Advertisement

ފަޒްލޫނާއި ނިޝާން ހަމަނުޖެހުމަށް ހިތްވަރުދީ ވާހަކަދައްކާ ވީޑިއޯ އެބަހުރި: ދައުލަތް

31 ޖުލައި 2022 - 17:31 3

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޝައިހް ފަޒްލޫން އާއި ޝައިހް ނިޝާން: އެ މީހުނާ ދެކޮޅަށް ހުރި ހެކިތަކުގެ ވާހަކަތައް ދައުލަތުން ކޯޓުގައި ދެއްކި - ފޮޓޯ: މުހައްމަދު ޝާބިން | އަދަދު


ފަޒްލޫނާއި ނިޝާން ހަމަނުޖެހުމަށް ހިތްވަރުދީ ވާހަކަދައްކާ ވީޑިއޯ އެބަހުރި: ދައުލަތް

31 ޖުލައި 2022 - 17:31 3

ޔޯގާ ދުވަސް ފާހަގަކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތް ކުރިއަށް ދަނިކޮށް އެތަނަށް ވަދެގަނެ, ހަމަނުޖެހުން ހިންގުމަށާއި ދީނީ ހަރުކަށި ފިކުރަށް ހިތްވަރުދީ ޝެއިހު ފަޒްލޫން މުހައްމަދާއި ޝެއިހު އާދަމް ނިޝާން ވާހަކަ ދައްކަވާ މަންޒަރު ފެންނަ ވީޑިއޯ އެބަހުރި ކަމަށް ދައުލަތުން ބުނެފި އެވެ.

ޝެއިހު ފަޒްލޫން މުހައްމަދާއި ޝެއިހު އާދަމް ނިޝާންގެ މައްޗަށް ފުލުހުން ތުހުމަތު ކުރަނީ ވެސް ޔޯގާ ދުވަހުގެ ހަރަކާތް ހުއްޓުވަން ހިނގި ހަމަނުޖެހުން ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށެވެ.

އާދަމް ނިޝާންގެ ބަންދަށް 16 ދުވަސް އިތުރުކޮށްފައިވާ ކްރިމިނަލް ކޯޓުގެ އަމުރު އޭނާގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފްކޮށް ހުށަހެޅި މައިގަނޑު ނުކުތާއަކީ އެ ތުހުމަތަކަށް ބާރުދޭ ހެކިތަކެއް ނެތް ކަމަށެވެ. އަދި އިންޓެލިޖެންސް ރިޕޯޓަކަށް ގާނޫނުގައި ކަނޑައަޅާފައިވާ ޝަރުތުތައް ފުލުހުން ހުށަހެޅި ރިޕޯޓްގައި ފުރިހަމަ ނުވާ ކަމަށް ބުނެ ވެސް އާދަމް ނިޝާންގެ ފަރާތުން ނުކުތާއެއް ހުށަހަޅާފައިވެ އެވެ.

އާދަމް ނިޝާންގެ ފަރާތުން ހުށަހަޅާފައިވާ އިސްތިއުނާފީ ނުކުތާތަކަށް ރައްދު ދެއްވައި ދައުލަތުގެ ވަކީލު އަހްމަދު ޝަފީއު ވިދާޅުވީ، ޔޯގާއާ ދެކޮޅަށް ގަލޮޅު ދަނޑު ސަރަހައްދަށް ޖަމާވި މީހުންނާ މުހާތަބުކޮށް ނިޝާން ވާހަކަ ދައްކަވާ މަންޒަރު ހިމެނޭ ސީީސީޓީވީ ފުޓޭޖްއެއް ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަމަށެވެ.

ސީސީޓީވީ ފުޓޭޖްގެ މައްޗަށް ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓެއް ވެސް ހެކީގެ ގޮތުގައި ހުށަހަޅާފައިވާއިރު އެ ރިޕޯޓްގައި ނިޝާން ދެއްކެވި ވާހަކަތަކުގެ ޓްރާންސްކްރިޕްޓެއް ވެސް ހިމަނާފައިވާ ކަމަށް ޝަފީއު ވިދާޅުވި އެވެ.

އަދި "އަތުން ހުއްޓުވަން" ޖެހޭ ނަމަ އެ ގޮތަށް ވެސް ޔޯގާ ހުއްޓުވަން ޖެހޭނެ ކަމަށް ވިދާޅުވެ ގަލޮޅު ދަނޑު ސަރަހައްދަށް ވަދެ ހަމަނުޖެހުން ހިންގުމަށް ހިތްވަރުދީ ނިޝާން ވާހަކަ ދެއްކެވި ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މިކަމާ ގުޅިގެން ނިޝާން ވެސް ވާހަކަ ދެއްކެވި އެވެ. ނިޝާން ވިދާޅުވި ގޮތުން ދައުލަތުން އިޝާރާތް ކުރި ވާހަކައަކީ އޭނާ އެ ތަނުގައި ހުރެ ކިޔައިދެއްވި ހަދީސްއެއް ކަމަށެވެ. އެ ގޮތުން އޭގައި ބުނަނީ ހަރާމް ކަމެއް އަތުން މަނާ ކުރުމުގެ ކުޅަދާނަކަން އޮތް މީހަކު އެ ގޮތަށް މަނާކުރަން ވާނެ ކަމަށާއި، އެ ވަރު ކުޅަދާނަ ނޫން މީހުން ދުލުން އަދި އެ ވަރުން ކުޅަދާނަ ނޫން މީހުން ހިތުން އެ ކަމެއް މަނާ ކުރަން ވާނެ ކަމަށެވެ.

