Advertisement

ވިޒިޓް މޯލްޑިވްސް ޕްރޯ: އަންހެން ޗެމްޕިއަނުން ފެށީ ވަރުގަދަކޮށް

31 ޖުލައި 2022 - 23:47 0

ދުނިޔޭގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އިޒަބެލާ މިއަދު ހީޓެއްގައި ރާޅާ އަޅަނީ / ފޮޓޯ: އިމޭޖަސް އެމްވީ


ވިޒިޓް މޯލްޑިވްސް ޕްރޯ: އަންހެން ޗެމްޕިއަނުން ފެށީ ވަރުގަދަކޮށް

31 ޖުލައި 2022 - 23:47 0

ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ވިމެން އޯޕަން ބައިގެ ފުރަތަމަ ބުރުގެ ހީޓުތައް ނިމުނުއިރު، ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި އުޅޭ ބޮޑީބޯޑަރުން ވަރުގަދަ ފެށުމަކާ އެކު ހުނަރު ދައްކާލައިފި އެވެ.

ދުނިޔޭގެ ބޮޑީބޯޑިން ޓުއާގެ ދެ ވަނަ އަށް އެންމެ އަގުބޮޑު މުބާރާތުގެ އަންހެން އޯޕަން ބައިގެ ހީޓުތައް ފަށާފައިވަނީ މިއަދު މެންދުރެވެ. ބޯވާރޭގެ ތެރޭގައި އަންހެނުންގެ ފުރަތަމަ ބުރުގެ ހަތަރު ހީޓެއް ކުރިއަށް ދިޔައެވެ. އަންހެން އޯޕަން ބައިގެ ދުނިޔޭގެ ގަދަ 12 ގައި ހިމެނޭ އެތުލީޓުންގެ ތެރެއިން ނުވަ އެތުލީޓެއް މޯލްޑިވްސް އޯޕަންގައި ވާދަކުރެ އެވެ.

މިއަދު ކުރިއަށްދިޔަ ހީޓުތަކުގެ ތެރެއިން އެންމެ ފޯރިގަދަކޮށް ދިޔައީ ދުނިޔޭގެ ރޭންކިންގެ އެންމެ ކުރީގައި މި ވަގުތު އޮތް ޖަޕާންގެ ސަރީ އޮހާރާ އާއި ރޭންކިން ހަތަރު ވަނައިގައި އޮތް ބްރެޒިލްގެ މައިރާ ވިއާނާ ވާދަކުރި ހީޓެވެ. މި ހީޓުގައި ކެނެރީ އައިލެންޑްސްގެ ޓެރީސާ މިރާންޑާވެސް ވާދަކުރި އެވެ. ފޯރިގަދަ މި ހީޓުގައި ސަރީ އޮހާރާ އާއި މައިރާގެ ސްކޯ އެއްވަރުވެ، ވަކިވަކި ރާޅުގެ ސްކޯ އަށް ބަލައި ކުރި ލިބުނީ އޮހާރާ އަށެވެ. ދެ ބޯޑަރު ންވެސް ޖުމްލަ ސްކޯގެ ގޮތުގައި 12.75ގެ ސްކޯ އެއް ހޯދި އެވެ. އޮހާރާ އެއް ރާޅުން 7.00ގެ ސްކޯ އެއް ހޯދިއިރު، މައިރާ އަށް އެއް ރާޅުން އެންމެ މަތިން ހޯދުނީ 6.50 ގެ ސްކޯ އެކެވެ. މި ހީޓުން ފުލަށް ދިޔަ ޓެރީސާ އަށް ލިބުނީ 9.75ގެ ސްކޯ އެކެވެ.

އަންހެން އޯޕަންގައި އެންމެ ބޮޑު ތަފާތެއް ދެއްކި އަނެއް ބޯޑަރަކީ ހަތަރު ފަހަރު ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައިވާ އިޒަބެލާ ސޫސާ އެވެ. ދުނިޔޭގެ ރޭންކިންގެ ތިން ވަނައިގައި މި ވަގުތު އޮތް އިޒަބެލާ ފެނުނީ މާލޭ ރާޅުގަނޑަށް ފަރިތަކޮށެވެ. އަންހެން އޯޕަން ބައިގެ ހީޓު ތިނެއް އޭނާ ކާމިޔާބުކުރީ 10.75ގެ ސްކޯ އަކުންނެވެ. އިޒަބެލާ އާއި ވާދަކުރި ޕޯޗުގަލްގެ ޓެރީސާ ޕެޑްރޭލާ އަށް 8.0ގެ ސްކޯ އެއް ލިބުނުއިރު، މެޑެލީނާ ވެލޭރޯއަށް 7.15ގެ ސްކޯއެކެވެ.

ދުނިޔޭގެ ރޭންކިންގެ ދެ ވަނައިގައި އުޅޭ ނޭމާރާ ކަވާލިއޯ ވެސް ވަނީ އޭނާ ވާދަކުރި ހީޓު ކާމިޔާބުކޮށްފަ އެވެ. ޗިލީގެ ވެލެންޓީނާ ޑިއާޒް އާއި ބްރެޒިލްގެ މޭލާ ވެންޓުރިންއާ ވާދަކޮށް ނޭމާރާ މި ހީޓު ކާމިޔާބުކުރީ 8.25ގެ ސްކޯ އަކުންނެވެ. ދެ ވަނަ އަށް ދިޔަ ވެލެންޓިނާ އަށް ސްކޯ ކުރެވުނީ 6.05ގެ ސްކޯ އެކެވެ.

އަންހެން ބައިގެ ހީޓު އެކެއްގެ އެއް ވަނަ ހޯދީ ޕޯޗުގަލްގެ ޖޮއާނާ ޝެންކާ އެވެ. އޭނާ ވަނީ 11.5ގެ ސްކޯ އެއް ހޯދައިފަ އެވެ. ދެ ވަނަ އަށް ދިޔަ ބްރެޒިލްގެ އެލެގްޒެންޑާ ރިންޑާ އަށް ލިބުނީ 9.25ގެ ސްކޯ އެކެވެ. ތިން ވަނަ އަށް ބްރެޒިލްގެ ލުނާ ހާޑްމަން ދިޔައީ 8.75ގެ ސްކޯ އަކުންނެވެ. ހީޓުގެ ފުލަށް ދިޔައީ 2.35ގެ ސްކޯ އަކާއެކު ޗިލީގެ ބެގޯނާ މާޓިނޭޒް އެވެ.