Advertisement

ކެލިފޯނިއާގެ އުތުރުގައި ހަލުވިކަމާ އެކު އަލިފާންގަނޑު ފެތުރެނީ

1 އޮގަސްޓު 2022 - 11:42 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

ކެލިފޯނިއާގެ އުތުރުގައި ފެތުރެމުންދާ އަލިފާންގަނޑަށް ދީފައިވާ ނަމަކީ މެކިނީ ފަޔާ. -- ފޮޓޯ: ރޮއިޓާޒް


ކެލިފޯނިއާގެ އުތުރުގައި ހަލުވިކަމާ އެކު އަލިފާންގަނޑު ފެތުރެނީ

1 އޮގަސްޓު 2022 - 11:42 0

މި އަހަރުގެ މިހާތަނަށް އެމެރިކާގެ ކެލިފޯނިއާ ސްޓޭޓުގެ ޖަންގަލީގައި ރޯވި އެންމެ ބޮޑު އަލިފާންގަނޑު ކޮންޓްރޯލް ކުރަން އެތައް ސަަތޭކަ ފަޔާފައިޓަރުން ހަރަކާތްތެރިވަމުން އެބަދެ އެވެ.

މެކްކިނީ ފަޔާގެ ނަން ދީފައިވާ އަލިފާންގަނޑު އެންމެ ފުރަތަމަ ރޯވީ މިދިޔަ ހުކުރު ދުވަހު އުތުރު ސިސްކިޔޫ ކައުންޓީގަ އެވެ. ކެލިފޯނިއާގެ ފަޔާ ސާވިސްއިން ބުނީ މިހާތަނަށް 21،000 ހެކްޓަރުގެ ސަރަހައްދެއް އަނދާ ހުލިވެފައިވާ ކަމަށެވެ.

އެ ސަރަހައްދުގައި ދިރިއުޅޭ 2،000 މީހުންނާއި ޕެސިފިކް ކްރެސްޓް ހައިކިން ޓްރެއިލްގައި އުޅުނު ޓްރެކަރުން ވެސް ވަނީ އެހެން ހިސާބުތަކަށް ބަދަލުވެފަ އެވެ. ބައެއް ގެތައް އަނދާފައިވާ ކަމަަށް އިދާރާތަކުން ބުނެ އެވެ.

އެމެޖެންސީ ސާވިސްގެ އެންމެ ފަހުގެ ރިޕޯޓު ބުނާ ގޮތުން އާދީއްތަ ދުވަހާ ހަމައަށް ދިޔަ އިރު، އަލިފާންގަނޑު އެއްވެސް ވަރަކަށް ކޮންޓްރޯލެއް ނުކުރެވެ އެވެ.

ކެލިފޯނިއާއަށް ވާރޭ ނުވެހި ގިނަ ދުވަސްވުމާއި އާދަޔާ ހިލާފަށް ހޫނުގަދަ ވާތީ، ޖަންގަލިތަކުގައި ރޯވުމުގެ ނުރަައްކާ އޮތުމުން، ރަތް ދިދަ އެލާޓެއް އޮތީ ނެރިފަ އެވެ.

ސިސްކިޔޫ ކައުންޓީގައި ހޮނިހިރު ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރީ ގެތަކާއި އެހެން އިމާރާތްތަކަށް ގެއްލުން ވާން ފެށުމުން ކަމަށް ކެލިފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމް ވިދާޅުވި އެވެ.

އިދާރާތަކުން އިންޒާރު ދޭ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައި ވިދާ ގުގުރުމާ އެކު ހޮނު އެޅުން އެކަަށީގެން ވާތީ ޖަންގަލީގެ އެހެން ހިސާބުތަކުގައި ވެސް ރޯވެދާނެ ކަމަށް ބެލެވެ އެވެ.

މެކްކިނީ ފަޔާގެ އިތުރުން ޔޮޒެމައިޓް ނޭޝަނަލް ޕާކް ކައިރީގައި ދަ އޯކް ފަޔާ ވެސް ފެތުރެމުން އެބަދެ އެވެ. ޔޮޒެމައިޓް ނޭޝަނަލް ޕާކް ކައިރީގައި ރޯވިތާ އަށް ދުވަސްވެފައިވާ އިރު، އެ އަލިފާންގަނޑުގެ 67 ޕަސެންޓް ވަނީ ކޮންޓްރޯލްކޮށްފަ އެވެ.

ޔޮޒެމައިޓް ނެޝަނަލް ޕާކަކީ ދުނިޔޭގެ އެންމެ ބޮޑެތި އަަދި އެންމެ ގިނަ ދުވަސްވީ ރެޑްވުޑް ގަސްތައް ހުންނަ ޖަންގައްޔެވެ.

ދުނިޔެ ހޫނުވެ، ވާރޭ ނުވެހި ގިނަ ދުވަސްވުމުގެ ސަބަބުން ޖަންގަލިތަކުގައި ރޯވުމަށް އެންމެ އެކަށޭނަ މާހައުލު އުފެދެ އެވެ. ފަހަކަށް އައިސް އެފަދަ އަލިފާންގަނޑުތަކުގައި ލިބޭ ގެއްލުން ދަނީ ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ބޮޑުވަމުންނެވެ.