Advertisement

ގާނޫނު އިބާރާތްކުރި ގޮތުން ގްރީން ޓެކްސް ނެގޭނެ ކަމާމެދު ބަހުސެއް

3 އޮގަސްޓު 2022 - 12:00 0

އަމަން ހަލީމް

އަމަން ހަލީމް

ރާއްޖޭގައި ޓޫރިސްޓަކު ޗުއްޓީ ހޭދަކުރަނީ: ގްރީން ޓެކްސް ނެގުމާމެދު އޮތީ ބަހުސެއް އުފެދިފައި


ގާނޫނު އިބާރާތްކުރި ގޮތުން ގްރީން ޓެކްސް ނެގޭނެ ކަމާމެދު ބަހުސެއް

3 އޮގަސްޓު 2022 - 12:00 0

ނިމުނު ޖުލައި މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ޓޫރިޒަމާބެހޭ ގާނޫނަށް 11 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ގްރީން ޓެކްސް ނެގުމާ ގުޅޭގޮތުން ބޭނުންކޮށްފައިވާ އިބާރާތުގެ ސަބަބުން މި އަހަރުގެ ބާކީ އޮތް މަސްމަހުގައި ގްރީން ޓެކްސް ނެގިދާނެ ކަމާމެދު ސުވާލު އުފެއްދިއްޖެ އެވެ.

ޓޫރިޒަމް ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައި ވަނީ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި، ރިސޯޓު ހޮޓާތަކާއި، މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ހޮޓާތަކާއި ގެސްޓްހައުސްތަކުން ގްރީން ޓެކްސް ނަގާނީ 1 ޖެނުއަރީން ފެށިގެން ކަމަށެވެ. އެއީ 50 ކޮޓަރިއަށް ވުރެ ގިނަ ތަންތަނުން އެއިން ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ހަ އެމެރިކާ ޑޮލަރުގެ ރޭޓުން އަދި 50 ކޮޓަރިއަށް ވުރެ މަދު ތަންތަނުން ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް ތިން އެމެރިކާ ޑޮލަރު ރޭޓުގަ އެވެ.

ގާނޫނު މިގޮތަށް އިސްލާހުކުރީ މީހުން ދިރިއުޅޭ ރަށްރަށުގައި ހުރި 50 ކޮޓަރިއަށް ވުރެ ގިނައިން ހުންނަ ހޮޓާތަކާއި ގެސްޓްހައުސްތަކުން ހަ ޑޮލަރު ރޭޓުގައި ގްރީން ޓެކްސް ނެގުމުގެ ބޭނުމުގަ އެވެ. ކުރިން ގާނޫނު އޮތް ގޮތުން ކިތަންމެ ގިނަ ކޮޓަރިއެއް ހުރި ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ތަންތަނުން ގްރީން ޓެކްސް ނަގަނީ ތިން ޑޮލަރު ރޭޓުގަ އެވެ.

މައްސަލައަކީ ކަނޑައެޅިގެން ވަކި ތާރީހެއް ޖަހާފައި އޮތުން

ގްރީން ޓެކްސް ނެގުމާ މެދު ސުވާލު އުފެދުނީ މިހާރު އަމަލަކުރަމުންދާ ގާނޫނުގައި ވަކި ތާރީހަކުން ފެށިގެން ގްރީން ޓެކްސް ނެގޭނެ ކަމަށް ޖަހާފައިވާތީ އެވެ.

ގާނޫނީ ދާއިރާގެ ބޭފުޅުން ވިދާޅުވަނީ މިހާރު އޮތް ގޮތުން ރައީސް ސޯލިހު އެ ގާނޫނު ތަސްދީގުކުރެއްވި ތާރީހު ކަމުގައިވާ ޖުލައި 3 އިން ފެށިގެން ގްރީން ޓެކްސް ނެގުން ހުއްޓުނީ އެވެ. ސަބަބަކީ ކުރިން އެ ޓެކްސް ނަގަމުން އައި މާއްދާ އިސްލާހުކުރުމުންނެވެ.

މިކަމާ ގުޅިގެން މީރާގެ ތަރުޖަމާނު އަހުމަދު ޝަރީދު "އަދަދު" ނޫހަށް ވިދާޅުވި ގޮތުގައި ގާނޫނީ ދާއިރާގެ ބޭފުޅުން ވިދާޅުވާ ގޮތަށް މިހާރު އޮތް ގޮތުން ގްރީން ޓެކްސް ނުނެގޭނެ ކަމަށާއި ދެން އެ ޓެކްސް ނެގޭނީ ގާނޫނު އިސްލާހުކޮށްގެންނެވެ. އެކަމަކު މިހާތަނަށް ގްރީން ޓެކްސްގެ ގޮތުގައި ނަގާފައިވާ ފައިސާއެއް ނަމަ، އެ ދެއްކި ފަރާތަަށް އަނބުރާ ރައްދުނުކުރާ ހާލަތުގައި މީރާއަށް ދައްކަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނު އިސްލާހުކުރުމުގެ މަސައްކަތާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީގެ ސީނިއާ ޕޮލިސީ ޑިރެކްޓަރު މުހައްމަދު ހުއްސާން ވިދާޅުވީ އެކަން ފާހަގަވީ ހިސާބުން ފެށިގެން އެކަން ހައްލުކުރެވޭނެ ގޮތްތައް ބަލަމުންދާ ކަމަށެވެ. އަދި އެ ބަދަލުގެންނާނީ ދައުލަތަށް ލިބެން ޖެހޭ ފައިސާއެއް ނުލިބި ނުދާނެ ފަދަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން މި މަސައްކަތް ކިތަންމެ ބާރަށް ކުރި ނަމަވެސް ގާނޫނު އިސްލާހުކުރެވޭނީ ރައްޔިތުންގެ މަޖިލީހަށެވެ. މިހާރު ޗުއްޓީގައި އޮތް މަޖިލިސް ހުޅުވާނީ އޮގަސްޓު 16 ގައި ކަމުން އެ ތާރީހުގެ ކުރިން މި ގާނޫނު އިސްލާހުކުރަންޏާ ޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާއެއް ބާއްވައިގެން އެ މަސައްކަތް ކުރާށެވެ.

ގްރީން ޓެކްސްއަކީ ޑޮލަރުން ދައުލަތަށް ލިބޭ އާމްދަނީގެ ތެރެއިން ޓޫރިޒަމް ޖީއެސްޓީ އާއި ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައި ބިމު ކުއްޔާއި އެެއާޕޯޓު ޑިޕާޗާ ޓެކްސް ނަގާފައި ލިބޭ އެންމެ ބޮޑު އާމްދަނީ އެވެ. މި އަހަރުގެ މިހާތަނަށް ވެސް 547 މިލިއަން ރުފިޔާ ގްރީން ޓެކްސް އާމްދަނީއަށް ލިބިއްޖެ އެވެ.