Advertisement

ވިޒިޓް މޯލްޑިވްސް ޕްރޯ: ކުޑަ އައްޔައާ އެކު ޖާއްޓެ، އަސްވާން، އަދި އިޔާން ހަތަރު ވަނަ ބުރަށް

2 އޮގަސްޓު 2022 - 20:02 0

ވިޒިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން އޯޕަން ބައިގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދި އަލީ ޖާވިދު (ޖާއްޓެ) / ފޮޓޯ: އިމޭޖަސް އެމްވީ


ވިޒިޓް މޯލްޑިވްސް ޕްރޯ: ކުޑަ އައްޔައާ އެކު ޖާއްޓެ، އަސްވާން، އަދި އިޔާން ހަތަރު ވަނަ ބުރަށް

2 އޮގަސްޓު 2022 - 20:02 0

ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ފިރިހެން އޯޕަން ބައިގެ ހަތަރު ވަނަ ބުރުން ރާއްޖޭގެ އަލީ ޖާވިދު (ޖާއްޓެ) އާއި އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އާއި، އަސްވާން މުހައްމަދު (ދޫނި) އަދި އިޔާން އަހުމަދު ޖާގަ ހޯދައިފި އެވެ.

މާލޭ ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ މުބާރާތުގައި މިއަދަކީ އެންމެ ފޯރިގަދަ ހީޓުތައް ކުރިއަށްދިޔަ ދުވަހެވެ. މިގޮތުން ސީނިއާ ބައިގެ ތިން ވަނަ ބުރުގައި ފޯރިގަދަ ކުރިމަތިލުންތަކެއް ދިޔަ އެވެ. އެންމެ ފާހަގަކޮށްލެވެނީ ދުނިޔޭގެ ދެ ވަނައިގައި އޮތް ހަވާއީގެ ޓެނާ މެކް ޑެނިއެލް ބަލިކޮށް ރާއްޖޭގެ ކުޑަ އައްޔަ ފިރިހެން އޯޕަން ބައިގެ ހަތަރު ވަނަ ބުރުން ޖާގަ ހޯދުމެވެ.

ފިރިހެން އޯޕަން ބައިގެ ހަތަރު ވަނަ ބުރުން އައްޔަގެ އިތުރުން ރާއްޖޭގެ ތިން ބޯޑަރުން ޖާގަ ހޯދި އެވެ. ތިން ވަނަ ބުރުގެ ފުރަތަމަ ހީޓުގައި ވާދަކޮށް ރާއްޖޭގެ ޖޫނިއާ ޓީމުގެ އިޔާން އަހުމަދު ދެ ވަނަ ހޯދީ ސައުތް އެފްރިކާގެ ނިކް އެންސްޓްރޮމް ކަޓުވާލުމަށްފަހު ގަ އެވެ. މި ހީޓުން އެއް ވަނަ އަށް ދިޔައީ ފްރާންސްގެ އަމައުރީ ލެވާން އެވެ. ދުނިޔޭގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ އަމައުރީ 13.00ގެ ސްކޯ އެއް ހޯދިއިރު، އިޔާން ދެ ވަނަ އަށް ދިޔައީ 6.55ގެ ސްކޯ އަކާ އެކުގަ އެވެ. ތިން ވަނަ އަށް ދިޔަ ނިކް އަށް ލިބުނީ 3.50ގެ ސްކޯ އެކެވެ.

ރާއްޖޭގެ ޖާއްޓެ ހަތަރު ވަނަ ބުރުން ޖާގަ ހޯދީ އޭނާ ވާދަކުރި ހީޓުގެ އެންމެ ފަހު ވަގުތުކޮޅު އެޅި ރާޅުން ހޯދި ސްކޯއާ އެކު ތިން ވަނަ އަށް ދިޔަ އަހުމަދު ނަޒްމީންގެ ޖުމްލަ ސްކޯއިން އެއްވަރުވެ، އެއް ރާޅުގެ އެންމެ މަތީ ސްކޯ އިން ކުރި ހޯދައިގެންނެވެ. ހީޓުގެ އެންމެ ފަހު މިނެޓާ ހަމައަށް ޖާއްޓެ އޮތީ ފުލުގަ އެވެ. ފަހު ވަގުތު އެޅި ރާޅުން ޖާއްޓެ 6.75ގެ ސްކޯ އެއް ހޯދި އެވެ. ނަޒުމީންގެ އެއް ރާޅުން އެންމެ މަތީ ސްކޯ އަކީ 5.40 އެވެ. ޖުމްލަ ސްކޯ އެއްވަރުވީ 10.40 އިންނެވެ. މި ހީޓުން އެއް ވަނަ ހޯދި ދުނިޔޭގެ ޗެމްޕިއަން ޓްރިސްޓަން ރޮބާޓްސް ވަނީ 12.65ގެ ސްކޯ އެއް ހޯދައިފަ އެވެ.

ރާއްޖޭގެ އަސްވާން މުހައްމަދު މިއަދު ރާޅާ އަޅަނީ / ފޮޓޯ: އިމޭޖަސް އެމްވީ


ރާއްޖޭގެ އަސްވާން ގަދަ 16 ޖާގަ ހޯދީ އިޒްރޭލުގެ ހާއިމް ވަތޫރީ އާއި މޮރޯކޯގެ ބްރަހިމް އިޑޫޝްއާ ވާދަކޮށް ހީޓުގެ ދެ ވަނަ ހޯދައިގެންނެވެ. މުބާރާތުގެ އެންމެ މަތީ ސްކޯ ކަމަށްވާ 16.25ގެ ސްކޯއަކުން އިޑޫޝް އެއް ވަނަ ހޯދިއިރު، އަސްވާން ދެ ވަނަ ހޯދީ 9.10ގެ ސްކޯ އަކުންނެވެ. ހައިމް އަށް ލިބުނީ 7.90 ގެ ސްކޯ އެކެވެ.

ހަތަރު ވަނަ ބުރުގައި ކުޑަ އައްޔަ ނުކުންނާނީ ފްރާންސްގެ ޔަން ސަލައުންއާ ދެކޮޅަށެވެ. ރީޔޫނިއާންގެ ފަބިއަން ތަޒާއާ ދެކޮޅަށް ޖާއްޓެ ނުކުންނައިރު، އަސްވާން ނުކުންނާނީ ހަވާއީގެ ޑޭވިޑު ހުބާޑުއާ ދެކޮޅަށެވެ. ގަދަ 16 ގައި އިޔާން ނުކުންނާނީ ދެ ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ފްރާންސްގެ ޕިއޭ ލުއިސް ކޮސްޓެސް އާ ދެކޮޅަށެވެ.