Advertisement

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީން ގަބޫލުކުރައްވައިފި

31 ޖުލައި 2022 - 22:48 2

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީން ގަބޫލުކުރައްވައިފި

31 ޖުލައި 2022 - 22:48 2

އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާދަކުރައްވާނެ ކެންޑިޑޭޓަކީ އެ ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށް އެ ކޯލިޝަންގެ ޖޮއިންޓް ސެނެޓުން ނިންމި ނިންމުން ދަމަހައްޓައި، ރިޔާސީ ޓިކެޓާ ހަވާލުވާން ޔާމީން މިރޭ ނިންމަވައިފި އެވެ.

އަންނަ ރިޔާސީ އިންތިހާބުގައި މިހާރުގެ މައި އިދިކޮޅު ކޯލިޝަނުގެ ރިޔާސީ ޓިކެޓު ޔާމީނަށް ދޭން ފާސްކުރީ މިރޭ ބޭއްވި ސެނެޓު ބައްދަލުވުމުގައި ބައިވެރިވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ.

ޔާމީން ވަނީ ރިޔާސީ ޓިކެޓާ ހަވާލުވާނެ ކަން އިއުލާނު ކުރައްވައި ޕާޓީން "ހަވާލުކުރެއްވި ބުރަ މަސްއޫލިއްޔަތު އަދާކުރުމުގައި ދެމި ހުންނަވާނެ ކަމަށް" ވިދާޅުވެފަ އެވެ.

ރިޔާސީ އިންތިހާބުގައި ޕީޕީއެމް ކޯލިޝަންގެ ފަރާތުން ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކީ ޔާމީން ކަމަށް އެއިރުގެ ކައުންސިލުން ނިންމާފައިވަނީ އެމަނިކުފާނު ޖަލަށް ލުމާ ގުޅިގެން 2019 ވަނަ އަހަރު އެވެ.

ޕީޕީއެމްގެ އަސާސީ ގަވައިދުގައިވާ ގޮތުގައި ރިޔާސީ ޓިކެޓު ދޭނީ ޕްރައިމަރީއަކުންތޯ ނުވަތަ ނޫންތޯ ނިންމުމުގެ ބާރު ޕާޓީގެ ސެނެޓަށް ލިބިގެންވެ އެވެ.

ދައުވާތަކުގެ ހިޔަނި

ދެހާސްތޭވީސް ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މިދިޔަ އަހަރާ ހަމައަށް ޔާމީނަށް އޮތީ ބަންދުވެފަ އެވެ.

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތެރެއިން ގއ. ވޮޑުމުލާ ކުއްޔަށް ދޫކޮށްގެން ލިބުނު ކަމަށް ބުނާ އެއް މިލިއަން ޑޮލަރު އެސްއޯއެފް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަށް ޖާމަކޮށް, އެ ފައިސާގެ އަސްލު އޮޅުވާލައި އޭގެން މަންފާ ހޯދި ކަމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ފަސް އަހަރުގެ ޖަލު ހުކުމަކާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާއެއް ކަނޑައެޅި އެވެ. އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އަގުލަބިއްޔަތު ރައުޔަކާއެކު ހުކުމް ދެމެހެއްޓި އެވެ.\

ނަމަވެސް، 2021 ވަނަ އަހަރު ސުޕްރީމް ކޯޓުން ވަނީ ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކަނޑައަޅައި، އެމަނިކުފާނު މިނިވަން ކުރައްވައިފަ އެވެ.

އޭގެ ފަހުން ޕާޓީގެ ހަރަކާތްތައް ޔާމީން އިސްވެ ހުންނަވައި ވަނީ ވަރުގަދަ ކުރައްވައިފަ އެވެ.

ޕީޕީއެމް/ޕީއެންސީ ކޯލިޝަނުގެ ޓިކެޓް ޔާމީން ގަބޫލުކުރައްވާފައިވާއިރު، 2023ގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް އެމަނިކުފާނަށް މިވަގުތު އެއްވެސް ހުރަހެއް ނެތެވެ.

ނަމަވެސް، ބޮޑު ހިޔާނާތުގެ ތެރޭގައި ހިމެނޭ ރ. ފުއްގިރިއާއި، ވ. އާރަށް ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތު ޔާމީންގެ މައްޗަށް ދައުލަތުން ކުރާއިރު، އެ ދެ ދައުވާގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުގައި ކުރިއަށް އެބަދެ އެވެ.

ފުއްގިރި މައްސަލާގައި ދައުލަތުން ޔާމީންގެ މައްޗަށް ތުހުމަތުކުރަނީ، ފުއްގިރި، ކްލެސިކް ސިޓީ އައިލެންޑް ހޯލްޑިންގްސްއަށް ކުއްޔަށް ދޫކުރުމުގައި އަހުމަދު "ކްރިކް" ރިޒާ މެދުވެރިކޮށް 2015 ވަނަ އަހަރު، 1.3 މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ނެގި ކަމަށެވެ.

އަދި އެ ފައިސާގެ ތެރެއިން 1.1 މިލިއަން ޑޮލަރު މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް ދެ ކުންފުންޏެއް މެދުވެރިކޮށް ޔާމީންގެ ބޭންކް އެކައުންޓަކަށް ޖަމާކޮށް، ރިޝްވަތު ގަބޫލުކޮށްފައިވާ ކަމަށް ވެސް ދައުވާގައި ބުނެ އެވެ.

އާރަށް މައްސަލާގައި ކުރާ ދައުވާގައި ބުނަނީ ރިސޯޓެއް ގޮތުގައި ތަރައްގީ ކުރުމަށް އާރަށް ބޭރު ބަޔަކަށް ވިއްކައިގެން ލިބުނު އެއް މިލިއަން ޑޮލަރު (15.3 މިލިއަން ރުފިޔާ) ޔާމީންގެ ބޭންކު އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށެވެ.

އެ ދެ މައްސަލަ ވެސް މިއަހަރުގެ ތެރޭގައި ނިންމަން ކްރިމިނަލް ކޯޓުން އަމާޒު ހިފާފައިވާއިރު، އޭގެން އެއްވެސް މައްސަލައެއް ޔާމީނާ ދެކޮޅަށް ނިންމައިފިނަމަ، އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ބަންދުވާނެ އެވެ.