Advertisement

އަލިފުށި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

2 އޮގަސްޓު 2022 - 19:19 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރ. އަލިފުށި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން އެމްޓީސީސީގެ ޑްރެޖަރު އެ ރަށު ފަޅު ތެރެއަށް ވަންނަނީ - ފޮޓޯ: އެމްޓީސީސީ


އަލިފުށި އެއާޕޯޓަށް ބޭނުންވާ ބިން ހިއްކަން ފަށައިފި

2 އޮގަސްޓު 2022 - 19:19 0

ރ. އަލިފުށީގައި އެއާޕޯޓެއް ތަރައްގީކުރުމުގެ މަސައްކަތް ކުރަން ބޭނުންވާ ބިން އެ ރަށު ފަޅު ތެރެއިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

އަލިފުށީ އެއާޕޯޓު މަޝްރޫއަކީ އެމްޓީސީސީއަށް ޑިޒައިން އެންޑް ބިލްޑް އުސޫލުން 451 މިލިއަން ރުފިޔާއަށް، ދެ އަހަރުން ނިންމާ ގޮތަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ހަވާލުކުރި މަޝްރޫއެކެވެ. މިއީ އެމްޓީސީސީން މިހާތަނަށް ހިންގާ އެންމެ ބިޔަ މަޝްރޫއެވެ.

މި މަޝްރޫއުގެ ދަށުން އަލިފުށި ފަޅު ތެރެއިން 50.5 ހެކްޓަރުގެ ބިން ހިއްކުމަށް އެމްޓީސީސީއަށް އަލަށް ގެނައި ޑްރެޖަރު ވަނީ މިދިޔަ ޖުލައި މަހުގެ 25 ވަނަ ދުވަހު އެ ރަށަށް ގޮސްފަ އެވެ.

އަލިފުށީ ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން މިއަދު ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވީ އަލިފުށީގައި ކުރިއަށްދާ މަޝްރޫއަކީ އެމްޓީީސީސީގެ ހަޔާތުގައި އެ ކުންފުނިން ހިންގާނެ އެންމެ ބޮޑު މަޝްރޫއު ކަމަށެވެ.

"މި ރަށަކީ 47 ހެކްޓަރުގެ ބިމެއް އޮތް ރަށެއް، މި ރަށުން މި ހިއްކަނީ މި ރަށަށް ވުރެ މާ ބޮޑު ސަރަހައްދެއް، މިއީ އެމްޓީސީސީގެ ހަޔާތުގައި ވެސް ރަށެއްގެ ފަޅުން ހިއްކާނެ އެންމެ ބޮޑު ބިމުގެ ސަރަހައްދަށް ވެގެން ދާނެ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ މި ވަރުގެ ބޮޑު މަސައްކަތެއް އަލިފުށީގައި ކުރިއަށް ދަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ލީޑާޝިޕްގެ ދަށުން ކުރެވޭ ކަމަކަށް ވާތީ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ) ވިދާޅުވީ މި މަސައްކަތަކީ އަލިފުށީ ރައްޔިތުންގެ ވަރަށް ގިނަ ދުވަސްވީ ހުވަފެނެއް ކަމަށެވެ.

"ރައްޔިތުން އަބަދުވެސް ގެންދިޔައީ ވައިގެ މަގުން މި އެކަހެރިކޮށް އޮތް ރަށަށް އާދެވޭނެ ގޮތެއް ހޯދުމުގެ ވާހަކަ ދައްކަމުން، އެ އަޑު އަޅުގަނޑުގެ ކަންފަތުގައި އަބަދުވެސް އިވިއިވި ހުރޭ،" ބިގޭ ވިދާޅުވި އެވެ.

މި މަަސައްކަތް ހަގީގަތަކަށް ހެދުމަށް ޓަކައި ސަރުކާރަށް ޕްރޮޕޯސަލްއެއް ހުށަހަޅަން އަލިފުށީގައި އޮންނަ އެމްޑީޕީގެ ގޮފިން މަސައްކަތް ކުރަމުން ދިޔަ ކަން ބިގޭ ފާހަގަ ކުރެއްވި އެވެ. ދެމެހެއްޓެނިވި ގޮތެއްގައި އެއާޕޯޓެއް އަލިފުށީގައި ހިންގޭނެކަން ކަށަވަރުކޮށް އެކި ފަހަރު މަތިން ޕްރޮޕޯސަލް އިސްލާހުކޮށް ހުށަހެޅިކަން ވެސް ބިގޭ ފާހަގަ ކުރެއްވި އެވެ.

