Advertisement

ވިޒިޓް މޯލްޑިވްސް ޕްރޯ: ޖޫނިއާ ބައިގެ މިއަދު ވާދަވެރި ހީޓުތަކެއް

31 ޖުލައި 2022 - 23:26 0

ޖޫނިއާ ބައިގެ ފުރަތަމަ ބުރުގެ ހީޓުު އެކަކުން އެއް ވަނަ ހޯދި އިބްރާހިމް އަތޫފް / ފޮޓޯ: އިމޭޖަސް.އެމްވީ


ވިޒިޓް މޯލްޑިވްސް ޕްރޯ: ޖޫނިއާ ބައިގެ މިއަދު ވާދަވެރި ހީޓުތަކެއް

31 ޖުލައި 2022 - 23:26 0

ވިޒިޓް މޯލްޑިވްސް ޕްރޯ 2022ގެ ޖޫނިއާ ބައިގައި މިއަދު ކުރިއަށް ދިޔަ ފުރަތަމަ ބުރާއި ދެ ވަނަ ބުރުގެ ވާދަވެރި ހީޓުތަކުން ރާއްޖޭގެ ޒުވާން ރާޅާ އެޅުންތެރިން ހުނަރުވެރި އަދި އުއްމީދީ އުކުޅުތަކެއް ދައްކާލައިފި އެވެ.

ދުނިޔޭގެ މަތީ ފަންތީގެ ބޮޑީބޯޑަރުންނާ އެކު މިއަދު މާލޭ ރާޅުގަނޑު ސަރަހައްދުގައި ފެށި ވިޒިޓް މޯލްޑިވްސް ޕްރޯ 2022 ގައި މިއަދު ގިނަ ހީޓުތަކެއް ކުރިއަށްދިޔަ އެވެ. އެ ގޮތުން ފިރިހެން އޯޕަން ބައިގެ ފުރަތަމަ ބުރުގެ ހީޓުތައް ނިމުނުއިރު އަންހެން ބައިގެ ފުރަތަމަ ބުރުގެ ހީޓުތައް ވެސް ވަނީ ނިމިފަ އެވެ.

ޕްރޯ ޖޫނިއާ ބަޔަށް ބަލާއިރު މި ބައިގައި ރާއްޖެއިން ބޭރުން ވާދަކޮށްފައިވަނީ އެންމެ ބޮޑީބޯޑަރެކެވެ. ރާއްޖޭގެ ޖޫނިއާ އުއްމީދީ ބޯޑަރުންނާއި ދެކޮޅަށް ހުރި ހަމައެކަނި ބޭރުގެ ބޯޑަރަކީ ކެނެރީ އައިލެންޑްސްގެ ގެބްރިއެލް މިލޯނާ އެވެ.

ފުރަތަމަ ބުރުގެ ހީޓުގައި ވެސް ގެބްރިއެލްއާ ދިވެހި ބޮޑީބޯޑަރުންގެ ވާދަވެރިކަން ފެނުނެވެ. އެ ގޮތުން ރާއްޖޭގެ ޖަރީޝް ޖިހާދު އާއި މުހައްމަދު ކައިފް ގެބްރިއެލް އަށް ރަނގަޅު ފައިޓެއް ދިނެވެ. މި ހީޓު ގެބްރިއެލް ކާމިޔާބުކުރީ 12.75ގެ ސްކޯ އަކުންނެވެ. ދެ ވަނަ އަށް ޖާރީޝް ދިޔައީ 11.25ގެ ސްކޯ އަކުންނެވެ. އަދި ތިން ވަނަ އަށް ކައިފް ދިޔައީ 10.65ގެ ސްކޯ އަކުންނެވެ. މި ހީޓުގެ ފުލަށް ދިޔައީ 4.5 ގެ ސްކޯއަކުން މުހައްމަދު ޝީބްތު އެވެ.

ޖޫނިއާ ބައިގެ އަނެއް ހީޓުގައި ވާދަކުރީ ރާއްޖޭގެ ހަތަރު ބޯޑަރުންނެވެ. ވާދަވެރިކޮށް ދިޔަ މި ހީޓު އިބްރާހިމް އަތޫފް ކާމިޔާބުކުރީ 7.50 ގެ ސްކޯ އަކުންނެވެ. 6.20 ގެ ސްކޯ އަކުން އާމިން މޫސާ ދެ ވަނަ ހޯދިއިރު، ޖޫނިއާ ގައުމީ ޓީމްގެ އެއް ވަނަ ޝީމާލް ޝަމީމް ދިޔައީ މި ހީޓުން ތިން ވަނަ އަށެވެ. ފުލަށް ދިޔައީ އިޔާން އަހުމަދު އެވެ.

ޖޫނިއާ ބައިގެ ފުރަތަމަ ބުރުގެ ހީޓުތަކުން ކުރި ނުލިބުނު ބޯޑަރުންނަށް ލިބުނު ދެވަނަ ފުރުސަތުގެ ބޭނުން ހިފައި ތިން ވަނަ ބުރުން ޖާގަ ހޯދީ ޝީމާލް ޝަމީމް (ޝިމައްލެ) އާއި މުހައްމަދު ކައިފް އެވެ. ވާދަވެރިކޮށް ދިޔަ މި ހީޓުން ބަލިވެ ޖޫނިއާ ބައިން ކަޓާފައިވަނީ އިޔާން އާއި ޝިބްތު އެވެ.

މުބާރާތުގެ ޖޫނިއާ ބައިގެ ތިން ވަނަ ބުރުގެ ދެ ހީޓު މާދަމާ ކުރިއަށްދާނެ އެވެ. މި ދެ ހީޓުން ކުރި ހޯދާ ހަތަރު ބައިވެރިންނަށް ސެމީ ފައިނަލުން ޖާގަ ލިބޭނެ އެވެ.