Advertisement

މޯލްޑިވްސް ޕްރޯ: ރެކޯޑު ސްކޯ އަކާއެކު ދުނިޔޭގެ ދެވަނަ ބަލިކޮށް ކުޑަ އައްޔަ ހަތަރުވަނަ ބުރަށް

2 އޮގަސްޓު 2022 - 12:56 0

އިސްމާއީލް އަޒްމީން

އިސްމާއީލް އަޒްމީން

މޯލްޑިވްސް ޕްރޯގެ ފިރިހެން އޯޕަން ބައިގައި ރާއްޖޭގެ ކުޑަ އައްޔަ ރާޅާ އަޅަނީ : ފޮޓޯ/ އަދަދު


މޯލްޑިވްސް ޕްރޯ: ރެކޯޑު ސްކޯ އަކާއެކު ދުނިޔޭގެ ދެވަނަ ބަލިކޮށް ކުޑަ އައްޔަ ހަތަރުވަނަ ބުރަށް

2 އޮގަސްޓު 2022 - 12:56 0

މިހާރު ކުރިއަށްދާ ވިޒިޓް މޯލްޑިވްސް ޕްރޯގެ ފިރިހެން އޯޕަން ބައިގެ ތިންވަނަ ބުރުގެ ހީޓު ފަހެއްގައި ވާދަކޮށް ދުނިޔޭގެ ރޭންކިން ދެވަނައިގައި އޮތް ޓެނާ މެކް ޑެނިއެލް ފަހަތަށް ޖައްސާލައި, ރާއްޖޭގެ އަލީ ހުޝްރުވާން އަހުމަދު (ކުޑަ އައްޔަ) ހީޓުގެ އެއްވަނަ ހޯދައި، މުބާރާތުގެ ހަތަރުވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ވިޒިޓް މޯލްޑިވްސް ޕްރޯގައި މިއަދު ކުރިއަށްދަނީ ފިރިހެން އޯޕަން ބައިގެ ހަަތަރުވަނަ ބުރުގެ ހީޓުތަކާއި އަންހެން ބައިގެ ތިންވަނަ ބުރާއި، ޑްރޮޕް ނީ ކެޓަގަރީގެ ދެވަނަ ބުރުގެ ހީޓުތަކުގެ އިތުރުން ޖޫނިއާ ބައިގެ ގަދަ އަށެއްްގެ ހީޓުތަކެވެ.

މިއަދު ހެނދުނު ފެށި ފިރިހެން އޯޕަން ބައިގެ ހީޓު ފަހެއްގައި ވާދަކޮށް ރާއްޖޭގެ ޗެމްޕިއަން ކުޑަ އައްޔަ އެއްވަނަ ހޯދީ މިއަދުގެ އެންމެ މަތީ ސްކޯއާ އެކުގަ އެވެ. ކުޑަ އައްޔަ ދެ ރާޅުން 15.55ގެ ސްކޯ އެއް ހޯދިއިރު، ދެވަނަ އަށް ދިޔަ ޓަނާ އަށް ލިބުނީ 13.30ގެ ސްކޯ އެކެވެ.

މި ހީޓުގައި ކުޑަ އައްޔަ ހޯދި ޖުމްލަ ސްކޯ އަކީ މުބާރާތުގެ މިހާތަނަށް އެންމެ މަތީ ސްކޯ އެވެ. އަދި އެއް ރާޅުގައި ހޯދި 8.25 ސްކޯ އަކީ އެއް ރާޅެއްގައި މިއަދުގެ އެންމެ މަތީ ސްކޯ އެވެ. އަދި މި މުބާރާތުގައި މިހާތަނަށް އެއް ރާޅެއްގައި ހޯދި ސްކޯތަކަށް ބަލާއިރު ދެވަނަ އަށް އެންމެ މަތީ ސްކޯ އެވެ.

މޯލްޑިވްސް ޕްރޯގެ ފިރިހެން އޯޕަން ބައިގައި ކުޑަ އައްޔަ މިއަދު ވާދަކުރަނީ / ފޮޓޯ: އިމޭޖަސް އެމްވީ


ކުޑަ އައްޔަ އަތުން މިއަދު ބަލިވި ހަވާއީގެ ޓަނާ އަކީ ބޮޑީބޯޑިންގެ ދުނިޔޭގެ ފެންވަރުގެ އެތައް ރެކޯޑެއް އޮތް އެތުލީޓެކެވެ. އޭނާ އަކީ ވޯލްޑް ޓުއާ މުބާރާތްތަކުގެ ޗެމްޕިއަންކަން ހޯދުމުގެ އިތުރަށް، ބޮޑީބޯޑިންގެ އެންމެ މަތީ ސްކޯ ކަމަށްވާ 20.00ގެ ސްކޯއެއް ހޯދީ ދުނިޔޭގެ ފުރަތަމަ އެތުލީޓެވެ. މީގެ އިތުރުން ދުނިޔޭގެ ފެންވަރުގައި ބޯޑަރުން އާންމުކޮށް ބޭނުންކުރާ "މެނޫވާސް" ތަކުގެ ތެރޭގައި ހިމެނޭ ބައެއް މެނޫވާސް ތަކަކީ ޓަނާގެ އަމިއްލަ އުފެއްދުންތެރި އުކުޅުތަކެވެ.

މުބާރާތުގެ މެން އޯޕަން ބައިގެ ހަތަރުވަނަ ބުރުގައި ކުޑަ އައްޔަ ނުކުންނާނީ ފްރާންސްގެ ޔަން ސަލައުން އާ ދެކޮޅަށެވެ.

ރާއްޖޭގެ ޗެމްޕިއަން ކުޑަ އައްޔަ ވަނީ އޯޕަން ބައިގެ އިތުރުން ޑްރޮޕް ނީ ކެޓަގަރީގައިވެސް ތަފާތު ދައްކަމުންނެވެ. މިގޮތުން މުބާރާތުގެ ޑްރޮޕް ނީ ކެޓަގަރީގެ ތިންވަނަ ބުރުގައިވެސް އައްޔަ ވާދަކުރާނެ އެވެ.