Advertisement

ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި

2 އޮގަސްޓު 2022 - 11:38 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

އިލެކްޝަންސް ކޮމިޝަންގެ މެންބަރުން: ސިޔާސީ ޕާޓީތަކުގެ ދަފްތަރު އާންމުކޮށް ޝަކުވާއަށް ހުޅުވާލައިފި - ފޮޓޯ: އަދަދު


ސިޔާސީ ޕާޓީތަކުގެ މެމްބަރުންގެ ދަފްތަރު އާންމުކޮށް، ޝަކުވާއަށް ހުޅުވާލައިފި

2 އޮގަސްޓު 2022 - 11:38 0

އިލެކްޝަންސް ކޮމިޝަން (އީސީ)ގައި ރަޖިސްޓްރީކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ދަފްތަރު އާންމުކޮށް، ޝަކުވާ ހުށަހަޅަން ހުޅުވާލައިފި އެވެ.

އީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ސިޔާސީ ޕާޓީތަކުގެ މެންބަރުންގެ ލިސްޓު ދެ ޝީޓެއްގައި އެޓޭޗްކޮށް އާންމުކޮށްފަ އެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި ލިސްޓާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ވާނަމަ، އެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ހޯމަ ދުވަހުގެ މެންދުރުފަހު 3:00 ގެ ނިޔަލަށެވެ.

ޝަކުވާ ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އީސީގެ މައި އިދާރާއަށް ޝަކުވާ ފޯމު ހުށަހެޅޭނެ އެވެ. އަދި އެ ކޮމިޝަންގެ އީމެއިލް އެޑްރެސް [email protected] އަށް ފޯމު މެއިލް ކުރެވޭނެ އެވެ.

މިހާރު ރަޖިސްޓަރީވެފައިވާ ޕާޓީގެ މައުލޫމާތު ކޮމިޝަނުގެ ވެބްސައިޓުންނާއި އެސްއެމްއެސް މެދުވެރިކޮށް ވެސް ބެލޭނެ އެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރު އާންމުކޮށްފައި މިވަނީ، މީހުނަށް ނޭނގި "ވަގަށް" ސިޔާސީ ޕާޓީތަކަށް މެންބަރުން ވައްދާ މައްސަލަ ބޮޑުވެފައިވަނިކޮށެވެ.

މައްސަލަ ހައްލު ކުރުމުގެ ގޮތުން މިފަދަ ކޮންމެ ފޯމަކަށް ޕާޓީއާއި ޕާޓީގެ ރަޖިސްޓްރާ 10،000ރ. އިން ޖޫރިމަނާ ކުރަން އީސީން ވަނީ ނިންމައިފަ އެވެ.

އީސީގެ ރައީސް ފުއާދު ތައުފީގު މީގެ ކުރިން މި ނޫހަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި އެ އަދަބު ކަނޑައަޅައި އިއުލާން ކުރި ފަހުން އެ ކަމުގެ ޝަކުވާތައް ބޮޑުތަނުން މަދުވެފައިވާ ކަމަށެވެ.

"ކުރިން ދުވާލެއްގެ މައްޗަށް އެބަ އާދޭ 50 އެއްހާ ޝަކުވާ، އެކަމަކު މިހާރު ދުވާލަކު ހަތަރު ފަސް ޝަކުވާ ލިބެނީ، ހަރުކަށި އަދަބެއް، ޖޫރިމަނާގެ ނިންމުން ނިންމި ހިސާބުން ފެށިގެން، ވަރަށް ބޮޑަށް ޝަކުވާތައް ލިބޭލެއް މަދު،" ފުއާދު ވިދާޅުވެފައިވެ އެވެ.

އެހެން ނަމަވެސް އެ އަދަބު ތަންފީޒު ކުރަން ފަށަނީ އީސީން އެކުލަވާލަމުންދާ ގަވާއިދުގެ މަސައްކަތް ނިންމައި، އެ ގަވާއިދު އާންމުކުރާ ހިސާބުންނެވެ. ބައެއް ސިޔާސީ ޕާޓީތަކުން ވަނީ އެ ފިޔަވަޅު މުރާޖައާ ކޮށްދިނުމަށް ވެސް އެދިފަ އެވެ.