Advertisement

ހުލާސާކޮށް އިއްޔެ: ރައީސް ދިއްލީގައި، މުހިންމު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި

3 އޮގަސްޓު 2022 - 06:18 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު


ހުލާސާކޮށް އިއްޔެ: ރައީސް ދިއްލީގައި، މުހިންމު ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި

3 އޮގަސްޓު 2022 - 06:18 0

ރާއްޖޭގައި ހިނގަމުންގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ސަރުކާރަށް 100 މިލިއަން ޑޮލަރުގެ އާ ކްރެޑިޓް ލައިނެއް ދޫކުރަން އިންޑިއާ ސަރުކާރުން ނިންމީ އިއްޔެ އެވެ.

މި ކަން އިއުލާނުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އިއްޔެ އެ ގައުމުގެ ބޮޑުވަޒީރާ ނަރެންދްރަ މޯދީއާ އެކު ދެއްވި ޕްރެސް ބްރީފިންގަ އެވެ.

ނިއުދިއްލީގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މޯދީ ވިދާޅުވީ އާ ކްރެޑިޓް ލައިނެއް ރާއްޖެއަށް ދޫކުރަން ނިންމީ، ރާއްޖޭގައި ހިނގަމުންދާ މަޝްރޫއުތައް ނިންމަން ރާވާފައިވާ ތާރީހަށް އެ މަޝްރޫއުތައް ނިންމުމަށް ކަމަށެވެ.

މީގެ އިތުރުން، އެ ރަސްމިއްޔާތުގައި މޯދީ ވަނީ މާލޭ ސަރަހައްދުގައި އިތުރު 2،000 ހައުސިން ޔުނިޓު އެޅުމަށް، އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް 119 މިލިއަން އެމެރިކާ ޑޮލަރު ފަހިކޮށްދޭން ނިންމާފައިވާކަން ވެސް އިއުލާނު ކުރައްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި އެގްޒިމް ބޭންކުގެ ލެޓާ އޮފް އިންޓެންޓް ބަދަލުކުރެވުނުއިރު، ދެ ގައުމުގެ މެދުގައި އިތުރު ފަސް އެމްއޯޔޫއެއްގައި ވެސް ވަނީ ސޮއި ކޮށްފަ އެވެ.

އޭގެ ތެރޭގައި މަސްވެރިކަންކުރާ ޒޯނެއް ތަރައްގީކޮށް ވަސީލަތްތައް އިތުރުކުރުމާއި، ސައިބާ ސެކިޔުރިޓީ، ރާއްޖޭގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކާއި ލޯކަލް ގަވަމަންޓް އޮތޯރިޓީގެ ގާބިލުކަން އިތުރުކުރުން، އަދި ޑިޒާސްޓާ މެނޭޖްމަންޓު ދެގައުމު ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުންތައް ހިމެނެ އެވެ.

މީގެ އިތުރުން، ދިވެހި ފުލުހުންގެ އުމްރާނީ ވަސީލަތްތައް އިތުރަށް ތަރައްގީކުރަން 41 މިލިއަން ޑޮލަރުގެ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއި ކޮށްފަ އެވެ.

މާލެ-ތިލަފުށި ބްރިޖްގެ އަމަލީ މަސައްކަތް ވެސް ފެށުން

ރައީސް ސޯލިހު ންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ނިއުދިއްލީގައި ބޭއްވި އިއްޔެ ރަސްމިއްޔާތެއްގައި ރައީސް ސޯލިހްއާއި މޯދީ ބްރިޖުގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވިއިރު، ވާޗުއަލްކޮށް މާލެ އިންޑަސްޓްރިއަލް ވިލެޖުން ވެސް ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބްރިޖްގެ މަޝްރޫއާއި ހުޅުމާލޭގައި ގާއިމްކުރާ 4000 ހައުސިން ޔުނިޓްގެ މަޝްރޫއަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ރަމްޒެއް ކަމަށެވެ.

"މި ނޫނަސް ގިނަ ދާއިރާތަކުން އިންޑިއާއިން ގެންދަނީ އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެމުން،" އެމަނިކުފާނު ވިދާޅުވި އެވެ.

މުޅި ޕްރޮޖެކްޓަށް 7.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ މާލެ-ތިލަފުށި ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

ބްރިޖު ނިމުމުން ގްރޭޓާ މާލޭ ސަރަހައްދުގައި ހިމެނޭ ތިލަފުއްޓާއި ގުޅީފަޅާއި ވިލިމާލެ މާލެއާ ގުޅާލެވޭނެ އެވެ. އޭރުން ތިލަފުށިން ހުޅުމާލެއާ ހަމައަށް އެއްގަމު މަގުން ދަތުރުކުރެވޭނެ އެވެ.

މާލޭން ފެށިގެން ތިލަފުށްޓާ ހަމައަށް ގުޅާލަން އަޅާ ބްރިޖާއި ކޯސްވޭ އަދި މަގުތަކުގެ ނެޓްވާކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެ އެވެ. އެ ޕްރޮޖެކްޓްގެ ބައިތަކުގެ ތެރޭގައި ތިން ބްރިޖާއި ދެ މަގާއި ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި ޕާކިން ސަރަހައްދުތައް ގާއިމުކުރެވޭނެ އެވެ.

މާލެ-ތިލަފުށި ބްރިޖަކީ މި ސަރުކާރުގެ އިގުތިސޯދީ ތަސައްވުރާއި ސިޔާސަތުގެ މުހިންމު ބަޔެކެވެ. ނަމަވެސް މި ރިޔާސީ ދައުރު ނިމެންވާއިރަށް ބްރިޖުގެ މަސައްކަތް މުޅީން ނުނިމޭނެ އެވެ.

އިންޑިއާއިން ރާއްޖެއަށް ބޮޑެތި އެހީތަކެއް

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އިންޑިއާއާއެކު އޮންނަ ޒަމާންވީ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައި އޮތުމަށްފަހު، މި ސަރުކާރުގައި އެ ގުޅުން ވަނީ ވަރަށް ބޮޑަށް ބަދަހިވެފަ އެވެ.

ރައީސް ސޯލިހު މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަޑައިގެންނެވި އެވެ. ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ރައީސް ސޯލިހު ރާއްޖޭން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅަކީ އިންޑިއާއަށް ކުރެއްވި ދަތުރުފުޅެވެ.

ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެން ފަހުން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ބޮޑުވަޒީރު މޯދީ ވަޑައިގެންނެވީ ރާއްޖެއަށެވެ.

މި ސަރުކާރު އައި ފަހުން، އިންޑިއާއިން ހިލޭ އެހީ އާއި ލޯނުގެ ގޮތުގައި ފޯރުކޮށްދީފައިވާ ފައިސާގެ އަދަދު މިހާރު ވަނީ ދެ ބިލިއަން އެމެރިކާ ޑޮލަރު ހުރަސްކޮށްފަ އެވެ.

ބައެއް މުހިންމު ހަބަރުތައް

  • މާލޭގައި މިނީ ބަހުގެ ހިދުމަތް ގާއިމްކުރުމުގައި އެމްޓީސީސީއާ މާލެ ސިޓީ ކައުންސިލުން އެންމެ ފަހުން އެއްގަލަކަށް އަރާފައިވާކަން ރިޕޯޓުކުރީ އިއްޔެ އެވެ.
  • ދ. ކުޑަހުވަދޫ އެއާޕޯޓު ސަރަހައްދުގައި ރެއިން ފެށިގެން ކުރަމުންދާ މުޒާހަރާ ހޫނުވެ، ފުލުހުންނާއި އާންމުންނާ ދެމެދު ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ފުލުހުންނާ ކުރިމަތިލި މީހަކު ހައްޔަރުކުރީ އިއްޔެ އެވެ.
  • އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރު އާންމުކޮށް، ޝަކުވާ ހުށަހަޅަން ހުޅުވާލީ އިއްޔެ އެވެ.

ދުވަހުގެ ކޯޓޭޝަން

ރާއްޖެއަށް 100 މިލިއަން ޑޮލަރުގެ ކްރެޑިޓު ލައިނެއް ދިނުމަށް ނިންމާފައިވާކަން ހާމަކުރައްވަމުން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ:

އަޅުގަނޑުމެން ނިންމައިފިން 100 މިލިއަން ޑޮލަރުގެ އާ ކްރެޑިޓް ލައިނެއް ދިނުމަށް، އެއީ މަޝްރޫއުތައް ކުރިއަށް ގެންދަން ރާވާފައިވާ އޮތް ގޮތަށް، ނިންމަން އޮތް ތާރީހަށް އެ ހުރިހާ މަޝްރޫއެއް ވެސްް ނިންމުމަށް ޓަކައި،

ދުވަހުގެ ފޮޓޯ

ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގައި ތިންވަނަ ބުރުގައި ދުނިޔޭގެ ދެވަނައިގައި ރޭންކު ކުރެވިފައި އޮތް ޓެނާ މެކްޑެނިއެލްސް ބަލިކުރުމަށްފަހު ރާއްޖޭގެ ޗެމްޕިއަން އަލީ ޚުޝްރުވާން (ކުޑަ އައްޔަ) އުފާ ފާޅުކުރަނީ. އޭނާ ވަނީ 15.55ގެ ސްކޯއެއް މި ބުރުގައި ހޯދާފައި ---- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު