Advertisement

ކުޑައައްޔަ އަށް ހުއްޓުމެއް ނެތް! އަނެއްކާ ވެސް ތާރީހީ ކާމިޔާބެއް!

3 އޮގަސްޓު 2022 - 13:46 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

ކުޑަ އައްޔަ ރާއްޖޭގެ ދިދަ ހިފައިގެން އުފާ ފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ކުޑައައްޔަ އަށް ހުއްޓުމެއް ނެތް! އަނެއްކާ ވެސް ތާރީހީ ކާމިޔާބެއް!

3 އޮގަސްޓު 2022 - 13:46 0

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ވޯލްޑް ޓުއާ މުބާރާތެއްގެ ގަދަ އަށަކުން ޖާގަ ހޯދި ފުރަތަމަ ރާއްޖޭގެ ބޮޑީބޯޑަރުގެ މަގާމު ހޯދައި، އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ތާރީހީ ކާމިޔާބެއް ހޯދައިފި އެވެ.

މާލޭ ވަރުނުލާ ރާޅުގަނޑު ސަރަހައްދުގައި މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ފިރިހެން އޯޕަން ބައިގެ ހީޓުގައި ކުޑަ އައްޔަ ވަނީ ދުނިޔޭގެ ރޭންކިންގައި އުޅޭ ފްރާންސްގެ ޔަން ސަލައުން ބަލިކޮށްފަ އެވެ.

މިއަދުގެ ހީޓުގެ ކުރިން އިއްޔެ ކުރިއަށްދިޔަ ތިން ވަނަ ބުރުގެ ހީޓުގައި ވާދަކޮށް ކުޑަ އައްޔަ ވަނީ ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އޮތް ޓަނާ މެކް ޑެނިއެލް ބަލިކޮށްފަ އެވެ.

މުބާރާތުގެ ގަދަ 16 ގައި ކުޑަ އައްޔަ ވާދަކުރި ހީޓުގެ އެންމެ ފަހު ވަގުތާ ހަމައަށް ދިޔައީ ވަރަށް ފޯރިގަދަކޮށެވެ. ހީޓު ފަށައިގެން ފުރަތަމަ ލީޑު ނެގީ ފްރާންސްގެ ޔަން އެވެ. ރަނގަޅު ލީޑެއްގައި އޮއްވާ އައްޔަ ވަނީ އޭނާގެ ދެ ވަނަ ރާޅާއި ތިންވަނަ ރާޅުން ހޯދި ރަނގަޅު ދެ ސްކޯއާ އެކު ލީޑު ނަގާފަ އެވެ.

ހީޓުގެ އޮއިވަރު އަނެއްކާ ވެސް ބަދަލުވީ ޔަންގެ ފަސް ވަނަ ރާޅުގައި ހޯދި ސްކޯއާ އެކު ކުޑަ ތަފާތަކުން ކުރި ހޯދުމުންނެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ބޮޑީބޯޑަރު ކުޑަ އައްޔަ ހީޓު ކާމިޔާބުކުރީ ނިމެން ތިން މިނެޓަށްވެފައިވަނިކޮށް، އެޅި ރާޅުން ހޯދި ސްކޯއާ އެކު ޖުމްލަ ސްކޯ 12.15 އަށް އަރުވައިގެންނެވެ. ޔަން އަށް ޖުމްލަ ސްކޯގެ ގޮތުގައި ލިބުނީ 11.15 އެވެ.

މި ކާމިޔާބީއާ އެކު ކުޑަ އައްޔަ ވެފައިވަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޮޑީބޯޑިން މުބާރާތަކުން ގަދަ އަށަކުން ޖާގަ ހޯދި ރާއްޖޭގެ ފުރަތަމަ ބޮޑީބޯޑަރަށެވެ.

މުބާރާތުގެ ކުއާޓާ ފައިނަލުގައި ކުޑަ އައްޔައާ ދެކޮޅަށް ނުކުންނާނީ ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އުޅޭ ޓަނާ މެކްޑެނިއެލް އެވެ. މީގެ ކުރިން މި މުބާރާތުގައި ދެ ފަހަރެއްގެ މަތިން މި ދެ ބޯޑަރުން ވާދަކުރި އެވެ. ފުރަތަމަ ބުރުގައި ކުޑަ އައްޔަގެ މައްޗަށް ޓަނާ ކުރި ހޯދިއިރު، ތިން ވަނަ ބުރުގައި ކުޑަ އައްޔަ ވަނީ ޓަނާގެ މައްޗަށް ކުރި ހޯދައިފަ އެވެ.

ގަދަ 16 އިން ފެށިގެން ކޮންމެ ހީޓެއްގައި ވާދަކުރަނީ ދެ ބައިވެރިންނެވެ. އެހެންކަމުން ހީޓުން ބަލިވާ ބައިވެރިއެއް މުބާރާތުން ކަޓާނެ އެވެ. ގަދަ އަށެއްގެ ހީޓުތައް ކުރިއަށް ދާނީ މާދަމާ އެވެ.

މިއަދު ކުރިއަށް ހުރި އިވެންޓުތަކަށް ބަލާއިރު، ޑްރޮޕް ނީ ކެޓަގަރީގައިވެސް ކުޑަ އައްޔަ ވާދަކުރާނެ އެވެ.