Advertisement

ރާއްޖޭން ބޭރުގައި ހުންނަ އެމްބަސީތައް ހިންގަން އަހަރަކު 245 މިލިއަނަށް ވުރެ ގިނަ ރުފިޔާ

1 އޮގަސްޓު 2022 - 11:49 2

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ބޮޑު މަރާމާތަކަށްފަހު ފޮރިން މިނިސްޓްރީ ހިންގާ އިމާރާތް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުޅުވައި ދެއްވަނީ. -ފައިލް ފޮޓޯ


ރާއްޖޭން ބޭރުގައި ހުންނަ އެމްބަސީތައް ހިންގަން އަހަރަކު 245 މިލިއަނަށް ވުރެ ގިނަ ރުފިޔާ

1 އޮގަސްޓު 2022 - 11:49 2

ރާއްޖޭން ބޭރުގައި ގާއިމުކޮށްފައިވާ ދިވެހި އެމްބަސީތައް ހިންގަން އަހަރަކު ގާތްގަނޑަކަށް 245 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުވާ ކަމަށް ފޮރިން މިނިސްޓްރީން ހިއްސާކުރި މައުލޫމާތުތަކުން ދައްކައިފި އެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން "އަދަދު"އިން އެދިގެން ފޮރިން މިނިސްޓްރީން ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ތަފާތު 16 ގައުމެއްގައި އެމްބަސީ އާއި ކޮންސިއުލޭޓް ހިމެނޭ ގޮތަށް ޖުމްލަ 18 މިޝަންއެއް ހިންގަ އެވެ.

މިގޮތުން، އެ މިޝަންތައް ހިންގުމަށް މިދިޔަ އަހަރު، ޖުމްލަ 245.87 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.

އޭގެ ތެރެއިން އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ އދ.ގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންގެ އިތުރުން މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީއަށެވެ.

އެމެރިކާގެ ނިއުޔޯކްގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަންއަށް މިދިޔަ އަހަރު 25.3 މިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ. މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީއަށް މިދިޔަ އަހަރު 23.9 މިލިއަން ރުފިޔާ ހޭދަވި އެވެ.

ތިން ވަނަ އަށް އެންމެ ހަރަދު ބޮޑުކޮށް ހިންގަނީ ދިވެހިންގެ އެންމެ ބޮޑު އާބާދީއެއް އޮންނަ ލަންކާގައި ހުންނަ އެމްބަސީއަށެވެ. އެ އެމްބަސީ ހިންގުމުގެ ހަރަދު، މިދިޔަ އަހަރު ވަނީ 22.5 މިލިއަން ރުފިޔާ ހުރަސްކޮށްފަ އެވެ.

2021ގައި ދެން އެންމެ ބޮޑު ހަރަދެއް ހިނގި މިޝަންތައް

  • ތައިލެންޑް އެމްބަސީ - 17.99 މިލިއަން ރުފިޔާ
  • ޔޫއޭއީ އެމްބަސީ - 13.73 މިލިއަން ރުފިޔާ
  • ސައުދީ އެމްބަސީ - 13.47 މިލިއަން ރުފިޔާ
  • ޔޫކޭ އެމްބަސީ - 12.33 މިލިއަން ރުފިޔާ
  • ޖަޕާނު އެމްބަސީ - 12.21 މިލިއަން ރުފިޔާ

ފާއިތުވި ފަސް އަހަރުގެ އަދަދުތަކަށް ބަލާއިރު، ވަކިވަކި އެމްބަސީތަކަށް ކުރި ހަރަދު ގާތްގަނޑަކަށް އެއް ހަމައެއްގައި ހުރި ނަމަވެސް، މި ހިނގާ އަހަރުގެ މެއި މަހުގެ ނިޔަލަށް އެންމެ ބޮޑު ހަރަދެއް ހިނގާފައިވަނީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށެވެ.

މިގޮތުން، މިދިޔަ މެއި މަހުގެ ނިޔަލަށް އެ އެމްބަސީ ހިންގުމަށް 16.09 މިލިއަން ރުފިޔާ ވަނީ ހޭދަވެފަ އެވެ.

މިއަހަރުގެ މެއި މަހުގެ ނިޔަލަށް ދެން އެންމެ ގިނައިން ހަރަދުވެފައިވަނީ އދ.ގައި ހުންނަ ދާއިމީ މިޝަންގެ އިތުރުން މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީއަށެވެ.

އދ.ގައި ހުންނަ ދާއިމީ މިޝަން ހިންގަން މިދިޔަ މެއި މަހުގެ ނިޔަލަށް 12.71 މިލިއަން ރުފިޔާ ހަރަދުވެފައިވާއިރު، މެލޭޝިއާގައި ހުންނަ ދިވެހި އެމްބަސީއަށް 9.58 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ.