Advertisement

ވިޒިޓް މޯލްޑިވްސް ޕްރޯ: ޖޫނިއާ ބައިގެ ސެމީ ފައިނަލުގައި ރާއްޖޭގެ ތިން ބޮޑީބޯޑަރުން

2 އޮގަސްޓު 2022 - 19:12 0

ވިޒިޓް މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގެ ސެމީ ފައިނަލުން ޖާގަ ހޯދި ޖަރީޝް ޖިހާދު ރާޅާ އަޅަނީ / ފޮޓޯ: އިމޭޖަސް އެމްވީ


ވިޒިޓް މޯލްޑިވްސް ޕްރޯ: ޖޫނިއާ ބައިގެ ސެމީ ފައިނަލުގައި ރާއްޖޭގެ ތިން ބޮޑީބޯޑަރުން

2 އޮގަސްޓު 2022 - 19:12 0

މާލޭގައި މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ޖޫނިއާ ބައިގެ ސެމީ ފައިނަލުން ރާއްޖޭގެ ތިން ބޮޑީބޯޑަރުން ޖާގަ ހޯދައިފި އެވެ.

ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްދާ ދުނިޔޭގެ ބޮޑީބޯޑިން ޓުއާ މުބާރާތުގައި މިއަދު ކުރިއަށް ދިޔައީ ފިރިހެން އޯޕަން ބައިގެ ހީޓުތަކާއި، އަންހެން އޯޕަން ބައި އަދި ޖޫނިއާ ބައިގެ ހީޓުތަކެވެ. މީގެ އިތުރުން ޑްރޮޕް ނީ ބައިގެ ހީޓެއްވެސް ކުރިއަށް ދިޔަ އެވެ. މިއަދު ކުރިއަށް ދިޔަ ހީޓުތަކަށް ފަހު ޖޫނިއާ ބައިގެ ސެމީ ފައިނަލުން ޖާގަ ހޯދި އެތުލީޓުން ވަނީ ކަށަވަރުވެފަ އެވެ.

މުބާރާތުގެ ޖޫނިއާ ބައިގެ މިއަދުގެ ފުރަތަމަ ހީޓުގައި ވާދަކޮށް ކުރި ހޯދައިގެން ސެމީ ފައިނަލުން ޖާގަ ހޯދީ ޖަރީޝް ޖިހާދު އާއި ޝިމާލް ޝަމީމް (ޝިމައްލެ) އެވެ. މި ދެ ބޯޑަރުންނާއި ދެކޮޅަށް މި ހީޓުގައި ދެން ވާދަކޮށްފައިވަނީ އިބްރާހިމް އަތޫފް އެވެ.

މި ހީޓުން އެއް ވަނަ ޝިމައްލެ ހޯދީ 9.25 ގެ ސްކޯ އަކުންނެވެ. ދެ ވަނަ 6.5ގެ ސްކޯ އަކުން ޖަރީޝް ހޯދިއިރު، އަތޫފް އަށް ލިބުނީ 5.35ގެ ސްކޯ އެކެވެ. ޖޫނިއާ ބައިގެ ފުރަތަމަ ބުރުގައި އަތޫފް ވަނީ ހީޓު އެކެއް ރަނގަޅު ސްކޯ އަކުން ކާމިޔާބުކޮށްފަ އެވެ. ނަމަވެސް މިއަދު އަތޫފް އަށް އެންމެ ރަނގަޅު ޕާފޯމަންސެއް ނުދެއްކުނެވެ.

މޯލްޑިވްސް ޕްރޯގެ ޖޫނިއާ ބައިގެ ސެމީ ފައިނަލުން ޖާގަ ހޯދާފައިވާ ރާއްޖޭގެ ޖޫނިއާ ގައުމީ ޓީމްގެ ޝިމާލް ޝަމީމް (ޝިމައްލެ) / ފޮޓޯ : އިމޭޖަސް އެމްވީ


ޖޫނިއާ ބައިގައި މިއަދު ކުރިއަށްދިޔަ ދެ ވަނަ ހީޓުގެ އެއް ވަނަ ހޯދައި ސެމީ ފައިނަލުން ޖާގަ ހޯދީ ކެނެރީ އައިލެންޑްސްގެ ގެބްރިއެލް މޮލީނާ އެވެ. މުބާރާތުގެ ފިރިހެން އޯޕަން ބައިގައިވެސް ރަނގަޅު ހުނަރުތަކެއް ދައްކަމުން އަންނަ ގެބްރިއެލް އާ ދެކޮޅަށް ނުކުތީ ރާއްޖޭގެ އާމިން މޫސާ އާއި މުހައްމަދު ކައިފް އެވެ.

ގެބްރިއެލް މި ހީޓު ކާމިޔާބުކުރީ 10.10 ގެ ސްކޯ އަކުންނެވެ. ދެ ވަނަ އަށް ދިޔަ އާމިން އަށް ލިބުނީ 7.85 ގެ ސްކޯ އެކެވެ. ސެމީ ފައިނަލުން ފުރުސަތު ނުލިބި މުބާރާތުން ކެޓި ކައިފް އަށް ލިބުނީ 5.90ގެ ސްކޯއެކެވެ.

ޖޫނިއާ ބައިގެ ސެމީ ފައިނަލާއި ފައިނަލް ހީޓު އޮންނާނެ ދުވަހެއް އަދި ނުނިންމަ އެވެ.

މިއަދު ކުރިއަށް ދިޔަ އެހެން އިވެންޓުތަކަށް ބަލާއިރު، އަންހެން ބައިގެ ކުއާޓާ ފައިނަލުގައި ވާދަކުރާނެ ބައިވެރިން ވެސް ވަނީ ފައިނަލް ވެފަ އެވެ.

އަންހެން ބައިގެ ކުއާޓާ ފައިނަލް ފުރަތަމަ ހީޓުގައި ވާދަކުރާނީ ކެނެރީ އައިލެންޑްސްގެ އެލެކްސަންޑާ ރިންޑާ އާއި ބްރެޒިލްގެ މައިރާ ވިއާނާ އެވެ. ދެ ވަނަ ހީޓުގައި މިވަގުތު ރޭންކިންގެ އެއް ވަނައިގައި އޮތް ޖަޕާންގެ ސަރީ އޮހާރާ ނުކުންނާނީ ޕޯޗުގަލްގެ ޖޮއާނާ ޝެންކާއާ ދެކޮޅަށެވެ.

ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ ބްރެޒިލްގެ އިޒަބެލާ ސޫސާ ތިން ވަނަ ހީޓުގައި ނުކުންނާނީ މެޑެލީނާ ވެލޭރޯ އާ ދެކޮޅަށެވެ. ކުއާޓާގެ ފަހު ހީޓުގައި ރޭންކް ދެ ވަނައިގައި އުޅޭ ބްރެޒިލްގެ ނޭމާރާ ކަވާޅޯ ނުކުންނާނީ ބްރެޒިލްގެ މައިލާ ވެންޓޫރިން އާ ދެކޮޅަށެވެ.

އަންހެން ބައިގެ ކުއާޓާ ފައިނަލް ހީޓުތައް މާދަމާ ކުރިއަށްދާނެ އެވެ.