Advertisement

މޮޅަކާ އެކު ވެލެންސިއާ ތިން ވަނައިގައި ލީގު ނިންމާލައިފި

1 އޮގަސްޓު 2022 - 19:30 0

މިއަދުގެ މެޗުގެ ތެރެއިން ވެލެންސިއާގެ އީސަ (މ) ބޯޅަ ހިފައިގެން.--- ފޮޓޯ: އިމޭޖަސް.އެމްވީ


މޮޅަކާ އެކު ވެލެންސިއާ ތިން ވަނައިގައި ލީގު ނިންމާލައިފި

1 އޮގަސްޓު 2022 - 19:30 0

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ޔުނައިޓަޑް ވިކްޓަރީ (ޔޫވީ) އަތުން 4-1 އިން މޮޅުވެ، ތާވަލްގެ ތިން ވަނައިގައި ކްލަބް ވެލެންސިއާ މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގު ނިންމާލައިފި އެވެ.

މި މޮޅާ އެކު، ވެލެންސިއާ ލީގުގައި ކުޅެންޖެހޭ މެޗުތައް ނިންމާލީ 32 ޕޮއިންޓާ އެކު އެވެ. ކުޅުނު 21 މެޗުގެ ތެރެއިން 10 މެޗުން ވެލެންސިއާ ވަނީ މޮޅުވެފަ އެވެ. އަނިޔާގެ ސަބަބުން ވެލެންސިއާ އަށް ދެ ވަނަ ބުރުގައި ގިނަ މައްސަލަތަކެއް ދިމާވި އެވެ.

ސީޒަން ފެށުމުގެ ގޮތުން ކުޅުނު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށް، ވެލެންސިއާ ލީގަށް ނުކުތީ ރަނގަޅު ފޯމެއްގަ އެވެ. އަދި ލީގު ޗެމްޕިއަންކަމަށް އެ ޓީމު ވާދަކުރާނެ ކަމަށް ބެލެވުނެވެ. އެކަމަކު، ސީޒަންގެ ވަކި ހިސާބަކުން ދިމާވި މައްސަލަތަކާ ގުޅިގެން، ވެލެންސިއާގެ ފޯމު ވަނީ ސީޒަންގެ ފަހުކޮޅަށް ދިޔައިރު ދަށްވެފަ އެވެ.

ޔޫވީ ލީގުގައި ކުޅެންޖެހޭ މެޗުތައް ނިންމާލިއިރު، އެ ޓީމު އޮތީ 26 ޕޮއިންޓާ އެކު ތާވަލްގެ ހަ ވަނައިގަ އެވެ.

ޔުނައިޓެޑް ވިކްޓަރީގެ ބައްކު (ކ) ކައިރިން ވެލެންސިއާގެ ތޮއްޕޭ ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: އިމޭޖަސް.އެމްވީ


މިއަދުގެ މެޗުގެ ހުރިހާ ލަނޑެއް ވެސް ފެނުނީ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ހާފު ދެ ޓީމުން ވެސް ނިންމާލީ ލަނޑެއް ނުޖެހި އެއްވަރުކޮށެވެ. މެޗުގެ 55 ވަނަ މިނިޓުގައި ވެލެންސިއާ އިން ލީޑު ނެގީ އިސްމާއިލް ޒާން އާމިރް ކާމިޔާބުކުރި ލަނޑުންނެވެ. އޭގެ 10 މިނިޓު ފަހުން އަބްދުﷲ ޔާމީން (ޔާނު) ވަނީ ވެލެންސިއާ އަށް ދެ ވަނަ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. ވެލެންސިއާގެ ތިން ވަނަ ލަނޑު، އެ ޓީމުގެ ކެޕްޓަން ހުސެއިން ސުފިޔާން (ސޫފީ) ޖެހީ މެޗުގެ 75 ވަނަ މިނިޓުގަ އެވެ.

މެޗުގެ 78 ވަނަ މިނިޓުގައި ޔުނައިޓެޑް ވިކްޓަރީ އަށް މެޗުގައި ޖަހައިދިން ހަމައެކަނި ލަނޑު ޖަހައިދިނީ ބެލާރޫސްގެ ފޯވަޑް އީވާން ވެރާސް އެވެ.

ޔުނައިޓެޑް ވިކްޓަރީގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވެލެންސިއާގެ ކުޅުންތެރިން ކުދި ޕާސްތަކެއް ދިނުމަށް ފަހު ތަނަވަސްވި ފުރުސަތު ނިންމާލައި، ވެލެންސިއާގެ ހަތަރު ވަނަ ލަނޑު ޖެހީ މެޗުގެ 83 ވަނަ މިނިޓްގައި އިސްމާއިލް އީސާ (މެސީ) އެވެ.

ލީގުގެ ފަހު މެޗުގައި މިރޭ ކްލަބު އީގަލްްސްއާ ދެކޮޅަށް ނުކުންނާނީ ވިދިވިދިގެން ތިން ވަނަ ސީޒަންގައި ލީގު ޗެމްޕިއަންކަން ހޯދި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނެވެ. މި މެޗަށް ފަހު މާޒިޔާ އަށް ލީގުގެ އައްޑަނަ ހަވާލުކުރާނެ އެވެ.