Advertisement

އިގުތިސާދީ ފިޔަވަޅުތައް އަޅާނީ މާލީ އިދާރާތަކުގެ ލަފަޔާ އެކު: އަމީރު

31 ޖުލައި 2022 - 14:31 0

މުހައްމަދު ނަސީމް

މުހައްމަދު ނަސީމް

ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މީޑިއާ ބްރީފިންއެއް ގައި ވާހަކަދައްކަވަނީ. އޭނާ ވިދާޅުވީ އިގުތިސާދީ ފިޔަވަޅުތައް އަޅާނީ މާލީ އިދާރާތަކުގެ ލަފަޔާ އެކު ކަމަށް. ފޮޓޯ:އަބްދުﷲ އިޔާން/އަދަދު


އިގުތިސާދީ ފިޔަވަޅުތައް އަޅާނީ މާލީ އިދާރާތަކުގެ ލަފަޔާ އެކު: އަމީރު

31 ޖުލައި 2022 - 14:31 0

ރާއްޖޭގެ އިގުތިސާދު ހަރުދަނާ ކުރަން ސަރުކާރުން އަޅާ ފިޔަވަޅުތަކަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި ވޯލްޑް ބޭންކުން މަރުހަބާ ކިޔާފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ފިޔަވަޅުތައް އަޅާނީ ބައިނަލް އަގުވާމީ މާލީ އިދާރާތަކުގެ ލަފަޔާ އެކުގައި ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އަމީރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިގުތިސާދީ އަދި ފިސްކަލް މިންގަނޑުތައް ހަރުދަނާ ކުރުމަށާއި ދެމެހެއްޓެނިވިކަން އިތުރުކުރަން އަޅާ ފިޔަވަޅުތަކަށް އައިއެމްއެފް އަދި ވޯލްޑް ބޭންކް އިން މަރުހަބާ ކިޔުމަކީ ލިބުނު ހިތްވަރެއް ކަމަށެވެ. އަދި އަޅަން ނިންމާފައިވާ ފިޔަވަޅުތަކަށް އެ ދެ އިދާރާއިން މަރުހަބާ ކިއުމަކީ އެ ފިޔަވަޅުތަކަށް ލިބުނު އިތުބާރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުސްތަގުބަލުގައި ވެސް، ރާއްޖެއިން އިގުތިސާދީ އަދި ފިސްކަލް ކަންކަމުގައި ފިޔަވަޅު އަޅަމުންދާނީ ރާއްޖޭގެ އިގުތިސާދީ ކުރިއެރުމާއި، ރައްޔިތުންގެ ފާގަތިކަމާއި، މާލީ ދެމެހެއްޓެނިވިކަން އިސްކޮށްގެން، ރާއްޖެއާއެކު މަސައްކަތްކުރާ މާލީ އިދާރާތަކުގެ ލަފާއާއެކުގައި ކަމުގައި ދަންނަވަން،" އަމީރު ވިދާޅުވި އެވެ.

އިގުތިސާދު ހަރުދަނާކޮށް ދައުލަށް ލިބޭ އާމްދަނީ އިތުރުކުރަން ސަރުކާރުން އިއުލާނުކޮށްފައިވާ ފިޔަވަަޅުތައް އަމީރު މިއަދު ވެސް ދިފާއުކުރެއްވި އެވެ.

އޭނާ ވިދާޅުވީ އަދި ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމާއި ސަބްސިޑީތައް ދެވޭގޮތް މުރާޖައާކުރުމާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ދައުލަތުގެ ބަޖެޓަށް ބަރޯސާވާ މިންވަރު ކުޑަކުރުމަކީ އިގުތިސާދީ މިންގަނޑުތައް ރަނގަޅުކުރަން މުހިއްމު ފިޔަވަޅުތަކެއް ކަމަށެވެ.

މިދިޔަ ޖޫން މަހު އައިއެމްއެފްގެ ވަފުދަކުން ރާއްޖެ އައިސް ދިވެހި އިގުތިސޯދީ ހާލަތާއި، ތަސައްވުރާއި، ސަރުކާރުގެ ސިޔާސަތާ ގުޅޭގޮތުން މަޝްވަރާކުރި އެވެ. މި ދަތުރަށް ފަހު ނެރުނު ނޫސް ބަޔާނުގައި އައިއެމްއެފް އިން ވަނީ ޓޫރިޒަމް ސިނާއަތުގެ ހަރަކާތްތެރިކަމުގެ ފަހަތުގައި، އިގުތިސޯދު ކުރިއަރާ ދުވެލި ބާރުވަމުން އަންނަ ކަން ފާހަގަކޮށްފަ އެވެ.

އެއާ އެކު އެހެން ސިނާއަތްތަކަށް އޭގެ ފައިދާ ކޮށް މި އަހަރުގެ ތެރޭގައި އިގުތިސޯދު 8.7 ޕަސެންޓުގައި ކުރިއަރާނެ ކަމަށް އައިއެމްއެފް އިން ލަފާކުރި އެވެ. އަދި, އުފުލެމުންދާ ކާބޯތަކެއްޗާއި ހަކަތައިގެ އަގުތަކާ ހުރެ އިންފްލޭޝަން 3.1 ޕަސެންޓަށް އިތުރުވާނެ ކަމަށް ފާހަގަކުރި އެވެ.

އެކަމަކު ޓޫރިޒަމްގެ މުހިންމު މާކެޓުތަކުގެ އިގުތިސޯދު ދަށަށް ގޮސް، މާލީ ފިއްތުންތައް އިތުރުވުމުގެ ނުރަނގަޅު އަސަރު އިގުތިސޯދަށް ކުރުމުގެ ފުރުސަތު ބޮޑުކަމަށް އައިއެމްއެފްގެ ވަފުދުގެ އިސްމީހަކަށް ހުންނެވި ޓިޑިއާނޭ ކިންޑާއާ ހަވާލާދީ ބަޔާނުގައި ވެ އެވެ.