Advertisement

އީގަލްސް އަތުން ބޮޑު މޮޅެއް ހޯދައި މާޒިޔާ އިން ދިވެހި ލީގުގެ އައްޑަނަ އުފުލާލައިފި

2 އޮގަސްޓު 2022 - 01:48 0

މާޒިޔާ ކުޅުންތެރިން ޝީލްޑާ އެކު އުފާފާޅުކުރަނީ.-- ފޮޓޯ: އިމޭޖަސް.އެމްވީ


އީގަލްސް އަތުން ބޮޑު މޮޅެއް ހޯދައި މާޒިޔާ އިން ދިވެހި ލީގުގެ އައްޑަނަ އުފުލާލައިފި

2 އޮގަސްޓު 2022 - 01:48 0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ފަހު މެޗުގައި މިރޭ ކްލަބް އީގަލްސް އަތުން 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެ، ޖެހިޖެހިގެން ތިން ވަނަ ފަހަރަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ދިވެހި ޕްރިމިއާ ލީގުގެ އައްޑަން އުފުލާލައިފި އެވެ.

ލީގުގައި ބާކީ ތިން މެޗު އޮއްވައި، މާޒިޔާ އިން ވަނީ ލީގު ކަށަވަރުކޮށްފަ އެވެ. އެ ޓީމު ލީގު ނިންމާލީ 21 މެޗުން، ޖުމްލަ 60 ޕޮއިންޓާ އެކު އެވެ. ލީގުގައި މާޒިޔާ ބަލިވީ ކްލަބް އީގަލްސް އަތުން އެކަންޏެވެ. އެ ޓީމު ވަނީ 20 މެޗުން މޮޅުވެފަ އެވެ. މާޒިޔާ ވަނީ 21 މެޗުގައި ޖުމްލަ 80 ލަނޑު ޖަހައިފަ އެވެ. އެ ޓީމު ކޮޅަށް ވަނީ ފަސް ލަނޑެވެ.

މާޒިޔާ އިން އެންމެ ފުރަތަމަ ދިވެހި ލީގު ކާމިޔާބުކުރީ 2016 ވަނަ އަހަރެވެ. އެއީ އަލީ ސުޒޭންގެ ކޯޗުކަމުގަ އެވެ. އޭގެ ފަހުން އެ ޓީމުން ވަނީ 2019/2020 އާއި 2020/2021 ވަނަ އަހަރުގެ ސީޒަންގައި ވެސް ލީގު ކާމިޔާބުކޮށްފަ އެވެ. އެއީ މެސެޑޯނިއާގެ ކޯޗު މަރުޖާން ސެކުލޮސްކީ އާއި ސާބިއާގެ ކޯޗު ރިސްޓޯ ވިޑަކޮވިޗްގެ ކޯޗުކަމުގަ އެވެ. މި ފަހަރު މާޒިޔާ އިން ލީގުގެ ބޮޑުބައި ސާބިއާގެ މިއޮޑްރަގް ޖެސިކްގެ ކޯޗުކަމުގައި ކުޅުނުއިރު، މިރޭ އީގަލްސްއާ ދެކޮޅަށް މާޒިޔާ އަށް އިރުޝާދުދިނީ އެސިސްޓަންޓް ކޯޗު އަހުމަދު ސުޒޭރު (ކޮއްކޮ) އެވެ. ޖެސިކް ވަނީ ސައުދީ އަރަބިއްޔާގެ އެއް ވަނަ ޑިވިޝަން ކްލަބަކުން ލިބުނު އޮފާއެއް ގަބޫލުކޮށް އެ ޓީމަށް ބަދަލުވެފަ އެވެ.

ތާވަލްގެ ދެ ވަނައިގައި އީގަލްސް ލީގުގެ ނިންމާލީ 21 މެޗުން ލިބުނު 46 ޕޮއިންޓާ އެކު އެވެ. މި މެޗުގެ ކުރިން ވެސް އީގަލްސް އަށް އޮތީ ތާވަލްގެ ދެ ވަނަ ކަށަވަރުވެފަ އެވެ.

އީގަލްސް ކޮޅަށް ގޯލު ޖެހުމަށް ފަހު މާޒިޔާގެ ހަމްޕު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


ގަލޮޅު ދަނޑުގައި ކުޅުނު މިރޭގެ މެޗުގެ 15 ވަނަ މިނިޓުގައި މާޒިޔާ އަށް ލީޑު ހޯދައިދިނީ އިބްރާހިމް ވަހީދު ހަސަން (އިއްބެ) އެވެ. ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ބޯޅަ އިއްބެ ގޯލުގެ ދުރުކަނަށް ފޮނުވާލީ ހަނި އޭންގަލަކުންނެވެ.

މެޗުގެ 23 ވަނަ މިނިޓުގައި މާޒިޔާގެ ދެ ވަނަ ލަނޑު ޖެހީ ނާއިޒް ހަސަން (ދާދު) އެވެ. ކޯނަރަކުން އީގަލްސްގެ ޕެނަލްޓީ އޭރިޔާ ތެރެއަށް މާޒިޔާގެ ކުޅުންތެރިއެއް ހުރަސްކޮށްލި ބޯޅަ، ދެ ކުޅުންތެރިއެއްގެ ބޮލުގައި ޖެހިފައި ދާދުގެ ފައި ބުޑަށް ވެއްޓުމާ އެކު، އޭނާ ވަނީ ހުށިޔާރު ކަމާއެކު އެ ބޯޅަ ގޯލަށް އަމާޒުކޮށްލައިފަ އެވެ.

މެޗުގެ 43 ވަނަ މިނިޓުގައި މާޒިޔާގެ ތިން ވަނަ ލަނޑު ޖެހީ ކެޕްޓަން އަސަދުﷲ އަބްދުﷲ އެވެ. މި ލަނޑު ޖެހުމަށް އަސަދުﷲ އަށް ފުރުސަތު ތަނަވަސްކޮށްދިނުމުގައި، ދާދު ވަނީ ބުރަ މަސައްކަތެއް ކޮށްފަ އެވެ. އީގަލްސްގެ ހާފުގެ ތެރެއިން އެ ޓީމުގެ ހިސާމް ސަލީމް (ކޮކީ) އަތުން ފަހަތުން އަރައި ބޯޅަ އަތުލައި، އޭނާ ވަނީ އޭރިޔާ ތެރޭގައި މުޅިން ހުސްކޮށްހުރި އަސަދުﷲ އަށް ގޯލު ޖެހުމަށް ފުރުސަތު ދީފަ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި އަސަދުﷲ އިތުރު ލަނޑެއް ޖެހިއިރު، ހަމްޒާ މުހައްމަދު (ހަމްޕު) ވެސް ވަނީ ލަނޑު ޖަހައިފަ އެވެ.

މެޗަށް ފަހު، މާޒިޔާ އަށް ލީގުގެ އައްޑަނަ ހަވާލުކޮށްދެއްވީ މުބާރާތުގެ މެއިން ސްޕޮންސަރުން ކަމަށްވާ އުރީދޫ މޯލްޑިވްސްގެ ސީއީއޯ ހާލިދު އަލް ހަމާދީ އެވެ. ލީގުގެ ފަހު މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމަށް ހޮވުނީ މާޒިޔާގެ އަސަދުﷲ އެވެ.

މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަށް ހޮވުނީ މާޒިޔާ އަށް ކުޅޭ ނޭޕާލްގެ ގޯލްކީޕަރު ކިރަން ކުމާރު ލިމްބޫ އެވެ. އޭނާ ވަނީ 2018 ވަނަ އަހަރު ޓީސީ ސްޕޯޓްސް ކްލަބަށް ކުޅުނުއިރު، ވެސް ލީގުގެ މޮޅު ކީޕަރުގެ މަގާމު ހޯދައިފަ އެވެ. މި ފަހަރު ލީގުގެ ފެއާ ޕްލޭ ޓީމަކީ ޔުނައިޓަޑް ވިކްޓަރީ އެވެ.

މާޒިޔާ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އިމޭޖަސް،އެމްވީ


ލީގަށް ފަހު، ފުރަތަމަ ޑިވިޝަންގެ ކްލަބުތައް ދެން ނުކުންނާނީ މި މަހު ފަށާ އެފްއޭ ކަޕަށެވެ.

ލީގުގެ އެހެން މަގާމުތަކަށް ބަލާއިރު، ތިން ވަނައިގައި ނިންމީ 32 ޕޮއިންޓް ހޯދި ވެލެންސިއާ އެވެ. ހަތަރަކަށް ގްރީން ސްޓްރީޓްސް ދިޔައީ 30 ޕޮއިންޓް ލިބުމުންނެވެ. ފަސް ވަނައިގައި ނިންމާލި ޓީސީ ސްޕޯޓްސް ކްލަބްގެ އޮތީ 28 ޕޮއިންޓެވެ. ހަ ވަނަ އަށް ދިޔަ ޔުނައިޓެޑް ވިކްޓަރީ އަށް ވަނީ 26 ޕޮއިންޓް ލިބިފަ އެވެ.

ލީގުގެ ހަތް ވަނަ އަށް ދިޔަ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް 15 ޕޮއިންޓް ލިބުނުއިރު، އެންމެ ފުލަށް ދިޔަ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބަށް ލިބުނީ ފަސް ޕޮއިންޓެވެ.

ސަސް އާއި ދަ ގްރާންޑޭ އަށް އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ޖާގަ ޔަގީންކުރެވޭނީ ރެލިގޭޝަން ކުޅެގެންނެވެ. ރެލިގޭޝަން ބުރުގައި ސަސް އާއި ގްރާންޑޭއާ ދެކޮޅަށް ނުކުންނާނީ މިހާރު ކުރިއަށްދާ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަނާއި ރަނަރަޕް އެވެ.