Advertisement

ކުޑަ އައްޔަގެ މެސެޖު: ސަޕޯޓު ކޮށްދޭން އާދޭ، ތަފާތު ދައްކާނަން!

3 އޮގަސްޓު 2022 - 10:19 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

މޯލްޑިވްސް ޕްރޯގެ ފިރިހެން އޯޕަން ބައިގެ ތިންވަނަ ބުުރުގައި ވާދަކޮށް ހީޓުން އެއްވަނަ ހޯދުމަށްފަހު އައްޔަ އުފާފާޅުކުރަނީ / ފޮޓޯ: އަދަދު


ކުޑަ އައްޔަގެ މެސެޖު: ސަޕޯޓު ކޮށްދޭން އާދޭ، ތަފާތު ދައްކާނަން!

3 އޮގަސްޓު 2022 - 10:19 0

މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯގައި ވާދަކުރާ ދިވެހި ބޮޑީބޯޑަރުންނަށް ސަޕޯޓުކޮށްދޭން ވަރުނުލާ ރާޅުގަނޑަށް ވީހާވެސް ގިނަ ބަޔަކު އައުމަށް ގައުމީ ޗެމްޕިއަން އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެދިއްޖެ އެވެ.

ދުނިޔޭގެ އެންމެ މަތީ ފަންތީގެ ބޯޑަރުން ވާދަކުރާ މުބާރާތުގައި ރާއްޖޭގެ ބޯޑަރުން އަންނަނީ ރަނގަޅު ވާދައެއް ކޮށް ރަނގަޅު ނަތީޖާތަކެއް ހޯދަމުންނެވެ. މިހާތަނަށް އޯޕަން ބައިގެ ހަތަރުވަނަ ބުރުން ރާއްޖޭގެ ހަތަރު ބޯޑަރަކު ޖާގަ ހޯދާފައިވާއިރު، ޖޫނިއާ ބައިގެ ސެމީ ފައިނަލުންވެސް ރާއްޖޭގެ އުއްމީދީ ތިން ބޯޑަރުން ވަނީ ޖާގަ ހޯދާފަ އެވެ. އަދ،ި ޑްރޮޕް ނީ ކެޓަގަރީގެ ތިންވަނަ ބުރުގައިވެސް ދިވެހި ބޮޑީބޯޑަރަކު ވާދަކުރާނެ އެވެ.

ރާއްޖޭގެ ބޯޑަރުންގެ ތެރެއިން މުބާރާތުގައި މިހާތަނަށް އެންމެ ތަފާތު ދައްކަމުން އަންނަނީ ގައުމީ ޗެމްޕިއަން ކުޑަ އައްޔަ އެވެ. އޭނާ ވަނީ އިއްޔެ ކުރިއަށްދިޔަ އޯޕަން ބައިގެ ތިންވަނަ ބުރުގައި ދުނިޔޭގެ ރޭންކިން ދެވަނައިގައި އޮތް ޓަނާ މެކް ޑެނިއެލް ބަލިކޮށްފަ އެވެ. މިހާތަނަށް ރާއްޖޭގެ ބޯޑަރަކު މި މުބާރާތުގައި ހޯދި އެންމެ މަތީ ސްކޯތަކާއިއެކު އައްޔަ ޓަނާގެ މައްޗަށް ކުރި ހޯދިއިރު އެންމެ ބޮޑަށް ފެނުނީ އެ ވަގުތު ރާޅުގަނޑު ސަރަހައްދުގައި ތިބި ސަޕޯޓަރުންނެވެ.

ކެރިއަރުގެ އެންމެ ފާހަގަކޮށްލެވޭ ހީޓު ނިންމާލުމަށްފަހު ކުޑަ އައްޔަ ބުނީ އާއިލާގެ ހުރިހާ މެންބަރުންނާއި، އެކުވެރިން އެ ވަގުތު ދިން ސަޕޯޓަކީ ރަނގަޅަށް ހީޓުގައި ވާދަކޮށްލަން ލިބުނު ހިތްވަރެއްކަމަށެވެ.

