Advertisement

މިއީ ގޮތަބަޔާ އެނބުރި އަންނަން އެންމެ ރަނގަޅު ވަގުތެއް ނޫން: ރަނިލް

1 އޮގަސްޓު 2022 - 11:22 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ. -- ފޮޓޯ: ބްލޫމްބާގް


މިއީ ގޮތަބަޔާ އެނބުރި އަންނަން އެންމެ ރަނގަޅު ވަގުތެއް ނޫން: ރަނިލް

1 އޮގަސްޓު 2022 - 11:22 0

މިއީ ސްރީލަންކާގެ ކުރީގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އެނބުރި ގައުމަށް ވަޑައިގަަންނަވަން އެންމެ ރަނގަޅު ވަގުތު ނޫން ކަމަށް މިހާރު ރައީސްކަމުގައި ހުންނެވި ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

އެމެރިކާގެ ވޯލް ސްޓްރީޓް ޖާނަލް ނޫހަށް ދެއްވި އިންޓަވިއުގައި ރަނިލް ވިދާޅުވީ މި ވަގުތު ގޮތަބަޔާ އެނބުރި ވަޑައިގެންފި ނަމަ ސިޔާސީ ހަލަބޮލިކަން އިތުރަށް ގޯސްވުން އެކަށީގެންވާ ކަމަށެވެ.

"މިއީ އެމަނިކުފާނު ގައުމަށް އެނބުރި ވަޑައިގަންނަވަން އެންމެ ރަނގަޅު ވަގުތު ކަމަށް އަޅުގަނޑަކަށް ނުފެނޭ. އެމަަނިކުފާނުގެ އަވަސް މުސްތަގްބަލެއްގައި އެނބުރި ވަޑައިގަންނަވާނެ ކަމަށް ނުވެސް ބެލެވޭ،" ރަނިލް ވިދާޅުވި އެވެ.

އިގްތިސާދީ ކާރިސާގެ ސަބަބުން ރައްޔިތުން ޕްރެޝަރު ބޮޑުވެ، ގޮތަބަޔާ އިސްތިއުފާ ދެއްވީ ސިންގަޕޫރަަށް ވަޑައިގެން ޖުލައި 13 ވަނަ ދުވަހު އެވެ. އޭގެ ފަހުން އާ ރައީސް ކަމަަށް ރަނިލް ވަޑައިގެންނެވީ ޕާލިމެންޓުގެ ވޯޓުންނެވެ.

ވޯލް ސްޓްރީޓް ޖާނަލް ނޫހުން ބުނީ ސަރުކާރުގެ ހިންގުން ބަދަލު ކުރުމާއި އިދާރީ އެހެން ކަންކަމުގައި ރަނިލް އާއި ގޮތަބަޔާ މުއާސަަލާތު ކުރައްވާ ކަމަށެވެ.

އިގްތިސާދީ ކާރިސާއިން އަރައިގަތުމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) ގެ އެހީ ހޯދަން ލަންކާއިން ދަނީ މަޝްވަރާ ކުރަމުންނެވެ. މިދިޔަ އެޕްރީލް މަހު ލަންކާާގެ 12 ބިލިއަން ޑޮލަރުގެ ބޭރު ދަރަނި ޑީފޯލްޓްވެފައިވާ އިރު، 2025 ވަނަ އަހަރު ނިމުމުގެ ކުރިން 21 ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރަން ޖެހެ އެވެ.

ރަނިލް ވިދާޅުވީ އައިއެމްއެފްގެ ސްޓާފް ލެވެލް އެއްބަސްވުމުގައި އޯގަސްޓް މަސް ނިމުމުގެ ކުރިން ސޮއިކުރަން އުއްމީދު ކުރައްވާ ކަމަށެވެ. އޭގެ އިތުރުން އަންނަ އަހަރަށް ބޭނުންވާ ތެލާއި ކާބޯތަކެތި އަދި ފާޓިލައިޒާ އެތެރެ ކުރަން، އެހެން ގޮތްގޮތުން ތިން ބިލިއަން ޑޮލަރު ހޯދަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

ސްރީލަންކާ ރަައްޔިތުންގެ އިގްތިސާދީ ހާލަތް ރަނގަޅުވުމަށް އަދިވެސް ގިނަ މަސްތަކެއް ހޭދަވާނެ ކަމަށް ރަނިލް ވިދާޅުވި އެވެ.