Advertisement

ޕެލޯސީ އޭޝިއާ ޕެސިފިކަށް، ޓައިވާނާ މެދު އަދިވެސް އެއްޗެއް ނުބުނޭ

31 ޖުލައި 2022 - 14:03 0

ފާތިމަތު ސާޔާ އަހުމަދު

ފާތިމަތު ސާޔާ އަހުމަދު

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ރައީސް ނޭންސީ ޕެލޯސީ. -- ފޮޓޯ: އޭއެފްޕީ


ޕެލޯސީ އޭޝިއާ ޕެސިފިކަށް، ޓައިވާނާ މެދު އަދިވެސް އެއްޗެއް ނުބުނޭ

31 ޖުލައި 2022 - 14:03 0

ވޮޝިންޓަން، އެމެރިކާ (ޖުލައި 31) - އެމެރިކާގެ ގާނޫނު ހަދާ މަޖިލިސް، ހައުސް އޮފް ރެޕްރެޒެންޓޭޓިވްސް ރައީސް ނޭންސީ ޕެލޯސީ އޭޝިއާ ޕެސިފިކް ސަރަހައްދަށް ދަތުރު ކުރައްވާނެކަން އިއުލާންކޮށްފި އެވެ.

ކޮންގްރެސްގެ ވަފުދަކާ އެކު ޕެލޯސީ އޭޝިއާ ޕެސިފިކަށް ކުރައްވާ ދަތުރުގައި ސިންގަޕޫރު، މެލޭޝިއާ، ދެކުނު ކޮރެއާ އަދި ޖަޕާނަށް ވަޑައިގަންނަވާނެ ކަމަށް އެކަމަނާގެ އޮފީހުން އާދީއްތަ ދުވަހު ބުންޏެވެ.

ހަ މެމްބަރުންގެ ވަފުދުން މި ދަތުރުގައި ޓައިވާނަށް ވަޑައިގަންނަވާނެ ކަމަށް އެކަމަނާގެ އޮފީހުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައެއް ނުވެ އެވެ. ނަމަވެސް ޓައިވާނު ދަތުރުގެ އަޑު ފެތުރޭތާ ދުވަސްތަކެއް ވެއްޖެ އެވެ.

"ދަތުރުގެ އަމާޒަކީ ސެކިއުރިޓީ އާއި އިގްތިސާދީ ގުޅުމާއި ޑިމޮކްރެޓިކް ވެރިކަމުގެ ނިޒާމާ ގުޅޭ މަޝްވަރާ ކުރުން،" ޕެލޯސީގެ އޮފީހުން ބުންޏެވެ.

ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ބުނީ ޕެލޯސީ ހިމެނިވަޑަައިގަންނަވާ އެމެރިކާ ކޮންގްރެސްގެ ވަފުދެއް އެ ގައުމަށް ޒިޔާރަތް ކުރާނީ އޯގަސްޓް 1-2 އަށް ކަމަށެވެ. ވަފުދުގެ މެމްބަރުން ސިންގަޕޫރުގެ ރައީސް ހަލީމާ ޔައުގޫބް އާއި ބޮޑު ވަޒީރު ލީ ސިއެން ލޫންގްއާ ބައްދަލުކުރަައްވާނެ އެވެ.

ޕެލޯސީ ޓައިވާނަށް ވަަޑައިގަންނަވަން އުޅޭކަމުގެ އަޑު ފެތުރޭތާާ އެތައް ދުވަހެއް ވެފައިވާ އިރު، އެކަމާ ގުޅޭ ގޮތުން އެކަމަނާ މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

ކުރިން ޕެލޯސީ ނިންމެވީ މި އަހަރުގެ އެޕްރީލް މަހު ޓައިވާނަށް ދަތުރު ކުރެއްވުމަށެވެ. ނަމަވެސް، އެ ޝެޑިއުލް ބަދަލު ކުރެއްވީ ކޮވިޑަށް ޕޮޒިޓިވްވުމުންނެވެ.

މި ހަފްތާގައި ޗަައިނާއިން އިންޒާރު ދިނީ ދަތުރަައިގެން ކުރިއަށް ގޮސްފި ނަމަ "ހަރުދަަނާ އަދި ހަރުކަށި ފިޔަވަޅުތަކެއް" އަޅާނެ ކަމަށެވެ. އެކަމަކު އަޅާނެ ވަކި ފިޔަވަޅެއް ހާމައެއް ނުކުރެ އެވެ.

އެމެރިކާގެ ކޮންގްރެސްގައި ޕެލޯސީ 30 އަހަރަށް ވުރެ ދިގު މުއްދަތެއް ހޭދަކޮށްފައިވާ އިރު، އެކަމަނާއަކީ ދެގޮތެއް ނުވެ ޗައިނާއަށް އަބަދުވެސް ފާޑުކިޔުމުގައި ފާހަގަކުރެވޭ ސިޔާސީ ލީޑަރެކެވެ.

އެމެރިކާގެ ކޮންގްރެސްގައި މައި ދެ ޕާޓީއިން ވެސް ޓައިވާނުގެ މައްސަަލައިގައި އެއް ވިސްނުމެއް ގެންގުޅޭ އިރު، މިދިޔަ ހަފްތާގައި ޕެލޯސީ ވިދާޅުވީ "ޓައިވާނަށް އޮތް ތާއީދު ހާމަކުރުން މުހިއްމު" ކަމަށެވެ.

ޗައިނާއިން ދެކޭ ގޮތުގައި ޓައިވާނަކީ އެ ގައުމުގެ ބަޔެކެވެ. އެކަމަކު ޓައިވާނުން ބުނަނީ އެއީ މިނިވަން ދައުލަތެއް ކަމަށެވެ. ޗައިނާއިން ބުނެފައި ވަނީ ޓައިވާނާ ދެކޮޅަށް ބާރުގެ ބޭނުން ކުރަން ޖެހިއްޖެ ނަމަ ފަސް ނުޖެހޭނެ ކަމަށެވެ.