Advertisement

މާލެ-ތިލަފުށި ބްރިޖްގެ ފުރަތަމަ ތަނބުގެ ބިންގާ އަޅައިފި

2 އޮގަސްޓު 2022 - 13:53 0

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން: ބްރިޖްގެ ފުރަތަމަ ތަނބުގެ ބިންގާ އަޅައިފި - ފޮޓޯ: ރައީސް އޮފީސް


މާލެ-ތިލަފުށި ބްރިޖްގެ ފުރަތަމަ ތަނބުގެ ބިންގާ އަޅައިފި

2 އޮގަސްޓު 2022 - 13:53 0

މާލެއިން ފެށިގެން ވިލިމާލެއާ އެކު ތިލަފުށްޓާ ގުޅައިލުމަށް އަޅާ ބްރިޖްގެ ފުރަތަމަ ތަނބުގެ ބިންގާ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ މިއަދު އަޅުއްވައި ދެއްވައިފި އެވެ.

ރައީސް ސޯލިހު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ނިއުދިއްލީގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސް ސޯލިހްއާއި މޯދީ ބްރިޖުގެ ބިންގާ ރަސްމީކޮށް އަޅުއްވައިދެއްވިއިރު، ވާޗުއަލްކޮށް މާލެ އިންޑަސްޓްރިއަލް ވިލެޖުން ވެސް ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބްރިޖްގެ މަޝްރޫއާއި ހުޅުމާލޭގައި ގާއިމްކުރާ 4000 ހައުސިން ޔުނިޓްގެ މަޝްރޫއަކީ ދެ ގައުމުގެ ދެމެދުގައި އޮތް އެކުވެރިކަމުގެ ރަމްޒެއް ކަމަށެވެ.

"މި ނޫނަސް ގިނަ ދާއިރާތަކުން އިންޑިއާއިން ގެންދަނީ އަޅުގަނޑުމެންނަށް އެހީތެރިކަން ފޯރުކޮށްދެމުން،" އެމަނިކުފާނު ވިދާޅުވި އެވެ.

ބްރިޖު މަޝްރޫއުގެ ހުލާސާ

މުޅި ޕްރޮޖެކްޓަށް 7.7 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ މާލެ-ތިލަފުށި ބްރިޖުގެ މަސައްކަތް ކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުނިންނެވެ.

ބްރިޖު ނިމުމުން ގްރޭޓާ މާލޭ ސަރަހައްދުގައި ހިމެނޭ ތިލަފުއްޓާއި ގުޅީފަޅާއި ވިލިމާލެ މާލެއާ ގުޅާލެވޭނެ އެވެ. އޭރުން ތިލަފުށިން ހުޅުމާލެއާ ހަމައަށް އެއްގަމު މަގުން ދަތުރުކުރެވޭނެ އެވެ.

މާލޭން ފެށިގެން ތިލަފުށްޓާ ހަމައަށް ގުޅާލަން އަޅާ ބްރިޖާއި ކޯސްވޭ އަދި މަގުތަކުގެ ނެޓްވާކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެ އެވެ. އެ ޕްރޮޖެކްޓްގެ ބައިތަކުގެ ތެރޭގައި ތިން ބްރިޖާއި ދެ މަގާއި ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަޗޭންޖް ޕޮއިންޓްތަކާއި ޕާކިން ސަރަހައްދުތައް ގާއިމުކުރެވޭނެ އެވެ.

މާލެ-ތިލަފުށި ބްރިޖަކީ މި ސަރުކާރުގެ އިގުތިސޯދީ ތަސައްވުރާއި ސިޔާސަތުގެ މުހިންމު ބަޔެކެވެ. ނަމަވެސް މި ރިޔާސީ ދައުރު ނިމެންވާއިރަށް ބްރިޖުގެ މަސައްކަތް މުޅީން ނުނިމޭނެ އެވެ.

މި ބިޔަ ޕްރޮޖެކްޓަށް ހަރަދުކުރަނީ އިންޑިއާ އެގްޒިމް ބޭންކު މެދުވެރިކޮށް ހަމަޖައްސާފައިވާ 400 މިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީގެ ތެރެއިންނާއި އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީންނެވެ.