެނެނީ ބިދޭސީ 1693 ޓީޗަރުންނާއި ދިވެހި 6006 ޓީޗަރުންނާއި އަދި ރިލީފް ޓީޗަރުންގެ ގޮތުގައި 665 ޓީޗަރުންނެވެ.

ކަން މިހެން އޮތްއިރު މޫސުމުގެ އިތުރުން ކަންބޮޑުވާން ޖެހޭ އެހެން ކަމެއް ވެސް ވަނީ ފެންމަތިވެފަ އެވެ. މާލެ ސަރަހައްދަށް ބަދަލުވާ އާއިލާތައް އިތުރުވުމެވެ. މިނިސްޓްރީންވެސް އެކަން ފާހަގަ ކޮށްފައި ވާއިރު، ސްކޫލު ބަދަލުވުމަށް މި އަހަރު 5260 އެޕްލިކޭޝަން ވަނީ ހުށަހަޅާފަ އެވެ.

އެ ދަރިވަރުންގެ ތެރެއިން އެންމެ ގިނައީ އަތޮޅު ތެރެއިން މާލެއަށް ބަދަލުވާ ދަރިވަރުންގެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ. އެ ގޮތުން 1500 އެޕްލިކޭޝަން އަކީ އަތޮޅު ތެރެއިން މާލެ ސަރަހައްދުގެ ސްކޫލްތަކަށް ދަރިވަރުން ބަދަލު ކުރުމަށް އެދިފައިވާ އެޕްލިކޭޝަންތައް ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެ އެވެ.

ޗުއްޓީ އަހަރުގެ މެދަށް ބަދަލު ކުރުމާ އެއްގޮތަށް މިއީވެސް ކަންބޮޑުވާން ޖެހޭ ކަމެކެވެ.

"ރަސްމީކޮށް ޗުއްޓީ ބަދަލުކުރާކަށް ނޭދޭ، ބަދަލެއް ނުކުރާނެ"

މިދިޔަ ބުރާސްފަތި ދުވަހު އެޑިޔުކޭޝަން މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗުއްޓީއަށް ބަދަލު ގެންނައުމުގެ ވިސްނުމެއް ގެންގުޅެންތޯ ސުވާލު ކުރުމުން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެފައި ވަނީ މި ދުވަސްވަރުގެ މޫސުން ބެލުމަށް ފަހު، ހާލަތު ރަނގަޅު ނޫނިއްޔާ ބަދަލުކުރެވިދާނެ ކަމަށެވެ.

ނަމަވެސް އެއީ ފަސޭހަ ކަމެއް ނޫން ކަމަށާއި ޗުއްޓީ އަނެއްކާ ކުރީގެ ގޮތަށް ބަދަލުކޮށްފިނަމަ ދަރިވަރުންގެ ކަރިކިއުލަމް ނިންމުމަށް ދިރާސީ އަހަރަށް ހަ މަސް އިތުރުވެގެން ދިއުމުން، މިހާރު ތިބި ދަރިވަރުންގެ ވަގުތުތައް ބޭކާރުވެގެން ދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އަދި މިނިސްޓަރު ވިދާޅުވީ ޗުއްޓީ ބަދަލު ކުރުމުން އެކަމާ ހިތްހަމަ ނުޖެހިގެން އެއްވެސް ފަރާތަކުން މިނިސްޓްރީއަށް ރަސްމީކޮށް މައްސަލައެއް ހުށަހަޅާފައި ނުވާ ކަމަށެވެ.

"ބޮޑު ޗުއްޓީ ބަދަލުކުރުމާ މެދު އާއްމުންގެ ހުރި ކަންބޮޑުވުންތައް ސޯޝަލް މީޑިއާ އިން ފެނޭ. ނަމަވެސް ރަސްމީކޮށް އެކަމާ ގުޅޭ ޝަކުވާއެއް ހުށަހަޅާފައެއް ނުވޭ. ސްކޫލުތަކުގެ ބެލެނިވެރިން ބޭނުންވާ ނަމަ ބޮޑު ޗުއްޓީ އަލުން ބަަދަލުކުރުމަށް ސަރުކާރުން ވިސްނާނެ،" މިނިސްޓަރު ވިދާޅުވި އެވެ.

ދިރާސީ އަހަރުގެ ކިޔަވައިދިނުން އަހަރުގެ މެދުން ފަށައިގެން މި ގެނައި ބަދަލުގެ ސަބަބުން ސްކޫލް ބޮޑު ބަންދު, ޗުއްޓީއެއްގެ ގޮތުގައި ބޭނުން ނުހިފުނު ކަމަށް އެންމެންވެސް ގަބޫލުކުރެ އެވެ. ޗުއްޓީއާއެކު ލައްވާލި ގަދަ ވިއްސާރަ އެވެ. އެއްބަޔަކު ޗުއްޓީގެ އުފާ ނުލިބި ރަށު ބަންދުގަ އެވެ. އަނެއް ބަޔަކު ގެއިން ބޭރަށް ނުނިކުމެވި ގޭ ބަންދުގަ އެވެ.

ރަސްމީ ޝަކުވާއެއް ހުށަނޭޅި ނަމަވެސް، ހަމައެކަނި ސޯޝަލް މީޑިޔާއަށް ބަލާލި ނަމަވެސް އެނގެނީ ބޮޑު ޗުއްޓީއަށް ޖޫން ޖުލައި ކަމު ނުދާ ކަމެވެ.