"އެކި ރަށްރަށުގައި އެއާޕޯޓް އެޅުމަށް ބަޖެޓް ފޮތުގައި ކޯޑެއް އޮވޭ، ބަޖެޓް ފޮތުގައި އަލިފުށީގައި އެއާޕޯޓް އެޅުން ސީދާ ލިޔެފައި ނެތަސް އޭގެ ތެރެއިން އެ މަސައްކަތް ކުރެވޭތޯ އަޅުގަނޑު ވަރަށް ބޮޑަށް މަސައްކަތް ކުރަމުން ދިޔަ، އެންމެ ފަހުން ވަޒީރުންނާއި ރައީސުލްޖުމްހޫރިއްޔާ ވެސް އާނ ބަސް ވިދާޅުވި، ދެން އެމްޓީސީސީއަށް އަގެއް ހުށަހަޅައިގެން ގެންދެވޭ ގޮތަށް ހަމަޖެހުނީ،" ބިގޭ ވިދާޅުވި އެވެ.

އަލިފުށީގެ 50.5 ހެކްޓަރުގެ ބިން ހިއްކާއިރު، އޭގެ ތެރެއިން 10 ހެކްޓަރުގެ ބިމަކީ ރަށުގެ ތަރައްގީ އާއި ގެދޮރުވެރިކަމުގެ ބޭނުމަށް ހާއްސަކުރާ ބިމެކެވެ. ބާކީ އޮތް 40.5 ހެކްޓަރަކީ 1200 މީޓަރުގެ ރަންވޭއެއް އޮންނަ އެއާޕޯޓަށް ހާއްސަ ސަރަހައްދެކެވެ.

އަލިފުށީގައި އެއާޕޯޓެއް އެޅުމަކީ ކުރިން ރޭވިފައި އޮތް ކަމެއް ނޫނެވެ. އެ މަޝްރޫއު އިއުލާނުކުރީ ކުއްލިއަކަށެވެ. މިކަމާ ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ވެސް ފާޅުކުރި އެވެ. އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ އަތޮޅުގައި ގިނަ ރިސޯޓުތަކެއް އޮންނަ ދެކުނު ފަޅީގައި އެއާޕޯޓެއް ނާޅާ، އަތޮޅުގެ އެހެން ރަށްރަށާ މާ ދުރުގައި އެކަހެރިކޮށް އޮންނަ އަލިފުށީގައި އެއާޕޯޓެއް އަޅާތީ އެވެ.

މިހާރު އެ އަތޮޅުގައި އެއާޕޯޓެއް އޮންނަ އިފުރަކީ ވެސް އުތުރު ފަޅީގައި އޮންނަ ރަށެކެވެ. މިކަމާ ކަންބޮޑުވުން ފާޅުކުރި މެމްބަރުންގެ ތެރޭގައި ސަރުކާރުގެ މައި ޕާޓީ އަދި މަޖިލިހުގައި ސުޕާ މެޖޯރިޓީ އޮންނަ އެމްޑީޕީ އާއި އިދިކޮޅު މެމްބަރުންނާއި އާންމުން ހިމެނެ އެވެ.

ސަރުކާރުން ބުނަނީ މިއީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 20 މިނިޓުން ދަތުރުކުރެވޭ ދުރުމިނުގައި އެއާޕޯޓެއް އޮންނަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ފެށި، އަދި މި ސަރުކާރުން ދަމަހައްޓަމުން އަންނަ ސިޔާސަތުގެ ތެރެއިން ކުރާ ކަމެއް ކަމަށެވެ.

އެހެން މީހުން ހިތްހަމަ ނުޖެހުނު ނަމަވެސް އަލިފުށީ ރައްޔިތުން ވަނީ ސަރުކާރުގެ މި ނިންމުމަށް މަރުހަބާ ކިޔާ، މިއީ އަލިފުށީގެ އިގުތިސޯދު ބަދަލުކޮށްލާނެ ކަމެއް ކަމަށް ބުނެފަ އެވެ.