Advertisement

ވިޒިޓް މޯލްޑިވްސް ޕްރޯ: ރާއްޖޭގެ 10 ބޮޑީބޯޑަރުން ފިރިހެން އޯޕަން ބައިގެ ތިން ވަނަ ބުރަށް

1 އޮގަސްޓު 2022 - 15:16 0

ވިޒިޓް މޯލްޑިވްސް ޕްރޯގެ އިވެންޓެއްގެ ތެރެއިން.-- ފޮޓޯ: އިމޭޖަސް،އެމްވީ


ވިޒިޓް މޯލްޑިވްސް ޕްރޯ: ރާއްޖޭގެ 10 ބޮޑީބޯޑަރުން ފިރިހެން އޯޕަން ބައިގެ ތިން ވަނަ ބުރަށް

1 އޮގަސްޓު 2022 - 15:16 0

ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ފިރިހެން އޯޕަން ބައިގެ ތިން ވަނަ ބުރުން ރާއްޖޭގެ 10 ރާޅާ އެޅުންތެރިން ޖާގަ ހޯދައިފި އެވެ.

އިންޓަނޭޝަނަލް ބޮޑީބޯޑިން ކޯޕަރޭޝަން (އައިބީސީ)ގެ ވޯލްޑް ޓުއާގެ މޯލްޑިވްސް އޯޕަންގައި މިއަދު ހެނދުނު ކުރިއަށް ގެންދިޔައީ ދެ ވަނަ ބުރުގެ އަށް ހީޓެވެ. އަދި އަންހެން ބައިގެ ދެ ވަނަ ބުރުގެ ހީޓެއް ވެސް ކުރިއަށް ގެންދިޔަ އެވެ. އެހެން ނަމަވެސް މެންދުރު ފަހު ރާޅުތައް ނަގާ މިންވަރު މަދުވުމުން ޖަޖުން ނިންމީ މިއަދުގެ ބާކީ ހުރި ހީޓުތައް ކުރިއަށް ނުގެންދިޔުމަށެވެ.

ފިރިހެން އޯޕަން ބައިގެ ދެ ވަނަ ބުރުގެ ނަތީޖާތަކަށް ބަލާއިރު، ދިވެހި ބޮޑީބޯޑަރުންގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ނެރުނީ އަލީ ޚުޝްރުވާން އަހުމަދު (ކުޑަ އައްޔަ) އެވެ. އޭނާ ވަނީ މިއަދުގެ ހީޓު ފަހެއްގައި ވާދަކޮށް 12.25ގެ ސްކޯ އެއް ހޯދައިފަ އެވެ. އެއް ރާޅުގައި ކުޑަ އައްޔަ ވަނީ 7.00ގެ ސްކޯ އެއްވެސް ހޯދައިފަ އެވެ. އައްޔައާ އެކު މި ހީޓުގައި ވާދަކުރި ދާއޫދު ފަޒީހު އަށް ލިބުނީ 2.85ގެ ސްކޯ އެކެވެ.

މިއަދުގެ ފުރަތަމަ ހީޓުގައި ރާއްޖޭގެ ދެ ބޮޑީބޯޑަރުން ވާދަކޮށް ކުޑަ ތަފާތަކުން އަސްވާން އަހުމަދު ވަނީ ކުރި ހޯދައިފަ އެވެ. އަސްވާން އަށް 7.00 ގެ ސްކޯ އެއް ލިބުނުއިރު، އޭނާއާ ވާދަކުރި އާމިން މޫސާ އަށް ލިބުނީ 6.50 ގެ ސްކޯ އެކެވެ.

ދެ ވަނަ ހީޓުގައި ފްރާންސްގެ އާވިން ކްލޯރެކް ވަނީ ތަފާތު ބޮޑުކޮށް ސައުތު އެފްރިކާގެ ނިކް އެންސްޓްރޮމްގެ މައްޗަށް ކުރި ހޯދައިފަ އެވެ. އާވިން 13.00ގެ ސްކޯ އެއް ހޯދިއިރު، މިއީ މިއަދުގެ އެންމެ މަތީ ސްކޯ އެވެ. އެއް ރާޅުގައި މިއަދު އޭނާ ހޯދި 7.75ގެ ސްކޯ އަކީ ވެސް މިއަދުގެ ރެކޯޑު ސްކޯ އެވެ. މި ހީޓުގައި ވާދަކުރި ނިކް އަށް ލިބުނީ 5.15ގެ ސްކޯ އެކެވެ.

