Advertisement

މަޖިލީހުގެ ރަސްމީ ދަތުރުތަކަށް ކުރާ ހޭދަ އަހަރުން އަހަރަށް މައްޗަށް

3 އޮގަސްޓު 2022 - 09:58 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ރައްޔިތުންގެ މަޖިލީހުގެ އިދާރާ-- ފައިލް ފޮޓޯ


މަޖިލީހުގެ ރަސްމީ ދަތުރުތަކަށް ކުރާ ހޭދަ އަހަރުން އަހަރަށް މައްޗަށް

3 އޮގަސްޓު 2022 - 09:58 0

މިހިނގާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ރަސްމީ ދަތުރުފުޅުތަކަށް ކުރާ ހަރަދު، އަހަރުން އަހަރަށް އިތުރުވެފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން މަޖިލީހުން "އަދަދު"އާ ހިއްސާކުރި ހިސާބުތަކުން ދައްކާ ގޮތުގައި 2019 ވަނަ އަހަރު މަޖިލީހުގެ މެންބަރުން ކުރެއްވި 14 ދަތުރަކަށް 1،181،815ރ. ވަނީ ހަރަދުކޮށްފަ އެވެ. ދަތުރު ހަރަދުގެ ތެރޭގައި ޓިކެޓާއި ހުރުމާއި ކެއުން އަދި މެންބަރުންގެ ޕޮކެޓް މަނީ ހިމެނެ އެވެ.

ކޮވިޑުގެ ސަބަބުން ދުނިޔޭގެ ގިނަ ގައުމުތަކުގެ ބޯޑަރު ބަންދުކޮށްފައި އޮތް 2020 ވަނަ އަހަރު މެމްބަރުންގެ ކުރި ރަސްމީ ދަތުރުތައް މަދެވެ. މިގޮތުން، އެ އަހަރު ދަތުރުތަކަށް ހަރަދުވެފައިވަނީ 153،295ރ. އެވެ.

ނަމަވެސް، އެއާ ވިދިގެން އައި 2021 ވަނަ އަހަރު 1،461،418ރ. ދަތުރުތަކަށް ހޭދަކޮށްފައިވެ އެވެ. އެއީ އެކި މެންބަރުންގެ ޖުމްލަ ފަސް ދަތުރަކަށެވެ.

މި އަހަރަށް ބަލާއިރު، މިދިޔަ މެއި މަހުގެ ނިޔަލަށް މިހާތަނަށް މެންބަރުން ކުރެއްވި ނުވަ ދަތުރަކަށް 843،577ރ. ވަނީ ހަރަދުވެފަ އެވެ. އެއާއެކު މި އަހަރު ނިމޭއިރު މި އަދަދު މިއަށް ވުރެ ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

ދުނިޔޭގެ އިގުތިސޯދަށް ކުރިމަތިވެފައިވާ ހީނަރުކަމާ ގުޅިގެން، ދައުލަތް ހިދުމުގެ ހަރަދު ކުޑަކުރަން ސަރުކާރުން މިހާރު ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފަ އެވެ.

މިގޮތުން، ރާއްޖޭން ބޭރަށް ދައުލަތުން އެއްވެސް ހަރަދެއް ކޮށްގެން ކުރާ ރަސްމީ ދަތުރުތައް މިވަގުތަށް ހުއްޓާލުމާއެކު ރާއްޖެތެރެއަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ވެސް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް ފިނޭންސް މިނިސްޓްރީން ވަނީ މިދިޔަ ޖޫން މަހު އަންގާފަ އެވެ.

ފިނޭންސްގެ އެންގުމާ ގުޅިގެން މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ދެ ދަތުރުފުޅެއް ވަނީ ކެންސަލް ކުރައްވާފަ އެވެ.