ވީހާވެސް ގިނަ ބަޔަކު އެ ސަރަހައްދަށް އައިސް ރާއްޖޭގެ ބޯޑަރުންނަށް ސަޕޯޓްކޮށްދޭން އެދެމުން ކުޑަ އައްޔަ ބުނީ ދިވެހި ބޯޑަރުންނަށްވެސް މުބާރާތުގައި ރަނގަޅު ވާދައެއް ކުރެވޭނެކަން މިހާރު ފެނިއްޖެ ކަމަށާއި، ސަޕޯޓަރުން ތިބެއްޖެ ނަމަ ތަފާތު ފެންނާނެ ކަމުގެ ޔަގީންކަންވެސް އެބަ އޮތްކަމަށެވެ.

ކުޑަ އައްޔަގެ އާއިލާގެ ބައެއް މެންބަރުންނާއި ރައްޓެހިން އޭނާ އަށް ސަޕޯޓުކުރަނީ / ފޮޓޯ: އަދަދު


"އެންމެން ގާތުވެސް ބުނެލަން ބޭނުން އަންނާށޭ ސަޕޯޓްކޮށްދޭން. އަހަރުމެން އެންމެން ތަފާތު ދައްކަން ވަރަށް ތައްޔާރުވެފައި މިތިބީ، ތަފާތު ފެންނާނެ. ސަޕޯޓު ހަމަ ބޭނުންވަނީ" ރާއްޖޭގެ އެންމެ ކާމިޔާބު ބޯޑަރު ބުންޏެވެ.

ޓަނާ މެކްޑެނިއެލްގެ މައްޗަށް ހޯދުނު މޮޅާ ގުޅޭގޮތުން އައްޔަ ބުނީ އަމާޒަކީ ވަކި މީހެއް ބަލިކުރުން ނޫންކަމަށާއި، އަބަދުވެސް ވިސްނަނީ އަމިއްލަ މީހާގެ ބެސްޓް ޕާފޯމް ކުރުންކަމަށެވެ. އަނެއްކޮޅުން ރާޅުގަނޑުގެ ރާޅުތަކުގެ ފެންވަރާއި، ބާރުމިން ރަނގަޅަށް އެނގުމަކީ ޓަނާގެ މައްޗަށް ކާމިޔާބު ހޯދަން ލިބުނު ފަސޭހައެއްކަމަށް އޭނާ ބުންޏެވެ.

"ފުރަތަމަ ކަމަކަށް އަސްލު މި ރާޅުތައް ރަނގަޅަށް އިނގޭތީ އޭގެ ފައިދާ ކުރި، ހަމަ މަޑުކޮށްގެން އޮތީ ރަނގަޅު ރާޅަކަށް. އެ ރާޅު ލިބުނީމަ އިނގޭ ރަނގަޅު ސްކޯ އެއް ނެގޭނެކަންވެސް. އެހެންވެ ތައްޔާރުވެގެން އޮތީ. އައްޔަ ވިސްނަނީ ހަމަ އަމިއްލަ ބެސްޓު ދައްކަން. ވަކި މީހެއް ބަލިކުރުމަށްވުރެ އަމިއްލަ ބެސްޓު ދައްކާލަން ޓާގެޓް ކުރަނީ. އޭގެ ފަހުން މޮޅަށް ވިސްނަނީ" ކުޑަ އައްޔަ ބުންޏެވެ.

މުބާރާތުގެ ފުރަތަމަ ބުރުގައިވެސް ކުޑަ އައްޔަ ވާދަކުރީ ޓަނާ އާ އެއް ހީޓެއްގަ އެވެ. އެކަމަކު އެ ފަހަރު އައްޔަ އަށް ކުރި ނުލިބުނެވެ. މުބާރާތުގެ ހަތަރުވަނަ ބުރުގައި ކުޑަ އައްޔަ ނުކުންނާނީ ފްރާންސްގެ ޔަން ސަލައުން އާ ދެކޮޅަށެވެ. މިއަދު ހެނދުނު ފަށާ ޖޫނިއާ ބައިގެ ސެމީ ފައިނަލް ދެ ހީޓަށް ފަހު އޯޕަން ބައިގެ ހީޓުތައް ފަށާނެ އެވެ.