Advertisement

އުރީދޫ 5ޖީ ހިދުމަތް މުޅި މާލެއަށް ފުޅާކޮށްފި

1 އޮގަސްޓު 2022 - 11:55 0

އަމަން ހަލީމް

އަމަން ހަލީމް

އުރީދޫގެ މެނޭޖިން ޑިރެކްޓަރު ހާލިދު ހަސަން އަލް-ހަމަދީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ: އުރީދުގެ އަމާޒަކީ ނެޓްވާކެ އިތުރަށް ފުޅާކޮށް މިހާރު ދެމުންގެންދާ އިންޓަނެޓް ހިދުމަތް ފުރިހަމަކުރުން ކަމަށް ވިދާޅުވި. -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު


އުރީދޫ 5ޖީ ހިދުމަތް މުޅި މާލެއަށް ފުޅާކޮށްފި

1 އޮގަސްޓު 2022 - 11:55 0

މާލޭގެ ބައެއް ސަރަހައްދުތަކުގައި އުރީދޫ މޯލްޑިވްސްއިން ދެމުން ގެންދިޔަ 5ޖީ ހިދުމަތް މިއަދުން ފެށިގެން މާލޭގެ ހުރިހާ ސަރަހައްދަކުން ލިބޭނެ ކަމަށް އެ ކުންފުނިން އިއުލާންކޮށްފި އެވެ.

ކުންފުނީގެ 17 ވަނަ އަހަރީ ދުވަހާ ގުޅުވާ ބޭއްވި ހާއްސަ ހަފުލާއެއްގައި އުރީދޫއިން ބުނީ މިހާރު މުޅި މާލެއަށް 5ޖީ ކަވަރޭޖް ފުޅާކުރެވިފައިވާ ކަމަށެވެ.

މިއާ އެކީ އުރީދޫ ނެޓްވާކްގައި 5ޖީ ސަޕޯޓުކުރާ ފޯނުތައް ބޭނުންކުރާ ޕޯސްޕެއިޑް 800 އިން މަތީގެ ޕްލޭންތައް ގެންގުޅޭ ހުރިހާ ކަސްޓަމަރުންނަށާއި "އެއާ ފައިބާ" ހިދުމަތް ބޭނުންކުރާ ކަސްޓަމަރުންނަށް މިހާރު 5ޖީ ލިބޭނެ އެވެ. އަދި ކަސްޓަމަރުންގެ ޑޭޓާ އެލަވަންސް ދެ ގުނަ އިތުރުވާނެ އެވެ.

މި މަޝްރޫއުގެ ދެވަނަ ފޭސްގެ ތެރެއިން ގްރޭޓާ މާލޭ ސަރަހައްދުގައި ހިމެނޭ ހުޅުލެ އާއި ވިލިމާލެ އާއި ހުޅުމާލެ ފޭސް ވަން އަދި ފޭސް ޓޫ އަށް ވެސް ކައިރި މުސްތަގުބަލެއްގައި މި ހިދުމަތް ފުޅާކުރެވޭނެ ކަމަށް އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒު ވިދާޅުވި އެވެ. މިހާރު ވެސް ހުޅުމާލެ ފޭސް 2 ފިޔަވައި ގްރޭޓާ މާލޭގެ ބޮޑު ސަރަހައްދަކަށް 5ޖީ ކަވަރޭޖް ލިބެ އެވެ.

މާލެ ސަރަހައްދުގެ އިތުރުން އަތޮޅުތެރެއަށް ވެސް 5ޖީ ހިދުމަތް ތައާރަފުކުރުމުގެ މަސައްކަތް ވެސް އުރީދޫ އިން ވަނީ ރާވާފަ އެވެ.

އޭގެ އިތުރުން ރާއްޖޭގެ އުތުރުން ދެކުނަށް އެ ކުންފުނިން އަޅާފައިވާ ސަބްމެރިން ކޭބަލްގެ ލޭންޑިންތައް އިތުރުކޮށް، ރަށްރަށުގައި ފޯރުކޮށްދޭ އިންޓަނެޓް ހިދުމަތް ފުރިހަމަކުރުމުގެ މަސައްކަތް އެ ކުންފުނިން ވަނީ ފަށާފަ އެވެ. އެގޮތުން އަންނަ އަހަރު ނިމުމުގެ ކުރިން ހަ ރަށެއްގައި ކޭބަލް ލޭންޑިންތައް ގާއިމުކުރެވިގެން ދާނެ އެވެ. އެ ރަށްތަކަކީ:

  • ކ. މާފުށި،
  • ނ. ވެލިދޫ،
  • އދ. މާމިގިލި،
  • އދ. ދަނގެތި،
  • ދ. ކުޑަހުވަދޫ އަދި
  • ރ. ދުވާފަރެވެ.

މި މަސައްކަތް ނިމުމުން އެ ކުންފުނީގެ ޑޭޓާ ކެޕޭސިޓީ އިތުރުވެ، ރަށްރަށުގައި އުފުލެމުންދާ ޑޭޓާ ޑިމާންޑާ އެއްވަރަށް ހިދުމަތް އަޕްގްރޭޑުކުރެވި އިތުރު ޓެކްނޮލޮޖީތައް ތައާރަފުކުރަން ފަހިވެގެން ދާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ. އަދި މިހާރު ވެސް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކުން 4ޖީ ޑޭޓާ ލިބޭނެ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޑޮމެސްޓިކް ސަބްމެރިން ކޭބަލްގެ އިތުރުން ސިންގަޕޫރާއި ޔޫރަޕުގެ ސާވަރުތަކާ ގުޅާލާ ޕީސް ކޭބަލްގެ މަސައްކަތް ވެސް ބާރަށް ކުރިޔަށްދާ ކަމަށް އުރީދޫން ބުންޏެވެ. މިއީ އޭޝިއާ އިން ބޭރު ގައުމަކަށް ސަބްމެރިން ކޭބަލުން ގުޅިގެން ފުރަތަމަ ފަހަރެވެ.

މި ޕްރޮޖެކްޓު ނިމުމުން ލެޓެންސީ އިތުރުވެ، ސްޓްރީމިން އަދި ގޭމިން ކަސްޓަމަރުންނަށް މައި ޑޭޓާ ސާވަރުތަކާ ކަނެކްޝަންތައް ލިބިގެން ދާނެ އެވެ.