Advertisement

ނިމުނު ކުއާޓަރުގެ އާމްދަނީ އަންދާޒާ ކުރި ވަރަށް ވުރެ 50 ޕަސެންޓު މަތި

1 އޮގަސްޓު 2022 - 18:33 0

އަމަން ހަލީމް

އަމަން ހަލީމް

ވީއައިއޭގައި ހުންނަ ޓޫރިޒަމްގެ ރަން އަހަރުގެ ލޯގޯ ކައިިރިން ޓޫރިސްޓުންތަކެއް ދަނީ: އަންދާޒާކުރި ވަރަށް ވުރެ އާމްދަނީ އިތުރުވީ މައިގަނޑު ސަބަބަކީ ޓޫރިސްޓުން އައި އަދަދު އިތުރުވުން. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


ނިމުނު ކުއާޓަރުގެ އާމްދަނީ އަންދާޒާ ކުރި ވަރަށް ވުރެ 50 ޕަސެންޓު މަތި

1 އޮގަސްޓު 2022 - 18:33 0

ނިމުނު ކުއާޓަރުގައި ދައުލަތަށް ލިބުނު 5.29 ބިލިއަން ރުފިޔާއަކީ އަންދާޒާކުރި ވަރަށް ވުރެ 50 ޕަސެންޓު އިތުރު އަދަދެއް ކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިޔު އޮތޯރިޓީ (މީރާ)އިން ހާމަކޮށްފި އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި ދެވަނަ ކުއާޓަރުގައި ޓެކުހާއި ޓެކްސް ނޫން ގޮތްގޮތުން އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރީ 3.52 ބިލިއަން ރުފިޔާ އެވެ.

މީރާއިން މިއަދު އާންމުކުރި ކުއާޓަލީ ރިޕޯޓުން ދައްކާ ގޮތުގައި ޓެކުހުގެ އާމްދަނީ ގޮތުގައި އެކަނިވެސް މިޔަށް ވުރެ ބޮޑު އާމްދަނީއެއް ލިބުނެވެ. އެގޮތުން އެ ކުއާޓަރުގައި ޓެކުހުގެ ގޮތުގައި 3.98 ބިލިއަން ރުފިޔާ އަދި ޓެކްސް ނޫން އެހެނިހެން އާމްދަނީގެ ގޮތުގައި 1.31 ބިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މީރާއިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރަށް ވުރެ ބަލައިގަތް ހުރިހާ ޓެކުހުގެ އާމްދަނީ އިތުރެވެ. އޭގެ ސަބަބެއް ކަމަށް ބުނީ ރާއްޖެ ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު އިތުރުވުމާ ގުޅިގެން ސީދާ ޓޫރިޒަމުން ލިބޭ ޓީޖީއެސްޓީ އާއި ގްރީން ޓެކްސް އާއި ބޭރަށް ފުރާ މީހުންގެ އަތުން ނަގާ ޑިޕާޓާ ޓެކްސް އާމްދަނީ އިތުރުވުމެވެ.

ޓެކްސް ނޫން އާމްދަނީގެ ތެރެއިން ވެސް ބޮޑު ބަޔެއް ހިއްސާކުރަނީ ދަތުރުވެރިންގެ އަތުން ނަގާ އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އެވެ. ޓެކްސް ނޫން އާމްދަނީ އިތުރުވީ އަނެއް ސަބަބަކީ ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އަދި ބިން ވިއްކުމާއި ބިން ބަދަލުކުރުމުގެ ފީ އިތުރުވެފައިވުން ކަމަށް ރިޕޯޓުގައި ފާހަގަކުރި އެވެ.

އެންމެ ގިނައިން ލިބުނު ފަސް އާމްދަނީ

  • ޖީއެސްޓީ – 2.4 ބިލިއަން ރުފިޔާ
  • އާމްދަނީން ނަގާ ޓެކްސް – 1.08 ބިލިއަން ރުފިޔާ
  • ރިޒޯޓުތަކުގެ ކުލި – 500 މިލިއަން ރުފިޔާ
  • ގްރީން ޓެކްސް – 254.7 މިލިއަން ރުފިޔާ
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ – 219.4 މިލިއަން ރުފިޔާ

ނިމުނު ކުއާޓަރުގައި ޖުމްލަ އާމްދަނީގެ ބޮޑު ބަޔެއް ބަލައިގެންފައި ވަނީ އެމެރިކާ ޑޮލަރުންނެވެ. އެގޮތުން ޑޮލަރުން ބަލައިގަތް 211.50 މިލިއަން ޑޮލަރު (3.2 ބިލިއަން ރުފިޔާ)އަކީ މުޅި ކުއާޓަރުގައި ލިބުނު އާމްދަނީގެ 61.3 ޕަސެންޓެވެ.