Advertisement

13 އަހަރުގެ ކުޑަކުޑަ އިޔާން އަށް ދުނިޔޭގެ ޗެމްޕިއަނުންގެ ތައުރީފު

4 އޮގަސްޓު 2022 - 04:46 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން


13 އަހަރުގެ ކުޑަކުޑަ އިޔާން އަށް ދުނިޔޭގެ ޗެމްޕިއަނުންގެ ތައުރީފު

4 އޮގަސްޓު 2022 - 04:46 0

"13 އަހަރޭ. ހާދަ ބިރުކުޑަ ސޮރެކޭ ދޯ އެއީ. އަހަރެން އަޖައިބުވެއްޖެ".

މިއީ ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ފްރާންސްގެ އަމައުރީ ލެވާން އަށް ރާއްޖޭގެ އުއްމީދީ ބޮޑީބޯޑަރު އިޔަން އަހުމަދުގެ ހުނަރު ފުރަތަމަ ފެނުމުން އެކަން އޭނާ ސިފަކުރި ގޮތެވެ.

ހަގީގަތުގައި ވެސް 13 އަހަރުގެ އިޔާން އަހުމަދުގެ ވާހަކަ ނުދައްކައި، މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ވާހަކައެއް ދެއްކޭކަށް ވެސް ނެތެވެ. ސަބަބުތައް ގިނަ އެވެ. މުބާރާތުގައި ވާދަކުރާ އެންމެ ޒުވާން ބޮޮޑީބޯޑަރު އިޔާން އަށް ތައުރީފު ނުކުރާ ވާދަވެރިއެއް ނެތެވެ. އޭނާގެ ވާހަކަ ހުއްޓާނުލައި ދައްކަން ބޭނުން ނުވާ މީހަކު މުބާރާތް އޮންނަ ސަރަހައްދަކު ނެތެވެ. އޭނާގެ ވީޑީއޯ އާއި ފޮޓޯ ނަގަން ބޭނުންނުވާ ބޭރުގެ މީޑިއާ އެއް ނޫނީ ދިވެހި މީޑީއާއެއް ވެސް ނެތެވެ.

އުމުރުން އެންމެ 10 އަހަރުގައި ރާޅުގަނޑަށް އިޔާން ފުންމާލީ އާއިލާގެ ގިނަ މެންބަރުންތަކެއްގެ މަގުބޫލު ކުޅިވަރަކަށް ބޮޑީބޯޑިން ވީމަ އެވެ. މޫދަށް އެރުމާއި މޫދު ކުޅިވަރަށް އޮތް ލޯތްބެއްގެ ބޮޑުކަމުންނެވެ.

"މަންމަ ގާތު އެހީ އޭރު އޯކޭހޭ ރާޅަށް ދިޔަ ޔަސް. މަންމަ ބުނީ އޯކޭއޭ ދާށޭ. އެކަމަކު ބަލައިގެން އުޅެއްޗޭ،" އިޔާން ރާޅު އަޅަން ފެށުނު ގޮތް ހަނދާނަށް އައި ހިސާބު ބުނެދިނީ މިހެނެވެ.

މިހާރު މިއީ އޭގެ ދޮޅު އަހަރު ފަހެވެ. އިޔާން އަކީ ޖޫނިއާ ގައުމީ ޓީމުގެ މުހިންމު މެންބަރެކެވެ. ރާއްޖޭގެ ބޮޑީބޯޑިންގެ އެންމެ އުއްމީދީ އެއް ދަންމަރެވެ.

އިޔާން އެންމެ ބޮޑަށް ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަންނަ ސަބަބަކީ ކޮންމެ ދުވަހެއްގެ ހީޓުތައް ކުރިއަށްދާއިރު ވެސް ތޮށިގަނޑުމަތީގައި އިށީނދެލައިގެން އިނދެ ކަންކަން ދަސްކުރަން ބަހައްޓާ ޝައުގުވެރި ކަމުންނެވެ.

"އަސްލު ބަލަން އިނީމަ ވަރަށް ދަސްވޭ. އިޔާން އަށް ވުރެ މާ މޮޅު މީހުން އެންމެންނަކީ ވެސް. ދެން ދުނިޔޭގެ ޗެމްޕިއަނުން މިއުޅެނީ. އާ ހުނަރުތައް އެބަ ފެނޭ. އިޔަން ބޭނުންވަނީ މުބާރާތް ނިމުނީމަ އެ މެނޫވާސްތައް ހަދައި ދަސްކުރަން"

މޯލްޑިވްސް ޕްރޯގެ ހީޓެއްގައި އިޔާން ރާޅާ އަޅަނީ / ފޮޓޯ: އިމޭޖަސް އެމްވީ


މުބާރާތުގެ އޯޕަން ބަޔަށް ބަލާއިރު އިޔާން އަކީ އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ރާއްޖޭގެ އެއް ބޯޑަރަށެވެ. ތަޖުރިބާގެ ގޮތުން ބަލާއިރު ތަފާތު ބޮޑު ބައިވެރިންނާއި ދެކޮޅަށް ނުކުމެ، އިޔާން ދެއްކި ހިތްވަރަށް އެންމެންގެ ތައުރީފު އަންނަނީ އޮހެމުންނެވެ.

މުބާރާތުގެ ތިން ވަނަ ބުރުގައި އިޔާން ވަނީ ސައުތު އެފްރިކާގެ ނިކް އެސްޓްރޮމް ފަހު ވަގުތު ކަޓުވާލައި ގަދަ 16 އިން ޖާގަ ހޯދާފަ އެވެ.

"އެންމެ ފަހު ގަޑީގަ އެ ސޮރު ކުއްލިއަކަށް އަހަރެން އެ ކަޓުވާލީ. ވަރަށް ޖެހިލުން ކުޑަ ސޮރެއް އެއީ. ހުއްޓާނުލައި ރަނގަޅު ފުރުސަތުތައް ލިބެންޏާ އެ ސޮރު ވަރަށް މޮޅުވާނެ" ތިން ވަނަ ބުރުގައި އިޔާން އަތުން ބަލިވި ނިކް ބުންޏެވެ.

"އިޔަން އެއްވެސް ވަރަކަށް ބިރެއް ނުގަނޭ ހަމަ. ނޯމަލްކޮށް މިތަނަށް އެރޭއިރު ވިސްނާ ގޮތަށް ހަމަ ވިސްނަނީ. އެކަމަކު، ބައެއް ފަހަރު ފިނިވޭ. ޕްރެޝަރަށް ވެސް ދޭ. އެއްކޮށް ވާދަކުރަން ދުނިޔޭގެ ޗެމްޕިއަނުން މިތިބީ. އެހެންވެ ކުޑަކޮށް ފިނިވޭ. ފުރަތަމަ ދުވަހު ވަރަށް ބޮޑަށްވި. އަލަށް ވީމަ. އެކަމަކު، މިހާރު ހަމަ އޯކޭ" އިޔާން އޭނާގެ ތަޖުރިބާ ހިއްސާ ކުރި އެވެ.

އިޔާން ހީޓަކަށް ތައްޔާރުވުމުގެ ކުރިން އޭނާގެ ކޯޗު ޖާއްޓެ އިޔާން އަށް އިރުޝާދުދެނީ / ފޮޓޯ: އަދަދު


އެންމެންގެ ފަރާތުން ލިބޭ ހިތްވަރަކީ އިޔަން އަށް ކުރިއަށް ދިޔުމަށް ލިބޭ ހިތްވަރުގެ ގޮތުގައި އޭނާ ސިފަ ކުރި އެވެ. އެ ގޮތުން ކޮންމެ ހީޓަކަށް ނުކުތުމުގެ ކުރިން ރަނގަޅު ކުރަންވީ ކަންކަން ބުނެދިނުމާއި އިރުޝާދު ދިނުމުގައި އިޔާންގެ ކޯޗު، އަލީ ޖާވިދު (ޖާއްޓެ)ގެ ފަރާތުން ލިބޭ އެހީތެރިކަން އިޔާން ފާހަގަކުރި އެވެ.

ރާއްޖޭގެ ގައުމީ ޓީމުގެ ޖާއްޓެ ގަބޫލުކުރާ ގޮތުގައި އިޔާން އަކީ މަސައްކަތްކޮށްފި ނަމަ ރާއްޖޭގެ އެންމެ އުހަށް ދެވޭނެ ހުނަރު ހުރި ކުއްޖެކެވެ.

ކެރިއަރުގެ އެންމެ ކުރީކޮޅު ދުނިޔޭގެ އެންމެ މޮޅެތި ބޯޑަރުންނާ އެކު ރާާޅާ އަޅާލަން މި ލިބުނު ފުރުސަތަކީ ވެސް އިޔާންގެ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައިވެސް ޖާއްޓެ ސިފަކުރި އެވެ.

މިދިޔަ އަހަރު ބޭއްވި މުލަ ބޮޑީބޯޑިން މުބާރާތާއި، ރާއްޖެ ބޮޑީބޯޑިން މުބާރާތުގެ އެންމެ އުއްމީދީ ބޮޑީބޯޑަރުގެ މަގާމް ހޯދި އިޔާންގެ އުއްމިދަކީ ރާއްޖޭގެ ގައުމީ ފެންވަރުގެ މުބާރާތެއް ކާމިޔާބު ކުރުމެވެ. އޭގެ ފަހުން ދުނިޔޭގެ ފެންވަރުގައި ރާއްޖެ އަށް ރީތި ނަމެއް ހޯދައިދިނުމެވެ.