މިއަދުގެ ތިން ވަނަ ހީޓު 12.00 ސްކޯ އަކުން ކާމިޔާބުކުރީ ފަބިއަން ތަޒާ އެވެ. މި ހީޓުގައި ދެން ވާދަކުރި އަހުމަދު ނަޒްމީން 8.50ގެ ސްކޯއަކާ އެކު ދެ ވަނަ ހޯދިއިރު، ހީޓުގެ ފުލަށް ގޮސް އީނާޝް އަހުމަދު ވަނީ މުބާރާތުން ކަޓައިފަ އެވެ.

ހަތަރު ވަނަ ހީޓުގެ އެއް ވަނަ ހޯދީ ރާއްޖޭގެ ގައުމީ ޓީމްގެ އަލީ ޖާވިދު (ޖާއްޓެ) އެވެ. ސައުތު އެފްރިކާގެ ރޮބާޓް ބާމަންއާ ވާދަކޮށް ޖާއްޓެ މި ހީޓު ކާމިޔާބުކުރީ 0.2 ގެ ތަފާތަކުންނެވެ. ޖާއްޓެ އަށް 9.1ގެ ސްކޯ އެއް ލިބުނުއިރު، ރޮބާޓް އަށް ލިބުނީ 8.9ގެ ސްކޯ އެކެވެ.

ޒުވާން ތަރި ގެބްރިއެލް މޮލީނާ އާއި އާމިދު ސޮލިވަރޭސް ވެސް މިއަދު ފެނުނީ ފޯމުގައި ރާޅުއަޅާލި ތަނެވެ. ރާއްޖޭގެ މުހައްމަދު ވިއާމްއާ ވާދަކޮށް ގެބްރިއެލް ހީޓު ހަޔެއް ކާމިޔާބުކުރީ 8.75ގެ ސްކޯ އަކުންނެވެ. މުހައްމަދު ވިއާމް އަށް ލިބުނީ 5.40ގެ ސްކޯ އެކެވެ. އާމިދު ވާދަކުރީ މުބާރާތުގެ އެންމެ ޒުވާން ބޯޑަރު ރާއްޖޭގެ އިޔާން އަހުމަދުއާ އެވެ. އާމިދު 12.25ގެ ސްކޯ އެއް ހޯދިއިރު، 13 އަހަރުގެ އިޔާން އަށް ލިބުނީ 6.9ގެ ސްކޯ އެކެވެ.

ދެ ވަނަ ބުރުގައި ވާދަކުރި ރާއްޖޭގެ ސީނިއާ ޓީމްގެ މުހައްމަދު ރީޝާން ވެސް ވަނީ އޭނާ ވާދަކުރި ހީޓުން އެއް ވަނަ ހޯދާފަ އެވެ. އިސްރާއިލްގެ ހައިމް ވަތޫރީއާ ވާދަކޮށް ރީޝާން ހީޓު ކާމިޔާބުކުރީ 8.05ގެ ސްކޯ އަކުންނެވެ. ހައިމް އަށް ލިބުނީ 6.75ގެ ސްކޯ އެކެވެ.

މުބާރާތުގައި މިއަދު އިތުރަށް ކުރިއަށް ދިޔައީ އަންހެން ބައިގެ ދެ ވަނަ ބުރުގެ ހީޓެކެވެ. މި ހީޓުގައި ވާދަކުރީ ބްރެޒިލްގެ ލޫނާ ހާޑްމަން އާއި ޕޯޗުގަލްގެ މެޑެލީނާ ވެލޭރޯ އެވެ. މި ހީޓު ލޫނާ ކާމިޔާބުކުރީ 12.9ގެ ސްކޯ އަކުންނެވެ. މެޑެލީނާ އަށް ލިބުނީ 10.40ގެ ސްކޯ އެކެވެ.

މޯލްޑިވްސް ޕްރޯގައި މާދަމާގެ އިވެންޓުތައް ފަށާނީ މިއަދު ކުރިއަށް ނުގެންދެވި ފަސް ކުރި ހީޓުތަކާ ހަމައިންނެވެ.