ޝަރުތުތަކާއެކު މި ވަގުތު ބަންދުން ދޫކޮށްލާފައިވާ ފަޒްލޫން ބަންދުގައި ބަހައްޓަން ކުރިން ނެރުނު އަމުރުތައް ވެސް ހައިކޯޓުގައި ވަނީ އިސްތިއުނާފްކޮށްފަ އެވެ. ފަޒްލޫންގެ ފަރާތުން ވެސް މައިގަނޑު ގޮތެއްގައި ހުށަހެޅި ނުކުތާތަކަކީ ދައުލަތުން ކުރާ ތުހުމަތުތަކަށް ބާރުދެވޭ ވަރުގެ ހެއްކެއް ދެއްކިފައި ނެތް ކަމުގަ އެވެ.

ދައުލަތުގެ ވަކީލު އެ ކަމުގައި ވެސް ފާހަގަ ކުރެއްވި ކަމަކީ ފަޒްލޫން އެ ސަރަހައްދުގައި ތިބި މީހުނާ މުހާތަބުކޮށް ދައްކަވާފައިވާ ވާހަކަތަކުގެ ވީޑިއޯ ފުޓޭޖެއް ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ކަމެވެ.

އެ ގޮތުން އެފަދަ ތަނެއްގައި ހުރެ، ޔޯގާއާ މެދު ހިތްހަމަނުޖެހުން އޮތް ބަޔެއްގެ މެދުގައި ރުޅިވެރިކަން އުފެދޭ ގޮތަށް އަދި ހަމަނުޖެހުމަކަށް ދިއުމަށް ވެސް ހިތްވަރު ލިބޭ ގޮތަށް ފަޒްލޫން ވެސް ވާހަކަ ދައްކަވާފައިވާ ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތް

ޖޫން 21 ގެ ހެނދުނު 6:30 ގައި ފެށި ހަރަކާތަށް ހުރަސް އަޅަން ގަދަކަމުން ގަލޮޅު ދަނޑަށް ވަދެ ބަޔަކު ހަމަލާ ދިނެވެ. އެ ހަރަކާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް ވާހަކަ ދައްކަވަން ހުއްޓައި ބަޔަކު ދަނޑަށް ވަދެގަނެ އަޑު ގަދަކުރަމުން އެ ހަރަކާތް ހުއްޓުވި އެވެ. އެވަގުތު އިންޑިއާގެ ހައި ކޮމިޝަނަރާއި އދ. އިން ރާއްޖެއަށް ކަނޑައަޅާފައި ތިބޭ ޑިޕްލޮމެޓުން ވެސް ތިއްބެވެ.

ގިނަ އަދަދެއްގެ ޑިޕްލޮމެޓުން ތިއްބައި, ފުލުހުންގެ ސަފުތައް ފޫއަޅުވައި އެ ބޭފުޅުންނާ ހަމައަށް ހަމަލާ ދޭން ބަޔަކަށް ވަދެވުމުން ފުލުހުންނަށް ވެސް ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި, އެ ހަރަކާތުގެ މައުލޫމާތު ކުރިން ލިބިފައިވާއިރު, އެކަމަށް ފުލުހުންނަށް ތައްޔާރުވެފައި ނެތް ކަމަށް ބުނެ ވެސް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މި މައްސަލައިގައި ފުލުހުން އަމަލުކުރި ގޮތާ މެދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި މިކަން ހިނގައިދިޔަ ގޮތް ބަލަން ކުރިޔަށް ގެންދާ ރިވިއުއަކަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

ގަލޮޅު ދަނޑުގެ ގޭޓްތަކުން މީހުންތައް ވަދެގަނެ, ދިދަތަކުން ބައެއް މީހުންނަށް ހަމަލާދޭން މަސައްކަތްކޮށްފައިވެ އެވެ. އެ މީހުންގެ ހަމަލާ އަމާޒުވި މީހުންގެ ތެރޭގައި އިންޑިއާ ހައިކޮމިޝަނުގެ މުވައްޒަފަކު ވެސް ހިމެނެ އެވެ. ނަމަވެސް، އެއްވެސް ޑިޕްލޮމެޓަކަށް އަނިޔާ ވެފައެއް ނުވެ އެވެ.

އެ މީހުން ދަނޑަށް ވަދެގަތީ ދަނޑުގެ ބޭރުގައި ޖަހާފައި ހުރި ފެންސް ވެސް ހަލާކުކޮށްލުމަށް ފަހު އެވެ. އެ ތަނުގައި ޖަހާފައި ހުރި ބައެއް ބޯޑުތަކަށް ވެސް ގެއްލުން ދިނެވެ. ފުލުހުންނަށް އެ މީހުން ބޭރުކޮށްލެވުނީ 40 ވަރަކަށް މިނެޓު ފަހުންނެވެ. އަދި، އެއްވި މީހުން ފޮނުވާލަން ކަރުނަ ގޭސް ވެސް ޖެހި އެވެ.