Advertisement

ޕޮގްބާ، ވޯލްޑް ކަޕް ގެއްލުމުގެ ބިރުން ސަލާމަތްވެއްޖެ

3 އޮގަސްޓު 2022 - 12:14 0


ޕޮގްބާ، ވޯލްޑް ކަޕް ގެއްލުމުގެ ބިރުން ސަލާމަތްވެއްޖެ

3 އޮގަސްޓު 2022 - 12:14 0

ޓިއުރިން، އިޓަލީ (އޮގަސްޓް 3) - ޔުވެންޓަސްއާ ދާދި ފަހުން ގުޅުނު ފްރާންސް މިޑްފީލްޑަރު ޕައުލް ޕޮގްބާގެ ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކާ ހެދި އޭނާ އަށް ނޮވެމްބަރު މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕް ގެއްލިދާނެ ކަމަށް ބިރު ހީވި ނަމަވެސް މިހާރު އޮޕަރޭޝަނެއް ކުރަން ނުޖެހޭކަން ވަނީ ޔަގީންވެފަ އެވެ.

ޕޮގްބާގެ ކަކުލުގެ މެނިސްކަސް އިރައިގެން ދިޔައީ، ޔުވެންޓަސްގެ ޓްރެއިނިން ސެޝަނެއްގެ ތެރެއިންނެވެ. ފުރަތަމަ ޓެސްޓްތަކުން ދެއްކީ އޮޕަރޭޝަނެއް ކުރަން ޖެހޭނެ ކަމަށެވެ. އެކަމަކު، ކަކުލުގެ ދުޅަ ތިރިވުމުން، ކުރި ޓެސްޓްތަކުން އެނގުނީ ކުރިން ހީކުރި ވަރަށް ވުރެ އަނިޔާ ސީރިއަސް ނޫން ކަމެވެ. އޮޕަރޭޝަނެއް ކުރަން ނުޖެހޭތީ، ޕޮގްބާ، 29، އަށް ލަސްވެގެން ފަސް ހަފްތާ ތެރޭގައި ކުޅުމަށް އެނބުރި އާދެވޭނެ އެވެ.

މިހާރު އޮތްގޮތުން މި މަހު 13 ވަނަ ދުވަހު ފަށާ އިޓާލިއަން ލީގުގެ ފުރަތަމަ މެޗުތަކުގައި ޕޮގްބާ ނުފެންނާނެ އެވެ. އޭނާ އެނބުރި ކުޅުމަށް އަންނާނެ ކަމަށް ބެލެވެނީ އަންނަ މަހުގެ ފަހު ކޮޅުގަ އެވެ. މިއީ ފްރާންސް ގައުމީ ޓީމަށް ވެސް ލިބޭނެ ހިތްހަަަމަ ޖެހުމެކެވެ.

މެންޗެސްޓާ ޔުނައިޓަޑްގައި ހަ އަހަރު ހޭދަކުރުމަށް ފަހު، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޕޮގްބާ އަލުން ޔުވެންޓަސް އަށް ބަދަލުވީ ހިލޭ ޓްރާންސްފާއެއްގަ އެވެ.

ޔުނައިޓެޑްގެ ޔޫތު ޓީމުގައި މޮޅު ކުޅުމެއް ދައްކައި، ޕޮގްބާ 2012 ވަނަ އަހަރު ސީނިއާ ޓީމަށް ޕްރޮމޯޓްވި ނަމަވެސް އެ އަހަރު ވަނީ ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސް އަށް ބަދަލުވެފަ އެވެ. ޕޮގްބާ، 29، ޔުނައިޓެޑާ އަލުން ގުޅުނީ 2016 ވަނަ އަހަރު، އޭރު ދުނިޔޭގެ ރެކޯޑު ފީއެއް ކަމަށްވާ 118 މިލިއަން ޑޮލަރަށެވެ.

ޕޮގްބާ، ކްލަބް ކެރިއަރުގައި އެންމެ ގިނަ ކާމިޔާބު ހޯދީ ޔުވެންޓަސް ޖޯޒީގަ އެވެ. ޔުވެންޓަސްގައި ހުރެ ހަތަރު ފަހަރު އިޓާލިއަން ލީގާއި ދެ ފަހަރު އިޓާލިއަން ކަޕާއި ސުޕަ ކަޕް ކާމިޔާބުކުރި އެވެ. ޔުނައިޓެޑްގައި ޕޮގްބާ ވަނީ އިނގިރޭސި ލީގު ކަޕާއި ޔޫރޮޕާ ލީގު ކާމިޔާބުކޮށްފަ އެވެ.