Advertisement

ޕައިލެޓް ކޯސް ނިންމަން ސަރުކާރުން 2.5 މިލިއަނާ ހަމައަށް ލޯނު ދެނީ

2 އޮގަސްޓު 2022 - 11:13 0

ނިމާ ހަސަން

ނިމާ ހަސަން

އައްޑޫގައި ހިންގި ފްލައިން ސްކޫލުގެ ދަރިވަރުންތަކެއް: އޭއޭއޭއިން ކިޔެވި ކުދިންގެ ކޯސް ފުރިހަމަ ކުރަން ސަރުކާރުން ލޯނު ދޭން ވަނީ ނިންމާފައި


ޕައިލެޓް ކޯސް ނިންމަން ސަރުކާރުން 2.5 މިލިއަނާ ހަމައަށް ލޯނު ދެނީ

2 އޮގަސްޓު 2022 - 11:13 0

އައްޑޫ ފްލައިން ސްކޫލުން ޕައިލެޓް ކޯސް ހަދަން ފެއްޓި ދަރިވަރުންގެ ކޯސް ނިންމަން ސަރުކާރުން 2.5 މިލިއަނާ ހަމައަށް ލޯނު ދޭން ނިންމައިފި އެވެ.

މި ލޯނު ދެނީ އައްޑޫގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ) އާއި އައިލެންޑް އޭވިއޭޝަން ގުޅިގެން ހިންގާ އޭވިއޭޝަން އެކަޑަމީން ކިޔެވުމަށް ރިފްރެޝާ ކޯސް ފުރިހަމަ ކުރުމުންނެވެ. ކޯސް ފުރިހަމަ ކުރުމަށް ދަރިވަރުންނަށް އެހީތެރިވުމުގެ ގޮތުން ސަރުކާރުން ވަނީ 25،000ރ. އާ 2.5 މިލިއަން ރުފިޔާ ދެމެދުގެ އަދަދަކަށް ލޯނު ދޫކުރުމާބެހޭ އުސޫލު އާންމުކޮށްފަ އެވެ.

އެ ލޯނަށް އެދި ފޯމު ހުށަހަޅަން ޖެހެނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ މައި އެޑިއުކޭޝަން ޕޯޓަލް މެދުވެރިކޮށެވެ. ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާއިރު އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަދި ހަމަވަނީ މިމަހު 15 ވަނަ ދުވަހުގެ މެންދުރު 1:30 އާ ހަމައަށެވެ.

އޭވިއޭޝަން އެކެޑަމީގެ ރިފްރެޝާ ކޯސް ފުރިހަމަކޮށްފައިވާ ދަރިވަރުންނަށް ލޯނުގެ ގޮތުގައި ދޭން ނިންމާފައި ވަނީ ޕައިލެޓް ކޯސް ފުރިހަމަ ކުރުމަށް ބާކީ އޮންނަ މުއްދަތަށްވާ ފައިސާ އެވެ. އެ ފައިސާ ލިބޭނީ، ލޯނު ލިބޭ ދަރިވަރުގެ ނަމުގައި ބޭންކެއްގައި ދިވެހި ރުފިޔާގެ އެކައުންޓެއް ހުޅުވާފައިވާ ނަމަ އެވެ.

ލޯނުގެ ގޮތުގައި ދޭ ފައިސާއާއި އަނބުރާ ދައްކަން ޖެހޭ މުއްދަތު:

  • 25،000 ރުފިޔާއާ ހަމައަށް: އަނބުރާ ދައްކަން ޖެހެނީ 30 މަސް ދުވަހުން
  • 25،000 - 49،999: އަނބުރާ ދައްކަން ޖެހެނީ 38 މަސް ދުވަހުން
  • 50،000 - 99،999: އަނބުރާ ދައްކަން ޖެހެނީ 53 މަސް ދުވަހުން
  • 100،000 - 199،999: އަނބުރާ ދައްކަން ޖެހެނީ 66 މަސް ދުވަހުން
  • 200،000 - 299،999: އަނބުރާ ދައްކަން ޖެހެނީ 105 މަސް ދުވަހުން
  • 300،000 - 399،999: އަނބުރާ ދައްކަން ޖެހެނީ 150 މަސް ދުވަހުން
  • 400،000 - 499،999: އަނބުރާ ދައްކަން ޖެހެނީ 180 މަސް ދުވަހުން
  • 500،000 - 999،999: އަނބުރާ ދައްކަން ޖެހެނީ 230 މަސް ދުވަހުން
  • 1 މިލިއަން - 1،499،999: އަނބުރާ ދައްކަން ޖެހެނީ 235 މަސް ދުވަހުން
  • 1.5 މިލިއަން - 2.5 މިލިއަން:އަނބުރާ ދައްކަން ޖެހެނީ 66 މަސް ދުވަހުން

ޕައިލެޓް ކޯސް ފުރިހަމަ ކުރުމަށް ލޯނު ދޫކުރަން ހަމަޖެހިފައި ވަނީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ބަޖެޓުންނެވެ. ލޯނަށް ދޫކުރާ ފައިސާގެ އެއް ޕަސަންޓު އެޑްމިނިސްޓްރޭޓިވް ޗާޖުގެ ގޮތުގައި ނަގަން ހަމަޖެހިފައި ވާއިރު، ކޯސް ނިމޭ ތާރީހުން ފެށިގެން ލަސްވެގެން ހަތް ވަނަ މަހު އަނބުރާ ދައްކަން ޖެހެ އެވެ. ކޯސް ނިމޭ ތާރީހަކީ ކޯހުން ވަކިވިކަން ނުވަތަ ކޯސް ހުއްޓައިލިކަމަށް އޭވިއޭޝަން އެކަޑަމީން އަންގާ ތާރީހެވެ.

ލޯނު ދޫކުރާއިރު، ދަރިވަރުގެ އިތުރުން ގެރެންޓާއެއްގެ ގޮތުގައި އާއިލާގެ މެންބަރަކު ސޮއިކުރަން ޖެހެ އެވެ. އެގޮތުން އާއިލާ މެންބަރެއް ކަމަށް ބެލެވޭނީ މަންމަ، ބައްޕަ، އެއްބަނޑުއެއްބަފާ ނުވަތަ އެއްބަނޑު ނުވަތަ އެއްބަފާ ދައްތައާއި ބޭބެ އަދި ކޮއްކޮގެ އިތުރުން ބޮޑުބޭބެއާއި ބޮޑުދައިތަ އަދި އަމިއްލަ ދަރިއެކެވެ. މީގެ އިތުރުން ގާނޫނީ ގޮތުން ބެލެނިވެރިކަން މަތިކޮށްފައިވާ ފަރާތެއް ވެސް އާއިލީ މެންބަރެއްގެ ގޮތުގައި ބެލިދާނެ އެވެ.

އަދި ލޯނު އަނބުރާ ނުދައްކައިފިނަމަ، ޝަރުއީ ނިޒާމުގެ ތެރެއިން އެ ފައިސާ ހޯދުމުގެ މަސައްކަތް މިނިސްޓްރީއަށް ކުރެވިދާނެ ކަމަށް ވެސް ލޯނު ދޫކުރުމާބެހޭ އުސޫލުގައި ބަޔާންކޮށްފައިވެ އެވެ.